‏”އަޅުގަނޑުމެންގެ ކާމިޔާބީ މިނެ‏‎ ‎‏ކިރަން ވާނީ އަނބުރާ ޖަލަށް ނާންނަނީ ‏‏ކިތައް މީހުންތޯ ބަލައިގެން” ކޮމިޝަނަރ އޮފް ޕްރިޒަންސް‏

‏ކޮމިޝަނަރ އޮފް ޕްރިޒަންސް‏ މާފުށީ ޖަލުގެ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމީއްޔާތުގައި ވާހަކަފުޅުދައްކަވަނީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކާމިޔާބީ މިނެ ކިރަން ވާނީ އަނބުރާ ޖަލަށް ނާންނަނީ ކިތައް މީހުންތޯ ބަލައިގެންކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިޙާން ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ ޝިހާން މިހެން ވިދާޅުވީ މާފުށީ ޖަލުގެ 18 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“އަޅުގަނޑުމެން މިހާރު މި ދަތުރުކުރާ މަރުހަލާއަކީ ހަމައެކަނި ޖަލުން މީހުން ފިލިޔަނުދީ ބެލެހްޓުމެއް ނޫން. ޖަލުގައި އެމީހުން ހޭދަކުރާ ދުވަސްތަކުގައި އެމީހުންގެ ވިސްނުން ބަދަލުކުރަން މި ޖެހެނީ އިތުރަށް ކުށް ނުކުރުމަށް. އަޅުގަނޑުމެންގެ މިހާރުގެ އަމާޒަކީ މުޖްތަމައުގައި އެމީހުންނަށް ފައިދާވާނެ ގޮތްތަކެއް ދަސްކޮށްދީ، އެމީހުން ހުކުމް ތަންފީޒްކުރުމަށްފަހު އަނބުރާ ޖަލަށް ނާންނާނެ ބަޔަކަށް ހެދުން.” ކޮމިޝަނަރ ވިދާޅުވިއެވެ.

ކޮމިޝަނަރ އިތުރަށް ފާހަގަކުރެއްވީ މިއަދުގެ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަކީ މޮޑަން މެނޭޖްމަންޓެއްގެ ދަށުން ޕްރިޒަން ސިސްޓަމްއެއް ގާއިމުކުރުމަށް 2006 ވަނަ އަހަރު ފެށުނު މަސައްކަތުގެ ނަތީޖާކަމާއި، މި މުއައްސަސާވަނީ އެކިއެކި ރޮނގުތަކުން ކުރިއަރާފައިކަމަށެވެ. އަދި އެހެން ފަރާތަކަށް ޑިޕެންޑްނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ، މި މުވައްސަސާގެ ހަރަކާތްތައް ކުރިއަށްދާކަމަށާއި، އެކަމަށް ފަޚުރުވެރިކަމާއެކު ހުރިހާ ބޭފުޅުންނަށް މަރުހަބާ ދަންނަވާކަމަށް ވިދާޅުވިއެވެ.