ތަޙުޤީޤީ ނަޒަރަކުން އަމީން ދައުރުގެ ތަޢުލީމީ ސިޔާސަތުތަކަށް ބަލައިލުން

އަމީން ދައުރުގެ ތަޢުލީމީ ކަންތައްތަކަށް ނަޒަރު ހިންގާލާއިރު، އެތައް އާ ސިޔާސަތުތަކެއް ފާހަގަ ކުރެވެއެވެ. މުނާޤަޝާ ކުރުމަށްޓަކައި، އެ ސިޔާސަތުތައް އަންނަނިވި ހަތް ބަޔަށް ގިންތި ކުރެވިދާނެއެވެ.

ކިޔަވައިދިނުމާއި ކިޔެވުން ވަގުތީގޮތުން ހަނިކޮށްލުން.

އަންހެން ކުދިންނަށް ކިޔަވައިދޭން ފުޅާގޮތެއްގައި ތަންފީޒުކުރެވުން

މަދްރަސާތައް ފުޅާކޮށް ކިޔަވައިދިނުން، ބައިނަލްއަޤްވާމީ ފެންވަރާ ހަމަކުރުން

ފެންވަރަށް ދެވޭ ސަމާލުކަން އިތުރުކުރުން

ސިލޯނުގައި ދިވެހީންނަށް ދެވޭ ތަޢުލީމަށް ނިޒާމީ ސިފައެއް ގެނައުން

އަތޮޅުތަކުން މާލެއަށް ކިޔަވަން ކުދިން ގެނައުން

މަސައްކަތްތެރިކަމުގެ ތަޢުލީމު ފެށުން

އަޅުގަނޑުމެން ދެން ބަލާލާނީ، މި ތަޢުލީމީ ކަންތައްތައް ނުވަތަ ސިޔާސަތުތައް ވުޖޫދުކުރުވި ސަބަބުތަކަށާއި ތަޙުޤީޤީ ނަޒަރަކުން އެ ސިޔާސަތުތައް ކަނޑައެޅި ލިޔުންތަކަށާއި ތަންފީޒުކުރުމުން ނުކުތް އަސަރުތަކަށެވެ. މިތިންކަންތައްތަކަށް، ތިން ފެންވަރެއްގައި އިންސާފުކުރެވިދާނެ އެވެ. އެއީ ބައިނަލްއަޤްވާމީ ފެންވަރާއި ޤައުމީ ފެންވަރާއި އަދި ރަށު/މުއައްސަސާ ފެންވަރު ނުވަތަ ފަރުދީ ފެންވަރެވެ. ސިޔާސަތުތައް ތަޙުޤީޤުކުރަން ބޭނުން ކުރަނީ ކުރީ ބާބުގައިވެސް ބޭނުން ކުރި ކްރިޓިކަލް ތިއަރީ އާއި ޕޯސްޓް-ސްޓްރަކްޗަރަލިޒަމް އެވެ.

ސިޔާސަތުތައް އެކުލަވާލުމަށް ހުރި ނުފޫޒުތަކާއި ސިޔާސަތުގެ ޢިބާރާތްތައް

އިތުރަށް ބަހުސްކުރުމަށް ފާހަގަކޮށްފައިވާ ހަތް ސިޔާސަތުތައް ވުޖޫދުކުރިވި ނުފޫޒުތައް ތަޙްޤީޤީ ނަޒަރަކުން ބަލާލުމުން، ހަތް ތީމެއް ނުވަތަ މައުޟޫޢުއެއް ފާހަގަ ކުރެވެއެވެ.

  1. ރާއްޖޭގެ އިޖްތިމާޢީ އަދި ސިޔާސީ މަސްރަޙު ނުވަތަ ވެށި
  2. ބައިނަލްއަޤްވާމީ އަސަރުތައް
  3. ސިޔާސަތުތައް އެކުލަވާލާ ބާރުގަދަ ފަރާތްތައް
  4. ތަޢުލީމު ފުޅާކުރުމުން ފެންވަރަށް ކުރި ނޭދެވޭ އަސަރު
  5. މަސްއޫލިއްޔަތު އަދާކުރުމަށް ޒިންމާކުރުވުން
  6. އިޖްތިމާޢީ އަދާލަތާއި ހަމަހަމަކޮށް ކަންތައްތައް ކުރުން
  7. ލިބެން ހުރި މަސައްކަތާ މަންހަޖާ ގުޅުވުން

ކުރިން ބަޔާން ކުރެވުނު އަމީން ދައުރުގެ ހަތް ތަޢުލީމީ ސިޔާސަތުގެ ތެރެއިން ފުރަތަމަ ސިޔާސަތަކީ ކިޔަވައިދިނުމާއި ކިޔެވުން ވަގުތީގޮތުން ހަނިކޮށްލުމެވެ. މިކަމުގައި ހިމެނެނީ ދެ ފިޔަވަޅެކެވެ. ފުރަތަމަ ފިޔަވަޅަކީ އަންހެންކުދިން ކިޔަވަން މަދްރަސާއަށް ދިއުން ހުއްޓުމެވެ. މި ސިޔާސަތު އެކުލަވާލުމަށް މައިގަނޑު ނުފޫޒަކީ ރާއްޖޭގެ އިޖްތިމާޢީ އަދި ސިޔާސީ ވެއްޓެވެ. މިއީ އެންމެ ފުރަތަމައަށް މަތީގައި ފާހަގަކޮށްފައިވާ ނުފޫޒެވެ. އިޖްތިމާޢީ ނުފޫޒުތަކުގެ ތެރޭގައި ދީނީ ނުފޫޒު ހިމަނަމެވެ.

އަންހެންކުދިންނަށް ފިރިހެން ކުދިންނާ އެއް މަދަރުސާއެއްގައި ތަފާތުގަޑިއެއްގައި ފިރިހެނުން ކިޔަވައިދިނުން މަނާވުމުން، އަންގައިދެނީ އެ ދުވަސްވަރު ދީނީ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތެވެ. ފުރަތަމަ ކަމާ ބެހޭ ގޮތުން، އަޙްމަދު ޝަފީޤް  (1992، ޞ. 60) ބަޔާންކުރަނީ 31 ޖުލައި 1935 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލިހުގެ 72 ވަނަ ޖަލްސާގައި އަންހެން ކުދިންނަށް ކިޔަވައިދޭންވީ ގޮތާ މެދު ބަހުސްކޮށް، ތިރީގައި އެވަނީ އެ ޖަލްސާއިން ނިންމިގޮތް ކަމަށެވެ.

އަންހެންކުދިން މަދްރަސާއަށް އެއްކޮށްގެން ފިރިހެނުން ކިޔަވައިދިނުން ނުރަނގަޅު ކަމެއް ކަމުގައި ފެންނާތީވެ، އަންހެންކުދީންނަށް، އެކުދީންގެ ގެއަށް މަޢާރިފުން ބަޔަކު ގޮސް، އެ ކުދީންގެ ތެރެއިން ކިޔެވިދާނެ ކަމަށް ފެންނަ ހައެއްކަ ކުދީންނަށް މިހާރުވެސް ކިޔަވައިދޭ ތަކެތި ކިޔަވައިދީ، އެ ކުދީން އެހެން ކުދީންނަށް ކިޔަވައިދޭ ވަރު ވީމާ، އެކުދީންލައްވާ އެހެން އަންހެން ކުދީން މަދްރަސާއަށް ގެނެސްގެން، ކިޔަވައިދެއްވުމާއި ފިރިހެން ކުދީންނަށް ހަމަ މިހާރުވެސް މިކިޔަވައިދޭ ގޮތަށް، ކިޔަވައިދިނުމަށް ފާސްވީ.

އާދެ! މަތީގައިވާ ގޮތަށް ރައްޔިތުންގެ މަޖިލިހުން ނިންމުމާ ގުޅިގެން، ޙަސަން ފަރީދު ދައުރު ނިމެންދެން، އަންހެން ކުދިން މަދްރަސަތުއްސަނިއްޔާ އަށް ކިޔަވަން ދިޔަކަން ދިރާސާކުރަން ބެލި ފޮތްތަކުން އެނގޭކަށް ނެތެވެ. އަދި ފާހަގަކޮށްފައިވާ ހައެއްކަ ކުދިން، އަންހެން މުދައްރިސުންގެގޮތުގައި ތަމްރީނުކުރަން މަސައްކަތްކޮށްފައިވާ ކަމެއް އެނގޭކަށް ނެތެވެ.

ޙަސަން ފަރީދުގެ ވެރިކަމުގައި ދެވަނައަށް ވީ މުހިއްމުކަމަކީ ކިޔަވައިދޭ މާއްދާތައް ވަރަށް ބޮޑަށް މަދުކޮށްލުމާއި ބޭރު ނޫސްފަދަ ތަކެތި ގެނައުން މަނާކުރުމެވެ. ކިޔަވައިދިނުން މުޅިން މަނާކުރިކަމެއް އެނގޭކަށް ނެތެވެ. މިކަމަށް މެދުވެރިވި ސަބަބު، އަޙްމަދު ޝަފީޤް (1992) ފާހަގަކުރަނީ އަންނަނިވި ގޮތަށެވެ.

ހަނގުރާމަ ފެށިގެން ބާޒާރު ދަތިވެގެން ދިޔައިރު، ވިޔަފާރިވެރިންނަކީ ބިދޭސީ ބޯރާއިންނެވެ. ހުރިހާ މުދަލެއް އެއްދުވަހުން އަނެއް ދުވަހަށް އަގުބޮޑު ކުރުމާއި، މުދާފޮރުވުމާއި، އަދި ރައްޔިތުންނާއި ސަރުކާރާ ޖެހޭ ކަހަލަ ފިތުނަތައް އުފައްދަން ފެށުނެވެ. މިކަމުގެ ހެއްލުމުގައި ދިވެހިންގެ ތެރެއިން ވަރަށް މަދު ނަމަވެސް ބަޔަކަށް ބައިވެރިވެވި އެކަމުގެ ހިތާމަ އުފުލަން ޖެހުނެވެ. ކިޔަވައިދިނުމުގެ ނުވަތަ ކިޔެވުމުގެ ނަމުގައި ދޭދޭ މީހުން އެކިތަންތަނަށް އެއްވެގެން ނުރަނގަޅު ސައްލާތަކާއި ޢަމަލުތައް ހިންގިއެވެ. މިކަންކަމުގެ ނަތީޖާއެއްގެ ގޮތުންނާއެކު ކަމާބެހޭ ރަސްމީ ފަރާތްތަކަށް ނޭނގި މިކަންކަން ނުހިނގާގޮތަށް ރޭވުނެވެ. އަމިއްލަ ގޮތުން ކިޔަވައިދޭ މީހުންނާއި ކިޔަވައިދޭ ތަންތަން މަޙްކަމަތުލް މަޢާރިފަށް އެނގިފައި އޮންނަގޮތަށް ހަމަޖެހުނެވެ (ޞ.67)

ހަމަ މިމޭރުމުން ފޮތުގެ އެހެންތަނެއްގައި އެކަމުގެ ސަބަބު އޭނާ ބަޔާންކޮށްފައި ވެއެވެ.

އަދި ހަމަ އެދުވަސްވަރު މަޛްހަބީ ޚިލާފުހުރި މައްސަލަތަކުން މީހުންނަށް އޮޅުންއަރުވައި، އަދި ކިޔެވުމުގެ ނަމުގައި ދޭދޭމީހުން އެކިއެކި ގޭގެއަށް އެއްވެގެން ސިޔާސީ ނުރަނގަޅު ސައްލާތައް ކޮށް ފިތުނަ ފަސާދަ ހިންގި މީހުންނަށް އެ ދަނޑިވަޅުގައި އެކަމުގެ ދޮރުތައް ބަންދުވެގެން ދިޔައެވެ. މިކަމުން ކުރީގައި މިދެންނެވި ބޭފުޅުންނާއި ބޭކަލުންނާއި އަދި އެނޫންވެސް ތެދުވެރި ޚިދްމަތްތެރީންގެ މަގަކަށް ހުރަހެއް ނޭޅެއެވެ. އެހިނދަކުއޮތް ޤާނޫނީ ހަމައަކުން އެ ފަރާތްތަކުން ޢަމަލުކުރައްވަމުން ގެންދެވިއެވެ (ޞ. 186).

މިދެ ލިޔުން ލިޔެފައިވާ އަޙްމަދު ޝަފީޤްގެ  އެއް ދަރިފުޅު ކައިވެނި ކުރެއްވީ އިބްރާހީމް ފަރީދުގެ ދަރިކަނބަލަކާއެވެ. ޙަސަން ފަރީދަށް ބޮޑުބޭބެ ވިދާޅުވާ ބޭކަނބަލަކާއެވެ. އެހެންކަމުން އޭނާގެ ލިޔުއްވުން ތަކުގައި ހުރެދާނެ ތަޢައްޞުބަށް ފިކުރު ހިންގެވުން ހުއްޓެވެ.

ކޮންމެ އަކަސް، އަޞްލު ޤާނޫނުގެ ޢިބާރާތްތަކަށް ވިސްނާލުމުން އޭގެ މަޤްޞަދުތައް ޚިޔާލުކުރެވެއެވެ. ތަޞްވީރު 3.1 ގައި އެވަނީ ދެ ޤާނޫނުގެ ޢިބާރާތްތަކެވެ.

hassanfaridpoliciesތަޞްވީރު 3.1 :  ކިޔެވުން ހަނިކޮށްލުމާއި މަޖައްލާ ގެނައުން މަނާ ކުރި ޤާނޫނު.

ޤާނޫގައިވާ ތާރީޚް ދިމާވަނީ 11 ޑިސެމްބަރ 1939 އާއެވެ (ރައްޔިތުންގެ މަޖިލިސް، 1956، ޞ 116). ފުރަތަމަ ޤާނޫނުގައިވާ ޢިބާރާތަކީ، [1 މި ބިލް ރަޢިއްޔިތުންގެ މަޖިލިހުން ފާސްވެ ރަދުން ތަޞްދީޤު ކުރެއްވުމަށްފަހު، ވަޒީރުލްއަޢުޡަމްގެ މަޙަކްމާއިންނާއި، މަޙަކްމަތުލް މަޢާރިފުން ހުއްދަ ލިބިފައިނުވާ މީހަކު، ޤުރްއާނާއި ޢަރަބިއަކުރާއި ތާނަ އަކުރާއި، ކިޔަވައިދިނުމާއި ޙިސާބު ދަސްކޮށްދިނުން މެނުވީ އެއްވެސް އެއްޗެއް އެއްވެސް ތާކު ކިޔަވައިދީގެން ނުވާނެއެވެ.] މި ޢިބާރާތުން މާނަކުރެވޭ ގޮތުގައި، ސަރުކާރުގެ ހުއްދަނެތި ކިޔަވައިދެވޭނީ ހަމައެކަނި އެ ޤާނޫނުގައި ނަންގެނެވިފައިވާ މާއްދާތަކެވެ. އެ މާއްދާތައް މިޒަމާނުގައި ބަލާނީ ލިޔަންކިޔަން ދަތުމުގެ (ލިޓަރަސީ އަދި ނިޔުމަރަސީ) މުޤައްރަރުގެ ތެރޭގައެވެ. އިތުރަށް ކިޔަވައިދިނުމަށް، ނުވަތަ އެހެން މާއްދާތައް ކިޔަވައިދިނުމަށް ސަރުކާރުގެ ހުއްދަ އޮންނަން ޖެހެއެވެ. ނަމަވެސް، އެއްވެސް ފަރާތަކަށް ހުއްދަ ދިންކަމަކަށް މިކަމާބެހޭގޮތުން އިންޓަރވިޔޫ ކުރި އެއްވެސް މީހަކު ބުނެފައެއް ނުވެއެވެ. އަދި މިބާބުގައި ކުރިން ހުށަހެޅި އިބްރާހީމް ޝިހާބުގެ ވާހަކަފުޅުން ފަޑިޔާރުމަނިކުފާނުގެ ދަރިދަރިކަލުންނަށް ވެސް މި ހުއްދަތައް ނެތްކަން އެނގެއެވެ. އަދި ސަރުކާރުން ފަޑިޔާރުމަނިކުފާނަށް ފޮނުވި ސިޓީއިން، މި ޤާނޫނަކީ ތަންފީޒު ކުރެވޭ ޤާނޫނެއްކަން، ރަމްޒީ ޤާނޫނެއް ނޫންކަން، އެނގެއެވެ. މި ޤާނޫނުގެ ދަށުން އެއްވެސް ބޭރުބަހެއް ދަސްކުރުން މަނާކުރެވުނެވެ. މިކަމުން، ޤާނޫނުގެ މަޤްޞަދަކީ، ބޭރުގެ މުޢާމަލާތްތަކުން، ރާއްޖެއިން ބޭރުގައި ކަންހިނގާ ގޮތް ގޮތުން، ދިވެހީން ދާފަރާ ކުރުންކަން އެނގެއެވެ. މިކަމަށް އިތުރު ދަލީލެއް ލިބެނީ ނޫސް، މަޖައްލާ ފަދަ ތަކެތި މަނާކުރުމުންނެވެ.

ނޫސް މަޖައްލާ ފަދަ ތަކެތި މަނާކުރާ ޤާނޫނުގައިވަނީ [މި ބިލް ރަޢިއްޔިތުންގެ މަޖިލިހުން ފާސްވެ ރަދުން ތަޞްދީޤު ކުރެއްވުމަށްފަހު، ފޮތް، ނޫސް، މަޖައްލާ ފަދަ ތަކެތި ގެނެވޭނީ ވަޒީރުލްއަޢުޡަމްގެ މަޙަކްމާ އާއި މަޙަކްމަތުލްމަޢާރިފް އަށް މިފަދަ ތަކެތި ގެނެވުމަށް، ހުއްދަ ދޭން ފެނުނު މީހަކަށެވެ. އަދި މިފަދަ ތަކެތި ވިއްކޭނީ ވެސް މިފަދައިން އަމުރު ލިބިފައިވާ މީހަކަށެވެ.]

މިފަދަ ޤާނޫނުތަކެއް ފާސްކުރުމުގައި ވަނީ ޤައުމީ ފެންވަރުގެ ނުފޫޒުތަކަކާއި ބައިނަލްއަޤްވާމީ ފެންވަރުގެ ނުފޫޒުތަކެކެވެ. ޤައުމީ ފެންވަރުގެ ނުފޫޒުތައް އަޙްމަދު ޝަފީޤް ބަޔާނުން ފާހަގަ ކުރެވުނީއެވެ. ބައިނަލްއަޤްވާމީ ފެންވަރުގެ ނުފޫޒުތަކަށް ބަލާއިރު، ޙަސަން ފަރީދުގެ ވެރިކަމުގައި ފާސްކުރެވުނު ދެ ޤާނޫނުގެ ނުފޫޒެއް ކަމަށް ފެންނަނީ ބޭރުގެ ނޭދެވޭ ނުފޫޒުތަކުން، ރައްޔިތުން ރައްކާތެރިކުރުން ކަމަށާއި ސިޔާސީ ބާރާއި އުނގެނުމާ ހުރި ގުޅުން އޭނާއަށް އެނގޭތީ ވެރިކަން ހިފެހެއްޓުން ކަމަށް  ބެލެވިދާނެއެވެ. އިތުރު ނުފޫޒުކަމަށް އިންޓަރވިޔޫ ކުރެވުނު ފަރާތްތަކުން ފާހަގަކޮށްފައިވާ ކަންތައް ފަހުން ބަޔާންކުރެވޭނެއެވެ. އެއީ މައިގަނޑު ގޮތެއްގައި، ވެރިކަން ހިފެހެއްޓުމެވެ.

GoldBarDivider02

މުޙައްމަދު އަމީން ދައުރުގެ މައިގަނޑު ހަތް ތަޢުލީމީ ސިޔާސަތުގެ ތެރެއިން އިތުރަށް އެނެލައިޒް ކުރުމަށް ނުވަތަ ތަޙުލީލުކުރުމަށް އަޅުގަނޑުމެން ފާހަގަކޮށްފައިވާ ދެވަނަ ސިޔާސަތަކީ އަންހެން ކުދިންނަށް ކިޔަވައިދޭން ފުޅާގޮތެއްގައި ތަންފީޒުކުރުމެވެ. މިކަން ކުރުމަށް ހުރި ނުފޫޒުތައް، ކުރީ ބާބުގައި ބަޔާން ކުރެވިފައި ވެއެވެ. އެއީ އަމިއްލަ މީހެއްގެ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގެ ނުފޫޒުތަކެވެ. ޒާތީ ފެންވަރުގައި ފާހަގަ ކުރެވޭ ނުފޫޒު ތިރީގައިވާ ބަޔާނުން ފާހަގަ ކުރެވެއެވެ. އެ ބަޔާނުން އިޝާރާތް ކުރަނީ 1944 ވަނަ އަހަރަށެވެ. 17 ނޮވެމްބަރު ގައި އައްޑޫގެ މައްސަލަތަކެއް ނިންމުމަށާއި ލޯރޑް މައުންޓްބެޓްން އާ ބައްދަލުވެވަޑައިގަތުމަށް މުޙައްމަދު އަމީން އައްޑޫއިން  މާލެވަޑައިގަތީ އާރ.އޭ.އެފް. ގެ މަތިންދާބޯޓެއްގައެވެ. އޭނާ ”ހަނގުރާމައެއްގެ ވިލާގަނޑެއްގެ ދަށުގައި“ ވިދާޅުވެއެވެ:

އައްޑޫއިން ފުރައިގެން މާލެ އާދެވުނީ ދެގަޑިބައެއްހާ އިރުންނެވެ. އެވަގުތުކޮޅުގެ ތެރޭގައި އަޅުގަނޑުގެ ހިތުގައި ފަރިވެ ފޮޅެމުންދިޔައީ މަތިވެތި ޚިޔާލާތުތަކެކެވެ. ވަރަށްވެސް އެދެވޭ އިޞްލާޙުތަކެއް ގެނައުމުގެ ރޭވުންތަކެކެވެ. މާލޭގެ ނަޔާ ޢިލްމީ ބަގީޗާގެ އޮށް އިންދުނީ އަޅުގަނޑުގެ އަތުންކަމުގައިވަނީނަމަ، އެ އޮށްއިންދާނޭ ގޮތްތަކާއި، މަގުތައް އަޅުގަނޑު ރާވައި، ހަމަޖެއްސީ އެ ދަތުރުގައިކަން ކަށަވަރެވެ. އަޅުގަނޑުގެ ހިތަށް ވަންނަމުން ދިޔައީ މެދުކެނޑުމެއްނުވާ ޙަޤީޤަތްތަކެކެވެ. ޝައްކެއް ވަސްވާހެއް ނެތެވެ. ދިވެހިރާއްޖެއަށް ތަހުޒީބާއި ތަމައްދުންގެ މަގުން ކުރިއަށް ހިނގަމުން ދެވޭނީ ރާއްޖޭގެ ދަރީންނަށް ތަޢުލީމު ދެމުން ގެންދިޔަ މިންވަރެއްގެ ނިސްބަތުންނެވެ. ޤައުމަކަށް ކުރިއަށް ހިނގޭނީ އެ ޤައުމެއްގެ އަންހެން ދަރީންނަށް ފިރިހެން ދަރީންނެކޭ އެއްގޮތުގެ މަތީން ތަޢުލީމު ދީގެންނެވެ. އާދޭހެވެ! ބޭނުން އެއްޗަކީ ތަޢުލީމެވެ. ރާއްޖެއާ އެކަށީގެންވާ ތަޢުލީމެވެ. ދީން އާ އެކަށީގެންވާ ތަޢުލީމެވެ (މުޙައްމަދު އަމީން، 1949، ޞ. 269-270).

އަމީން އިތުރަށް ވިދާޅުވެއެވެ:

އެ ދަތުރު ނިމިގެން މާލެއައުމާއި އެކު، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ހެދީ “ވައިލެޓް މާބިންނަށް” ހިއްމަތް ކޮށްލުމެވެ. މާލޭގެ މަދްރަސަތުއްސަނިއްޔާއަށް، ވަރަށް ހަރުދަނާ ބަދަލުތަކެއް ގެނައުމެވެ. މީގެ ތެރެއިން އެންމެ މުހިއްމު އެންމެ ފައިދާހުރި ބަދަލެއް ކަމުގައިވީ މަދްރަސަތުއްސަނިއްޔާގެ އަންހެންކުދިންގެ ގޮތްޕަށް ދުނިޔޭގެ އަލިކަން ފެނުމެވެ. އެ ގޮފި ހުޅުވަން އަޅުގަނޑަށް ކުރާންޖެހުނު މަސައްކަތް، ގިނަގުނައެވެ. ކުރިމަތިލާން ޖެހުނު ހުރަސްތައް އުސްވެފައި ވަރުގަދައެވެ. ނަމަވެސް ސިހުންތަކާއި ވަހުމްތައް، ބިރުތަކާއި ދަތިތައް، ވަޔަށް ބުރުއްސަމުން، އަޅުގަނޑު ހިގަމުން ދިޔައީ ކުރިއަށެވެ. އެކަމަށް އަޅުގަނޑަށް ވަރަށް ވަރުގަދަ ގޮތުގައި، އެހީވެވަޑައިގެން ތިން ބޭފުޅަކު، އަޅުގަނޑު ހިތުން ދުވަހަކު ފިލައިގެން ނުދާނެއެވެ (މުޙައްމަދު އަމީން، 1949، ޞ. 269-270).

މުޙައްމަދު އަމީން، އެތިން ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރައްވާފައިވަނީ ”ދިވެހިރާއްޖެއަށް ކުރިމަތިވާ ކޮންމެ އެދެވޭ އިޞްލާޙްއަކަށް ހުޅުއްވާފައިވާ އަތްޕުޅަކާއިއެކު މަރްޙަބާ ވިދާޅުވާ“ އިބްރާހީމް ފާމުލަދޭރިކިލެގެފާނާއި، ޢަބްދުﷲ ފަހްމީ ދީދީ އާއި ކަޅުހުރާގޭ ތުއްތު ސީދީއެވެ. އާދެ! މިވާހަކަތަކުން އަޅުގަނޑުމެންނަށް ޔަޤީންވަނީ އަންހެންކުދިންނަށް ކިޔަވައިދިނުން ފެށުމަށް މެދުވެރިވި އެންމެ ބާރުގަދަ ނުފޫޒަކީ މުޙައްމަދު އަމީން ކަމެވެ. މަދްރަސަތުއްސަނިއްޔާގެ އަންހެންކުދިންގެ ގޮފި ހުޅުވުނީ 27 ނޮވެމްބަރު 1944 ވީ ހޯމަ ދުވަހުގެ ރޭ (11 ޛުލްޙިއްޖާ 1363 އަންގާރަވިލޭރޭ) ގައި ކަމަށް [ދިވެހިރާއްޖޭގެ އެކިއެކި ކަންކަން ހިނގިގޮތް] މިފޮތުގެ 183 ވަނަ ނަންބަރުގައި ވެއެވެ.

އަންހެންކުދިންގެ ތަޢުލީމުގެ މުހިއްމުކަން، މުޙައްމަދު އަމީނަށާއި އޭނާގެ ވާގިވެރިންނަށް ފާހަގަކުރެވިފައިވާނީ އެ ފަރާތްތަކަށް ބޭރު ޤައުމުތަކުގައި ކުރެވިފައިވާ ތަޖުރިބާތަކުންކަން ޔަޤީން އެވެ. އަދި އެއީ ތަހުޒީބުވަމުން އަންނަ ޤައުމުތަކުގައި އެކަން ކުރާގޮތްކަން އެނގެއެވެ. މިސިޔާސަތުތައް ތަންފީޒުވެގެން ދިޔައީ މި ދެ ނުފޫޒުންނެވެ. އެއީ ބައިނަލްއަޤްވާމީ އަސަރުތަކާއި ސިޔާސަތުތައް އެކުލަވާލާ ބާރުގަދަ ފަރާތްތަކެވެ. ނަމަވެސް، އެންމެ ބާރުގަދަ ނުފޫޒަކީ މިނަންގެން ނުފޫޒެވެ. އާދެ! ވަކި މީހެއްގެ ފެންވަރުގެ ނުފޫޒަކާއި ބައިނަލްއަޤްވާމީ ފެންވަރުގެ ނުފޫޒެވެ.

GoldBarDivider02

މުޙައްމަދު އަމީން ދައުރުގެ މައިގަނޑު ހަތް ތަޢުލީމީ ސިޔާސަތުގެ ތެރެއިން ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ މަދްރަސާތައް ފުޅާކޮށް ކިޔަވައިދިނުން، ބައިނަލްއަޤްވާމީ ފެންވަރާ އެއް އުޞޫލަކުން ކަންތައްތައް ކުރަން ފެށުމެވެ. މިގޮތުން ފާހަގަ ކުރެވެނީ ތިން ކަމެކެވެ. އެއީ (ހ) ރާއްޖޭގެ ކޮންމެ ރަށެއްގައި މަދަރުސާއެއް ފެށުމާއި (ށ) ތަޢުލީމީ މަންހަޖު ފުޅާކުރުމާއި (ނ) ޢިލްމީ މުޤައްރަރުގެ ބޭރުން ހިންގޭ ޙަރަކާތްތައް އިތުރުކުރުމެވެ.

ބަޔާން ކުރެވުނު ތިންކަމަށް، ނުފޫޒު ފޯރުވި އަސަރުތަކަކީ، މަދަރުސާތައް ދެންނެވުނު ހަމައިން އުފައްދައި ހިންގުމަކީ ތަހުޒީބުވަމުން އަންނަ ޤައުމުތަކުގައި އެކަން ކުރާ ގޮތެވެ. މިއީ ބައިނަލްއަޤްވާމީ ނުފޫޒެކެވެ. ރާއްޖޭގެ ތަޢުލީމީ ސިޔާސަތުތައް ރާވާ ހިންގާ ބައެއް މީހުންނަކީ، ސިލޯނާއި އެހެން ޤައުމުތަކުން ތަޢުލީމު ޙާޞިލްކޮށްފައިވާ ފަރާތްތަކެވެ. އަދި މިއިން ބައެއް ފަރާތްތައް ކިޔެވި މަދަރުސާތަކަކީ ވަރަށް ފެންވަރު ރަނގަޅު މަދަރުސާތަކެވެ.   އެ ތަޖުރިބާތައް، ރާއްޖެއަށް ނަޤުލުކުރީއެވެ. މަދަރުސާތަކުގައި ކިޔަވައިދޭ މާއްދާތައް ފުޅާކުރުމާއި، މަންހަޖު ނުވަތަ ކަރިކިޔުލަމުން ބޭރު ޙަރަކާތްތައް ހިންގުމާއި، ރާއްޖޭގެ ކޮންމެ ރަށެއްގައި މަދަރުސާއެއް ހިންގުމަކީ މި ނުފޫޒުގެ ދަށުން ހިނގި ކަންތައްތަކެވެ. މިކަމަށް ސީދާ ހެކިދޭ ފަތެއް، ލިޔުމެއް ނުވަތަ އެހެންވެސް އެއްޗެއް އަޅުގަނޑުމެންނަށް ފެނިފައެއް ނުވެއެވެ. ނަމަވެސް އިންޓަރވިޔޫ ކުރި ފަރާތްތަކުން ބަޔާން ކުރި ވާހަކަތައް ފަހުން ބަޔާންކޮށްފައި ވާނެއެވެ. މި ނުފޫޒުތައް އަޅުގަނޑުމެން ސިފަކުރަނީ ޤައުމީ ފެންވަރާއި، ބައިނަލްއަޤްވާމީ ފެންވަރުގަ އެވެ. ހަމަ މިއާއެކު، ވަކިވަކި މުއައްސަސާ ފެންވަރުގައި ގިންތި ކުރެވޭނެއެވެ.

GoldBarDivider02

އަމީން ދައުރުގެ ހަތް ތަޢުލީމީ ސިޔާސަތުގެ ތެރެއިން ހަތަރު ވަނަ ސިޔާސަތަކީ ފެންވަރަށް ދެވޭ ސަމާލުކަން އިތުރުކުރުމެވެ. މިކަމުގެ ތެރޭގައި ތިންކަމެއް ހިމެނެއެވެ. އެއީ (ހ) މަދަރުސާގެ ބައެއް އިމްތިޙާނުތައް ސަރުކާރުން ކުރުމާއި، (ށ) މުދައްރިސުންނަށް ސަނަދުދޭގޮތަށް ހަމަޖެއްސުމާއި، (ނ) ކޮމިޔުނިޓީ މަދަރުސާތައް އަޅާގޮތް ކޮންޓްރޯލް ކުރުމެވެ. މިސިޔާސަތުތައް އެކަށައެޅުމަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވަނީ ރާއްޖޭގެ އިޖްތިމާޢީ އަދި ސިޔާސީ މަސްރަޙްގެ ސަބަބުންކަން ޔަޤީން ކުރެވެނީ [ދިވެހިރާއްޖޭގެ އެކިއެކި ކަންކަން ހިނގިގޮތް] ގެ 492 ވަނަ ޞަފުޙާގައި، މިކަންކަން އިފްތިތާޙް ކުރަން ފެއްޓުމުގެ ގޮތުން އަމީން ދެއްކެވި ވާހަކަފުޅުތަކުގެ ރިޕޯޓުންނެވެ.  މި ރިޕޯޓްގެ މައިގަނޑު ކުރިން ބަޔާން ކުރެވިފައި ވެއެވެ. އެއީ އަމީންގެ ޢަދާވާތްތެރިން ދެއްކި ފުޓުބޯޅަކުޅެން ދަނޑު ހަދަން، މަހާނަގައުތައް ނަގަންޖެހޭ ވާހަކައާއި، މަގު ހަދަން ރުއްގަސް ކަނޑަން ޖެހޭ ވާހަކަ އާއި، ރާއްޖެތެރޭގެ މަދަރުސާތަކުގެ މުދައްރިސުންނަށް ލަނީ މަދްރަސާތަކުން ކަނޑާލާފައި ތިބޭ މީހުންކަމަށާއި ރާއްޖެތެރޭ މަދަރުސާތަކުގެ ކުދިންލައްވާ ސަފުހައްދައިގެން ސިފައިން ގޮވާގޮތަށް ގޮވާކަމުގެ ވާހަކައެވެ. އަދި އެއްވެސް ހަމައެއް ނެތި މަދަރުސާތައް އަޅަމުންދާ ވާހަކައެވެ.

އަލަށް އަޅަން ފެށި ފިޔަވަޅުތަކުގެ ތެރެއިން، ފުރަތަމަ ފިޔަވަޅު، އާދެ! މަދަރުސާތަކުގެ އިމްތިޙާނުތައް ސަރުކާރުން ކުރަން ހަމަޖެއްސުމުގެ މައިގަނޑު ބޭނުމެއް ކަމުގައި ފެންނަނީ މަދަރުސާތަކުގެ މެދުގައި، އަދި، މަދަރުސާގެ އެކި ބައިތަކުގެ މެދުގައި، ކިޔެވުމުގެ ރޫޙެއް އުފެއްދުމެވެ. މިކަމަށް ހެކިދެނީ، މި އިމްތިޙާނުތަކަށް ބަލައި، ސަރުކާރުގެ ފަރާތުން އިމްތިޙާނުތަކުގައި ވަނަވަނަ އަށް އައި ފަރާތްތަކަށް އިނާމުދިނުން ބޭއްވިކަމެވެ. އެ ދުވަސްވަރުގެ ސަރުކާރުގެ ނޫހާއި ކަންހިނގާގޮތް ލިޔެފައިވާ ފޮތްތަކުގައި އިނާމުދިނުމުގެ ޖަލްސާތަކުގެ ވާހަކަ ގިނައިން ގެނެވިފައި ވެއެވެ. މިކަމުގެ ވެސް މައިގަނޑު ތީމެއްކަމުގައި އަޅުގަނޑުމެން ބަލަނީ ކުރިން ބަޔާންކުރެވުނު ނުފޫޒެވެ. އާދެ! އިޖްތިމާޢީ އަދި ސިޔާސީ މަސްރަޙެވެ. މިހެން ދެންނެވިއަސް، މިކަންކަމަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް އެކަންކަން ކުރާގޮތްކަން ފާހަގަކޮށް، ބައިނަލްއަޤްވާމީ އަސަރުތައް މިކަމުންވެސް އެކަހެރި ކުރެވޭކަށް ނެތެވެ. އާދެ! ބައިނަލްއަޤްވާމީ ފެންވަރުގެ ނުފޫޒާއި ޤައުމީ ފެންވަރުގެ ނުފޫޒު މި ސިޔާސަތު ތަންފީޒުކުރުމަށް ބާރަކަށް ވިއެވެ.

GoldBarDivider02

އަމީން ދައުރުގައި ތަންފީޒުވެގެން ދިޔަ ތަޢުލީމީ ސިޔާސަތުތަކުގެ ތެރެއިން ފަސްވަނަ ސިޔާސަތެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ސިލޯނުގައި ދިވެހީންނަށް ދެވޭ ތަޢުލީމަށް ނިޒާމީ ސިފައެއް ގެނައުމެވެ. ނިޒާމީ ސިފައެއް ގެނައުމޭ މި ދެންނެވީ ކުރިން، ކުރަމުން އައިގޮތް، މާ ބޮޑަށް ފުޅާކޮށް، ދަރިވަރުންނަށް ސިލޯނުގައި ތިބެވޭނޭ ދެ ދަނާލެއް ހަމަޖައްސައި، އެދަނާލު ހިންގަން ވެރިންލައި، ދިވެހިބަހާއި އިސްލާމް ދީން ކިޔަވައިދެވޭނޭގޮތް  އިންތިޒާމްކޮށް، ދަރިވަރުން ސިލޯނަށް ކިޔަވަން ފޮނުވުމުގައި ވަކި ހަމަތަކެއް އިންތިޒާމް ކުރުމެވެ. އޭގެ ކުރިން ސިލޯނަށް ކިޔަވަން ފޮނުވި ކުދިން ހިމެނެނީ ސަރުކާރުގެ ނުފޫޒު ގަދަ ފަރާތްތަކުގެ ވެރިންނާއި، މަދަރުސަތުއްސަނިއްޔާ ވަރަށް ކާމިޔާބުކޮށް ނިންމާ މަދު ކުދިން ކޮޅެއް އެކަންޏެވެ. ނަމަވެސް އަމީން މިކަމަށް ގެންނެވި އިޞްލާޙުގެ ސަބަބުން، ސިލޯނަށް ކިޔަވަން ދިޔުމުގެ ފުރުޞަތު ފުޅާވެ، ފޮނުވުނު ކުދިން ގިނަވެ، ސިލޯނުގައި ދެވޭ ތަޢުލީމު ފުރިހަމަ ކުރެވުނުކަން ބަޔާން ކުރެވިއްޖެއެވެ. މި ކަންކަން ކުރުމަށް އޮތީ މައިގަނޑު ތިން ނުފޫޒެކެވެ.

ސިލޯނުގައި ދިވެހިންނަށް ދެވޭ ތަޢުލީމު ހަރުދަނާ ކުރުމަށް އޮތް މައިގަނޑު ތިން ނުފޫޒަކީ މަސްއޫލިއްޔަތު އަދާކުރުމަށް ޒިންމާކުރުވުމާއި އިޖްތިމާޢީ އަދާލަތާއި ހަމަހަމަކޮށް ކަންތައްތައް ކުރުމާއި ރާއްޖޭގެ އިޖްތިމާޢީ އަދި ސިޔާސީ މަސްރަޙް މި ތިން ތީމެވެ. ފުރަތަމަ، އެންމެ ފަހު ނުފޫޒު ޞަރީޙަ ކުރާނަމަ ފާހަގަ ކުރަންޖެހޭ ކަމަކީ، ސިލޯނުގައި އަމީން ދުވަސްވަރު ކިޔަވަން ތިބި ގިނަ ކުދިންނަކީ ރާއްޖޭގެ ނުފޫޒުގަދަ ބޮޑުންނާއި އާއިލާތަކުގެ ކުދިންކަމެވެ. އެހެންކަމުން، އެކުދިންނަށް ދޭން ޖެހޭ ސަމާލުކަން ސަރުކާރުގެ ވެރިންނަށް އޮޅިފައެއް ނޯންނާނެއެވެ. ލިޔުންތަކުން ސާބިތުވާގޮތުގައި 1949 ގައި ސިލޯނުގައި ޖުމްލަ 34 ކުދިން ކިޔަވަމުން ގެންދިޔައެވެ. އަމީންގެ ދައުރު ނިމުނު އިރު، 1954 ވަނަ އަހަރު، ކިޔަވަން ތިބީ ކިތައް ކުދިންކަމެއް ފާހަގަވާ ލިޔުމެއް ފެނިފައެއް ނުވެއެވެ. އެކުދިންގެ ޢަދަދު އަހަރުން އަހަރަށް މަތިވަމުން ދާނެކަން އެނގެނީ މި ކަމާބެހޭ ގޮތުން ސިލޯނުގައި 1958 ގައި ކިޔަވަން ދިޔަ ކުއްޖަކު، އޭނާ ކިޔަވަން ދިޔައިރު، 55 ވަރަކަށް ކުދިން އުޅޭކަމަށް ބުނެ އެ ނަންތައް ކިޔާތީއެވެ. 1949 ގައި ތިބި 34 ކުދިންނަށް ވެސް އެކުދިންގެ ހުރިހާ ކަމަކަށް، ސަރުކާރުން ވަރަށް ބޮޑު ޚަރަދެއް ކުރަންޖެހޭނެކަން ޔަޤީނެވެ. މި ޚަރަދަށް  ޖަވާބުދާރީ ނުވަތަ ”އެކައުންޓަބްލް“ ވުމަކީ ނުވަތަ މަސްއޫލިއްޔަތު އަދާކުރުމަށް ޒިންމާވުމަކީ، އެކަން ރަނގަޅުގޮތަށް ގެންދިއުމަށް ބާރަކަށް ވާނޭ ކަން ކަށަވަރެވެ. ހަމަ މިއާއެކު، ސިލޯނަށް ފޮނުވާނޭ ކުދިން ހޮވުމަށް އިމްތިޙާނު ބާއްވާގޮތަށް ހަމަޖެއްސުމަކީ އިޖްތިމާޢީ އަދާލަތާއި ހަމަހަމަކަމާއި ހާމަކަމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މި ސިޔާސަތު ތަންފީޒުކުރުމަށް ހުރި ނުފޫޒުތައް ޤައުމީ ފެންވަރާއި ބައިނަލްއަޤްވާމީ ފެންވަރުގައި ގިންތިކުރެވޭނެއެވެ.

މި ސިޔާސަތާ ގުޅޭ އަޞްލު ލިޔުމެއް ފެނިފައެއް ނުވެއެވެ.

GoldBarDivider02

މުޙައްމަދު އަމީން ދައުރުގެ ތަޢުލީމީ ހަވަނަ ސިޔާސަތަކީ އަތޮޅުތަކުން މާލެއަށް ކިޔަވަން ކުދިން ގެނައުމެވެ. މިކަމުގެ ތަފްޞީލުތައް ކުރިން ބަޔާން ކުރެވިފައިވާނެ އެވެ. މި ސިޔާސަތުގެ ދަށުން  ފުރަތަމަ ކޮންމެ އަތޮޅަކުން ވަކި ޢަދަދަކަށް ކުދިން ގެނެސް (އެންމެ ފުރަތަމަ ފިރިހެން ކުދިން ގެނެސް) އެކުދިން ތިބެން މާލޭގައި ދަނާލެއް ތައްޔާރުކޮށް ސަރުކާރުން ހުރިހާ ޚަރަދެއް ދީގެން ވަރަށް ތަދު ދުވަސްވަރަކު މަދްރަސަތުއްސަނިއްޔާއަށް ކިޔަވަން ފޮނުވިއެވެ. އަދި ފަހުން، ބައެއް އަތޮޅުތައް އެއްވެގެން މާލޭގައި ދަނާލު އަޅައިގެން އެ އަތޮޅުތަކުގެ ކުދިންނަށް މާލޭގައި ކިޔަވައިދެވޭ ގޮތަށް ހަމަޖެއްސިއެވެ.  ދެން، މިއަށް ފަހު، މާލޭގެ ހަތަރު އަވަށުގެ ވެރިންނާ ބައްދަލުކޮށް، އަތޮޅުތަކުން އަންހެން ކުދިންނާއި ފިރިހެން ކުދިން ގެނެސް، ގޭގޭގައި، ސަރުކާރުން ވަކި މިންވަރަކަށް ޚަރަދު ދިނީމާ އެކި ކުދިން ބައެއް މީހުންގެ ގޭގޭގައި އުޅެވޭގޮތަށް ހަމަޖައްސައި، މަދަރުސާތަކަށް ކިޔަވަންދެވޭ ގޮތަށް ހަމަޖެއްސިއެވެެ.

މަތީގައި ބަޔާން ކުރެވުނު ކަންކަން ކުރުމަށް ސަރުކާރަށް އޮތް އެންމެ ބޮޑު ބާރަކީ އިޖްތިމާޢީ އަދާލަތާއި ހަމަހަމަކޮށް ކަންތައްތައް ކުރުމެވެ. އެއީ ކިޔެވުމަށް އޮތް ފުރުޞަތު އެއްގޮތް ކުރުމެވެ. މިކަމުން އަސަރުކުރީ، އަތޮޅުތަކުގެ އާބާދީގެ ނިސްބަތުން ވަރަށް މަދު ކުދިންނަށެވެ. ނަމަވެސް ފަހުން އައި 50 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، މި ކުދިންވީ ޤައުމުގެ ތަރައްޤީގައި، ޚާއްޞަކޮށް އަތޮޅުތަކުގެ ތަރައްޤީގައި، ވަރަށް ޙަރަކާތްތެރިކޮށް އުޅުނު ކުދިބަޔަކަށެވެ. މާލޭގެ އަވަށުތަކުގެ ތެރޭގައި ބޭކާރުވެގެން އުޅޭ ކުދިން އިޞްލާޙިއްޔާ ކިޔާ ތަނަކަށް ލައިގެން މަސައްކަތެއް ދަސްކޮށްދެވޭތޯ ގެންގުޅުނު ގެންގުޅުން ވެސް ސިފަކުރެވޭނީ އިޖްތިމާޢީ އަދާލަތާއި ހަމަހަމަކޮށް ކަންތައްތައް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައެވެ. މި ނުފޫޒު ގިންތިކުރެވޭނީ ޤައުމީ ފެންވަރުގެ ނުފޫޒެއްގެ ގޮތުގައެވެ.

GoldBarDivider02

އަމީން ދައުރުގެ ފާހަގަކޮށްލެވޭ ހަތް ތަޢުލީމީ ސިޔާސަތުގެ ތެރެއިން އެންމެ ފަހު ސިޔާސަތަކީ، މަސައްކަތްތެރިކަމުގެ ތަޢުލީމުގެ ފުރުޞަތުތައް ފޯރުކޮށްދިނުމެވެ. މިގޮތުން މި ދައުރުގައި ކުރެވުނު ކަންތައްތަކުގެ ތެރޭގައި ވިޔަން ދަސްކޮށްދިނުމުގެ ކޯސް ހިންގުމާއި، ބޭސްވެރިކަން ދަސްކޮށްދޭ ކޯސް ހިންގުމާއި، ކުޅިވަރާއި ގަސް ހެއްދުމާ ބެހޭ މަޢުލޫމާތު ދިނުން ހިމެނެއެވެ. މީގެ ތެރެއިން ގިނަ ކަންކަމުގައި ބޭރުން މާހިރުން ދިގު މުއްދަތަކަށް ގެންނަވާފައި ވެއެވެ.

ހަމަ، މިއާއެކު، ދެން ފާހަގަކޮށްލެވޭ ކަމަކީ، މަދަރުސާ ނިންމާ ހުރިހާ ދަރިވަރުންނަށް ސަރުކާރުން ވަޒީފާ ނުދެވޭނޭކަން ވިސްނިވަޑައިގެން މަދަރުސާތަކުގައި ކިޔަވައިދޭ މުޤައްރަރުތަކަށް ގެނައި ބަދަލެވެ. އެ ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ކުރެވެން ހުރި މަސައްކަތްތަކަށް ކުދިން ކޮންމެވެސް މިންވަރަކަށް ތަމްރީނު ކުރުމެވެ. މި ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މަދްރަސަތުލް މަޖީދިއްޔާ އާއި މަދްރަސަތުއްސަނިއްޔާ ގައި ތަޢުލީމު ނިންމާ ފެންވަރު މަތިކުރުމާއެކު، ރާއްޖެތެރޭގެ އަތޮޅު މަދްރަސާތަކާއި އެ ފެންވަރުގައި އެކި ރަށްރަށުގައި ހިންގާ މަދްރަސާތަކުގެ މުޤައްރަރުގައި ދަނޑުވެރިކަމާއި މަސްވެރިކަމާއި ކިއްސަރު ވަޑާމާއި ފޭރާން ކުރުމާއި ދިގުހަރުލިޔުމާއި ދެފަށްލާޖެހުމުގެ މަސައްކަތާއި ރުކުފަތީގެ މަސައްކަތާއި ގަލުވަޑާމާއި އަދި އަންހެންކުދިންނަށް ފެހުމާއި ތިނޯހުގެ މަސައްކަތާއި ފޫޅުމައިކަމާއި ކުނާ ސާންތި ވިޔުންފަދަ ކަންކަން ހިމެނުމެވެ. އަދި ތަޖުރިބާ ކުރުމުގެ މުޤައްރަރެއް ތިލަދުންމައްޗާއި ފާދިއްޕޮޅާއި ހުވަދުއަތޮޅާއި އައްޑުއަތޮޅުގައި ތަންފީޒު ކުރެވުނެވެ.

މި ސިޔާސަތު ތަންފީޒުކުރުމަށް ހުރި މައިގަނޑު ނުފޫޒަކީ، މަންހަޖާއި މުސްތަޤްބަލްގައި ކުރަން ލިބެންހުރި މަސައްކަތާ ގުޅުވުމެވެ. މިއީ ޤައުމީ ފެންވަރުގެ ނުފޫޒެކެވެ. އަމީންގެ ތަޢުލީމީ އިސްނެންގެވުންތަކަށް އިރުޝާދުދިން ފަރާތްތަކެއް އުޅޭނެކަން ކަށަވަރެވެ. މީގެ ތެރެއިން އެއް ފަރާތެއް ފާހަގަކުރެވެނީ 1949 ގައި ނެރެފައިވާ ރާއްޖެއާ ބެހޭ ފޮތެއްގައިވާ މަޒުމޫނަކުންނެވެ.  އެ މަޒުމޫނުގައި އޭނާ ސަރުކާރަށް ހުށަހެޅުއްވި ބައެއް ކަންކަން ފާހަގަކޮށްފައިވެއެވެ. މިގޮތުން އޭނާ ފާހަގަ ކުރެއެވެ.

Another industry suggested by me on my first visit was the introduction of cloth weaving by hand-loom…

I am glad to note now the Maldivian Government has introduced hand-loom weaving into the Maldives. For teaching hand-loom the weaving services of an expert were obtained for a period from the Government of Ceylon, and since then great progress has been made…Two things which urgently call for are education and hospitals, and a sufficient expert staff to serve the requirements of both…

It is true there are schools of Navigation at Male where boys and young men are taught the use of compass, chronometer, sextant and quadrant. This serves a very useful purpose for a people who derive their income from the sea. But what is required is more educational facilities for both young boys and girls. By this I do not mean mere book education and the aptitude for passing examinations with the ultimate view of obtaining “white collar” jobs under the Government, but with the object of turning out useful citizens ready to play their part not only as regards fisheries, but also in trade and business. The very highly education young men can, of course, be selected for particular work such as research and medicine and surgery and also be able to take up administrative work in the Government.

At the moment good doctors are a crying need in the Maldive Islands. Young men must be sent abroad to receive their training as competent surgeons and physicians.

As regards education this should be conducted as a primary measure in the language of the people, but later the teaching of English should and must be introduced, if any progress is to be made.

(Hockly, 1949, pp.53–56)

މަތީގައިވާ ބަޔާނުން ފާހަގަކުރެވެނީ މުޙައްމަދު އަމީނަށް ތަރައްޤީގެ ކަންތައްތަކުގައި ބޭރުގެ ފަރާތްތަކުން އިރުޝާދު ލިބެމުން ގޮސްފައިވާ ކަމެވެ. އަދި، އެ އިރުޝާދުތަކާ އެއްގޮތަށް އަމީން ޢަމަލުކުރައްވާފައިވާ ކަމެވެ. މި ނޫނަސް އެހެން ބޭރުގެ ފަރާތްތަކުގެ ނުފޫޒު، އޭނާގެ ތަރައްޤީގެ ސިޔާސަތުތަކަށް މަގުދައްކާފައިވާނެއެވެ.

މި ބައިގައި މި ބަޔާން ކުރެވުނީ ތަޢުލީމީ ސިޔާސަތުތައް އެކުލަވާލުމަށް ހުރި ނުފޫޒުތަކެވެ. ދެން ބަޔާން ކުރާނީ ތަޢުލީމީ ސިޔާސަތުތައް ތަންފީޒުކުރުމުން ނުކުތް ނަތީޖާތަކެވެ. ނުވަތަ އޭގެ އަސަރުތަކެވެ.

ސިޔާސަތުތަކުގެ ނަތީޖާތައް

އަމީންގެ ތަޢުލީމީ ސިޔާސަތުތައްވަނީ ހަތް ބަޔަކަށް ގިންތި ކުރެވިފައެވެ. މި ހަތްބައި ކުރިންވަނީ ބަޔާން ކުރެވިފައެވެ. މި ޖިޒުއުގައި ބަޔާން ކުރާނީ އަމީން ދައުރުގެ ތަޢުލީމީ ސިޔާސަތުތަކުން ނުކުތް ނަތީޖާތަކެވެ. ނަތީޖާތައް އަޅުގަނޑުމެންނަށް އަންނަނިވި މައުޟޫޢުތަކަށް ނުވަތަ ތީމްތަކަށް ގިންތި ކުރެވިދާނެއެވެ.

  1. އާދަކާދައިގެމަތިން ކަންތައްތައް ހިނގަމުންދިޔަ ގޮތްތަކަކީ ރަނގަޅު ގޮތްތައް ކަމާއި އެ ގޮތްތަކުގައި ހިފަހައްޓަން ބޭނުންވާ މުހާފިޒު ފަރާތްތަކުގެ ދެކޮޅުވެރިކަން ކުރިމަތިވުން
  2. ޖިންސާއި މާލެ–ރާއްޖެތެރޭގެ ތަފާތުތައް ކުޑަވުން
  3. އަޅާކިޔުމާއި ވާދަވެރިކަން އިތުރުވުން
  4. ކިޔެވުމުގެ ފެންވަރު ރަނގަޅުވުމާއި ހޭލުންތެރިކަން އިތުރުވުން
  5. ތަޢުލީމުގެ ބާވަތަށް ސަމާލުކަން ދެވުން

ބައެއް ސިޔާސަތުތަކުގެ ނަތީޖާތައް ނުވަތަ އަސަރުތައް އެތައް ޒަމާނަކަށް ދެމިގެންދެއެވެ. އަނެއް ބައި ސިޔާސަތުތަކުން ނުކުންނަނީ ކުރު މުއްދަތަކަށް ދެމިހުންނަ، ވަގުތީ އަސަރުތަކެކެވެ. ކިޔަވައިދިނުން ސަރުކާރުން ހަނިކޮށްލުމާއި ބޭރުގެ ނޫސް މަޖައްލާފަދަ ބޭރުގެ ލިޔުންތައް ގެނައުން މަނާކުރުމުން ނުކުތީ ވަގުތީ ނަތީޖާއެކެވެ. އަންހެންކުދިންނަށް ފިރިހެނުން ކިޔަވައިދޭގޮތަށް މަދަރުސާއަށް ދިއުމަކީ ނުރަނގަޅުކަމެއްކަމަށް ވެގެން ކިޔަވަންދިޔުން ހުއްޓާލި ހުއްޓާލުމުން، ނުކުތް މައިގަނޑު ނަތީޖާއަކީ، އަންހެނުންގެ ތަޢުލީމަށް ހުއްޓުމެއް އައުމެވެ. އަދި އިތުރު ބަޔަކަށް އަންހެނުންގެ ތަޢުލީމަކީ ބޭނުން އެއްޗެއް ނޫންކަމަށް ޤަބޫލުކުރެވުމެވެ. އަންހެންކުދިން އެންމެ ފުރަތަމަ މަދަރުސާއަށް ދާން ފެށީ އައު ޤާނޫނު އަސާސީގައި އަންހެނުން ތަފާތު ކުރަން ލިޔެފައި ނެތުމާ ގުޅިގެންނެވެ. ޙަސަން ފަރީދުގެ ވެރިކަމުގައި އަންހެން ކުދިންނަށް ކިޔަވައިދިނުން ހަނިކޮށްލި ޤާނޫނު ނެރުނީ 1939 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ދެވަނަ ބޮޑު ހަނގުރާމަ ފެށުނުތާ ތިންމަސް ވީ ތަނާއެވެ. މިކަން ދެމިއޮތީ އަމީން އާ ވެރިކަން ޙަވާލުވަންދެނެވެ. އެއީ ދެއަހަރާއި މަހެއްހާ ދުވަހެވެ. މި ސިޔާސަތުގެ ސަބަބުން އަމިއްލަ މީހުން ގޭގައި ކިޔަވައިދިން ކިޔަވައިދިނުން ފިޔަވައި އެހެން ގޮތަކަށް އަންހެނުންނަށް ތަޢުލީމު ލިބޭނޭ ގޮތް ނެތިގެން ދިޔައީ އެވެ. އަންހެންކުދިން މަދްރަސަތުއްސަނިއްޔާއަށް ދާންފެށީ 4 އޭޕްރިލް 1934 ގައެވެ. އެމީހުންނަށް ސަނިއްޔާއަށް ކިޔަވަންދެވުނީ ފަސް އަހަރާއި އެތައް މަހެއް ވަންދެންނެވެ.

ކިޔަވައިދޭ މާއްދާތައް ހަނިކުރުމާއި ފޮތް، ނޫސް، ފަދަ މަޖައްލާތައް ގެނައުން މަނާކުރުމުގެ ޤާނޫނުން ނުކުތް ނަތީޖާއަކީ ކިޔެވުމާ ދުރަށް ދިވެހީން ދިޔަކަމެވެ. ކިޔަވައިދިނުން، ހަމައެކަނި ލިޔަންކިޔަން އެނގުމަށް ހަނިކޮށްލުމެވެ. ނުކުތް ނަތީޖާ ދެ ފެންވަރެއްގައި ފާހަގަވެގެން ދިޔައެވެ. އެއް ފެންވަރަކީ މަދްރަސަތުއްސަނިއްޔާގެ ފެންވަރެވެ. އަނެއް ފެންވަރަކީ ޤައުމީ ފެންވަރެވެ. މަދްރަސަތުއްސަނިއްޔާގެ ދަރިވަރުންގެ ޢަދަދު މަދުވެގެން ދިޔައެވެ. މިކަމާ ބެހޭ ގޮތުން އަޙްމަދު ޝަފީޤު ބަޔާން ކުރަނީ:

1360ހ. ވަނަ އަހަރު އަޅުގަނޑުމެންންނާ ކުރިމަތިލިއިރު، ކުރީގައި ދެންނެވި ސަބަބަތަކާއި ދަތިތަކާ ހުރެ، މަދްރަސާގެ ކިޔެވުންވަނީ އޭގެ ކުރިން ނުދާހާ ދަށް ފެންވަރަކަށް ގޮސްފައެވެ. ދަށު ކްލާސްތަކުގައި ކިޔެވެނީ ޢަރަބި ތާނަ ލިޔުމާއި ހިސާބާ މި ދެ މާއްދާއެވެ. ރަޖިސްޓަރީގައި 121 ކުދިން ހިމެނިގެން ވީ ނަމަވެސް، މަދްރަސާއަށް އައިސް އުޅެނީ 60 އެތައް ކުއްޖެކެވެ. ކެނޑުނުކުދިންނާއި ޙާޟިރުނުވާ ކުދިން ގިނަވެގެން ދިޔައެވެ (އަޙްމަދު ޝަފީޤު، 1992، ޞ. 67).

ޤައުމީ ފެންވަރުގައި ވެސް، ޙަސަން ފަރީދުގެ ވެރިކަމުގައި ފާސްކުރި ޤާނޫނުގެ ސަބަބުން، ރާއްޖޭގައި އެދުވަސްވަރު ހުރި އެހެން މަދަރުސާތަކަށް ވެސް އޭގެ އަސަރު ކުރާނެކަން ޔަޤީނެވެ. ނަމަވެސް، އެ މަދަރުސާތަކަށް ކުރި އަސަރުތައް، ލިޔުންތަކުން ފެނިފައެއް ނުވެއެވެ. ވަގުތީގޮތުން، މި ދެ ޤާނޫނުގެ ސަބަބުން ކިޔެވުމަށް ހުންނަ ޝައުޤުވެރިކަން މީހުންގެ މެދުގައި، އަދި، ޚާއްޞަކޮށް ބެލެނިވެރިންގެ މެދުގައި ކުޑަވެގެން ދާނެއެވެ. އަމީންއަށް ވެރިކަން ލިބުމާއެކު މާ ގިނަ ދުވަހެއް ނުވަނީސް، މި ދެ ޤާނޫނު މަންސޫޚުވެގެން ދިޔަޔަސް، އަންހެންކުދިންނަށް ކިޔަވައިދިނުމަށް ބައެއް ފަރުދުންގެ މެދުގައި ހުރި ކޮންސަރވޭޓިވް ނުވަތަ މުހާފިޒު ޚިޔާލާތަކަށް ނިމުމެއް އަންނާނެކަމަށް ލަފައެއް ނުކުރެވެއެވެ.

އަންހެން ކުދިންނަށް ކިޔަވައިދޭން ފުޅާގޮތެއްގައި ތަންފީޒުކުރުމުގެ ސަބަބުން ނުކުތް ނަތީޖާއަށް ބަލާލަމާތޯއެވެ. މި ނަތީޖާތައް އެކިމީހުންގެ އަމިއްލަ ފެންވަރާއި ޤައުމީ ފެންވަރުގައި ފާހަގަ ކުރެވިދާނެއެވެ. ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް، އަންހެންކުދިންގެ ތަޢުލީމުގެ ސަބަބުން، އެމީހުންނަށް ލިބޭ ދަރިންމަދުވެ، ލިބޭ ކުދިން ޅަފަތުގައި މަރުވުން މަދުވެއެވެ. އަދި، ޞިއްޙަތު ރަނގަޅުވުމާ އެކު، ގެވެށި އަނިޔާއިން ރައްކާތެރިވުމާއި،  ލިބޭ ކުދިންގެ ކިޔެވުމަށާއި ޞިއްޙަތަށް ހެޔޮ އަސަރު ކުރުވައެވެ. ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެއެވެ. މުޙައްމަދު އަމީންގެ ދައުރުގެ ކުރިން އެއްވެސް އަންހެނެއް ސަރުކާރުގެ ވަޒީފާގައި އުޅުނުކަމެއް ބެލިފޮތްތަކުން ފާހަގަކުރެވިފައެއް ނުވެއެވެ. ނަމަވެސް، މި ދައުރުގައި ކިޔެވި މީހުންނަށް ވަޒީފާ ލިބިފައި ވެއެވެ. އެންމެ ގިނަ އަންހެނުން މަސައްކަތް ކޮށްފައިވަނީ އަންހެންކުދިންނަށް ކިޔަވައިދިނުމުގެ ދާއިރާގައެވެ. އާމްދަނީ ލިބޭގޮތްތައް މެދުވެރިވުމުން، އަންހެނުން ބާރުވެރި ކުރެވެއެވެ. ވަޒީފާގައި އަންހެނުން އުޅުމާއި އަދަބީ ކަންތައްތަކުގައި އަންހެނުން ޙަރަކާތްތެރިވުން ފިޔަވައި އެހެންކަންކަމަށް ހެކިލިބޭ ތަފާސް ހިސާބުތަކެއް އަޅުގަނޑުމެންނަށް ފެނިފައެއް ނުވެއެވެ. ނަމަވެސް އެކަންކަމަކީ، ބައިނަލްއަޤްވާމީ ފެންވަރުގައި، ރީބައަށް ޖާގައެއްނެތް ކަންކަން ކަމަށް ގިނަމީހުން ޤަބޫލު ކުރަތެވެ.

އަންހެންކުދިންނަށް ކިޔަވައިދޭން ފެށުމާ ގުޅިގެން ޤައުމީ ފެންވަރުގައި އަސަރުކުރަން ފެށީ ބައެއް ކަންކަމުގައި އޭނާގެ ދައުރު ނިމުނުފަހުންނެވެ. އެއީ ސިލޯނާއި ރާއްޖޭގައި ކިޔެވި އަންހެނުން ސަރުކާރުގެ ވަޒީފާތަކުގައި ޙަރަކާތްތެރިވާން ފެށުމާއި، ޤައުމީ އުފެއްދުންތެރިކަން މިކަމުގެ ސަބަބުން މަތިވުމާއި، ޤައުމުގައި އެނބުރޭ ފައިސާ ދެ ޖިންސަށް ބެހެވިގެންދާގޮތަށް ހެޔޮ އަސަރުތަކެއް ކުރުމެވެ.

ޤައުމީ ފެންވަރުގައި އަންހެނުން ސަރުކާރު ހިންގުމުގައި މުޙައްމަދު އަމީން ބައިވެރިކުރީ، ތަރައްޤީ ވެފައިވާ ޤައުމެއްގައިވެސް އެކަން ކޮށްފައިނުވާ ފަދަ ފުޅާ ގޮތެއްގައެވެ. ރައްޔިތުންގެ މަޖިލިސްގެ މެންބަރުންނާއި ސެނެޓްގެ މެންބަރުންގެ ގޮތުގައި އަންހެނުން ހިމެނުނެވެ.  މީގެކުރިން ނުކުރާ ކަމެއް ފުޅާގޮތެއްގައި ކުރަން ފަށާ މީހަކަށް ވަރަށް ގިނަގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެއެވެ. އެގޮތުން، މުޙައްމަދު އަމީން އާ ބައެއް އަންހެނުންނާ އަޅުވާ ކިޔުމާއި އޭނާގެވެރިކަން ވައްޓާލުމުގައި ޢާއްމު ރައްޔިތުން ހެއްލުމަށް މި ކަން އޭނާގެ ޢަދާވަތްތެރިން ބޭނުންކުރީ ވަރަށް ފުރިހަމަ ގޮތެއްގައެވެ. އަންހެނުން ކުރިއެރުވުމަށް އަމީން ކުރެއްވި މަސައްކަތްތައްވީ، އޭނާގެ ވެރިކަން ނެތިގެން ދިއުމުގެ އެއް ސަބަބުކަމުގައެވެ. މިކަން ފާހަގަކުރެވެނީ އޭނާ ވެއްޓުނު ފަހުން، އޭނާގެ ވެރިކަން ސިފަކޮށް ހަދާފައިވާ މަލާމާތުގެ ފަރިހި ތަކުންނެވެ. މިޅެންތަކުން ދެ ޅެން ”ދުށްތަނާ އިވުނު އަޑުތަކުގެ ހަނދާންހުރިބައި 3“ ގެ 267 ވަނަ ޞަފުޙާގައި ވެއެވެ.

ކޮންމެއަކަސް،  އަންހެން ކުދިންނަށް ކިޔަވައިދޭން ފެށުން ވެގެންދިޔައީ، ޖިންސްގެ ތަފާތުތައް ކުޑަވެގެން ދިޔަ ކަމެއް ކަމަށެވެ. އަންހެނުންގެ ތަރައްޤީއަށް ދެވުނު އިސްކަން އެއްވާނެއްގައި ހިފެހެއްޓުނު ނަމަ، މިއަދު ދިވެހި އަންހެނުންގެ މަޤާމު އަމިއްލަފުޅަށް ސިފަ ކުރައްވާށެވެ.

ފެންވަރު ރަނގަޅު މަދަރުސާއެއް މާލޭގައި ހުރުމާއެކު، ރާއްޖެތެރޭގެ ކުދިންނަށާއި މާލޭގެ ކުދިންނަށް ކިޔަވަން އޮތް ފުރުޞަތު ހަމަހަމަ ކުރުމުގެ ގޮތުން، މާލޭގައި ދަނާލު ބިނާކޮށް، ރާއްޖޭތެރޭގެ ކުދިން ސަރުކާރުގެ ޚަރަދުގައި ކިޔަވަން މާލޭގައި ތިބޭގޮތް ހަމަޖެއްސިކަމީ މުހިއްމު ނަތީޖާތަކެއް ނުކުތް ކަމެއްކަމަށް ފާހަގަ ކުރެވެއެވެ. މިކަމުގެ ސަބަބުން، އެކްވިޓީ ނުވަތަ މީހުންނާ މެދު ޢަމަލުކުރުމުގައި ހަމަހަމަކަން ނުކުންނާނެއެވެ. މީހުން އުޅޭ ހުރިހާ ރަށެއްގައި އެއް ފެންވަރެއްގެ މަދަރުސާތައް ޤާއިމްކުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. އެހެންކަމުން، ދެން އެންމެ ރަނގަޅުގޮތަކީ، އެކި ރަށްރަށުގެ ކުދިން މާލެއަށް އައިސް ލުއިގޮތަކަށް ކިޔެވޭނޭގޮތް ހަމަޖެއްސުމެވެ. ދަނާލުތަކަށް މާލެއައި ކުދިން މަދަރުސާ ނިންމުމުންވީ، ފަހުން އައި 40 ވަރަކަށް އަހަރު، ރާއްޖެތެރޭގެ އިދާރީ ހިންގުމާއި ތަރައްޤީގައި ވަރަށް މަންފާކުރުވަނިވި ކަމަކަށެވެ. މިކަން ފަހުން އައި ދުވަސްވަރު، ސަރުކާރު ހިންގުމުގައި އުޅުނު ފަރާތްތަކުގެ ރަޖިސްޓަރީ އަށް ބަލާލުމުން ސާބިތުވެއެވެ.

އަމީންގެ ތަޢުލީމީ ސިޔާސަތުތަކުގެ ތެރެއިން ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ، ތަޢުލީމީ ކަންތައްތަކުގައި އަޅާކިޔުމާއި ވާދަވެރިކަން އިތުރުވުމެވެ. މިކަން ނުކުތީ، މާލޭގެ ހަތަރު އަވަށުގައި މަދަރުސާތައް ޤާއިމްކުރުމާއި، ކިޔެވުމާއި އެހެނިހެން ކަންކަމާ ގުޅޭ ގޮތުން މުބާރާތްތައް ބޭއްވުމުންނެވެ. މުބާރާތްތަކުގެ ނަތީޖާ ފާޅުކުރަމުން ދިޔައީ ޤައުމީ ފެންވަރުގައެވެ. އެހެންކަމުން، ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންގެ މެދުގައި ވާދަވެރިކަމުގެ ތަޢުލީމީ ރޫޙެއް އުފެދިގެންދާނެއެވެ. މިރޫޙު އުފެދިފައިވާނީ ހަމައެކަނި މާލެއަކު ނޫނެވެ. އަތޮޅުތަކުގެ މެދުގައި މެއެވެ. މުބާރާތްތަކުގައި ރާއްޖެތެރެއިން ވެސް ވާދަކުރެއެވެ.

ވާދަވެރިކަން އިތުރުވުމާ ގުޅިގެން، ކިޔެވުމުގެ ފެންވަރު ރަނގަޅުވުމާއި ހޭލުންތެރިކަން އިތުރުވެގެން ދިޔައެވެ. ލިޔަންކިޔަން ދަތުން ކުރިއެރި މިންވަރު، މިކަމަށް ހެކި ދެއެވެ. ތާވަލު 1 ގައި ވަނީ 1911 ވަނަ އަހަރު ރާއްޖޭގައި އަންހެނުންނާއި ފިރިހެނުންގެ ލިޔަންކިޔަން ދަތުމުގެ މިންވަރެވެ. އެވަރެޖް މިންވަރަކީ %44.5 ކަމަށެވެ.

އެހެން ދިރާސާތަކަށް ތާވަލު 1 އެކުލަވާލި ތަފާސް ހިސާބުތައް ބޭނުންވެދާނެތީ ”މޫންލައިޓް“ އެ ޞަފުޙާތައް މިއޮތީއެވެ.

oldeststatisticaltable

1949 ގައި ލިޔަން ކިޔަން ދަތުމުގެ މިންވަރަކީ %92 ކަމަށް، ޑަޔަސް ފާހަގަކޮށްފައި ވެއެވެ (Dias, 1949, p. 45). ލިޔަންކިޔަން ދަތުމުގެ މިންވަރު ޑަބަލްވުމަށް، އަމީން ދައުރުގެ ތަޢުލީމީ ތަރައްޤީގެ ބޮޑު ޙިއްޞާއެއް އޮންނާނެއެވެ. ކިޔެވުމުގެ ފެންވަރު ރަނގަޅުވުމާއި ހޭލުންތެރިކަން އިތުރުވުމުގެ ނަތީޖާ ނުކުންނަން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި، މަދަރުސާގެ މުދައްރިސުން ގިނަވުމާއި، ކިޔަވައިދޭ މާއްދާތަކުގެ ފުޅާކަން ފާހަގަ ކުރެވެއެވެ. މަދަރުސާގައި ބޭނުން ކުރި ބައެއް ޓެކްސްޓް ފޮތްތައް މިހާރުގެ ފޮތްތަކާ އަޅާ ބަލާއިރު، ބައެއް ދާއިރާތަކުގައި މާ ފުރިހަމަވެފައި ރާއްޖޭގެ މާހައުލާ ގުޅެއެވެ. މިގޮތުން، ”ޢާއްމު މަޢުލޫމާތު“ މިނަމުގައި މުޙައްމަދު އަމީން ލިޔުއްވާފައިވާ ދެ ފޮތުގެ ފޮތް ބަޔާއި، ތާރީޚާ ބެހޭ ޓެކްސްޓް ފޮތް ފަދަ ފޮތްތައް ހެއްކެއް ކަމުގައި ވެއެވެ. ކުޅިވަރާއި އެހެނިހެން ކިޔަވައިދޭ މަންހަޖުން ބޭރުގެ ކަންތައްތައް ދިރާސާކުރުމުން މިކަން ފާހަގަ ވެއެވެ. މަޙަކްމަތުލް މަޢާރިފުން މަދަރުސާތައް އިމްތިޙާނުކުރާ ގޮތަށް އޮންނަ އޮތުމަކީ، މަދަރުސާތައް އަޅާކިޔުމަށާއި، ކިޔަވައިދޭ މަންހަޖު ފުރިހަމަކުރުމަށް ވަރަށް ބޮޑު ބާރަކަށް ވާނޭކަމެކެވެ.

އަމީން ދައުރުގެ ތަޢުލީމީ ސިޔާސަތުތައް ތަންފީޒުކުރުމުން ނުކުތް ފަސްވަނަ މުހިއްމު ނަތީޖާއަކީ ދެވޭ ތަޢުލީމުގެ ބާވަތަށް ސަމާލުކަން ދެވުމެވެ. އެކެޑެމިކް ނުވަތަ ޣައިރު އަމަލީ މަންހަޖެއް ކިޔަވައިނިންމުމުން، ދަރިވަރުންގެ ބޭނުން ޤައުމަށް ކުރާނޭ ގޮތް ނެތްކަން ފާހަގަވެ މަންހަޖު، ލިބެންހުރި ވަޒީފާތަކާ ގުޅޭގޮތަށް ބައްޓަން ކުރުމެވެ. އެ ދުވަސްވަރުގެ އިންޑަސްޓްރީ އާ ގުޅޭގޮތަށް މަންހަޖު ފަރުމާކުރުމެވެ. މިކަން އަމީން ދައުރު ނިމިގެން ދިޔައިރު ވަނީ ތަންފީޒުކުރެވިފައެވެ.

އަމީން ދައުރުގެ މައިގަނޑު ހަތް ސިޔާސަތުން ނުކުތް މައިގަނޑު ފަސް ނަތީޖާ އަކީ ޤައުމީ ފެންވަރުގެ ނަތީޖާއެވެ. މިކަމުން އެންމެ ބޮޑަށް މާލޭގެ މަދަރުސާތަކަށް އަސަރުކުރި ކަމުގައި ވިއަސް، ރާއްޖެތެރެއަށް ވެސް އެ ހުރިހާ ކަމެއްގެ އަސަރު ކުރިކަން ފާހަގަ ކުރެވެއެވެ. މި ދަންނަވާލެވުނީ، އަމީން ދައުރުގައި ތަންފީޒުކުރެވުނު ތަޢުލީމީ ސިޔާސަތުތަކުގެ އަސަރުތަކެވެ. ސިޔާސަތުތަކާއި އެ ސިޔާސަތުތައް އެކަށައަޅަން މެދުވެރިވި ސަބަބުތަކާއި ނަތީޖާތައް ބަޔާން ކޮށްފައިވަނީ ލިބެން ހުރި ލިޔުންތަކުގެ މައްޗަށް ބިނާކޮށެވެ. މި ލިޔުންތަކުން ފެންނަން ނެތް ކަންތައްތަކާއި އަދި ފެންނަން ހުރި ކަންތައްތަކަށް އިތުރު ހެކި ހޯދުމަށްޓަކައި އަމީން ދައުރުގެ ހަނދާން ހުންނަ ފަރާތްތަކަކާ އިންޓަރވިޔޫ ކުރެވުނެވެ. ދެން މި ބަޔާން ކުރަނީ އެ އިންޓަރވިޔޫތަކުން ހޯދުނު މައުލޫމާތެވެ. ވަކި ސުރުޚީއެއްގެ ދަށުގައި އިންޓަރވިޔޫތަކުން ލިބުނު މަޢުލޫމާތު ހިމަނާފައިވަނީ ފަތްފުށްތަކުން ލިބޭ މަޢުލޫމާތާ އަޅާ ކިޔުމަށް ފަސޭހައަކަށެވެ.

އިންޓަރވިޔޫތައް

އަމީން ދައުރުގެ އެކި ކަންތައްތަކާ ބެހޭ ގޮތުން މަޢުލޫމާތު ހޯދުމަށްޓަކައި، ލިޔުންތަކުގެ އިތުރަށް ކުރެވުނު އިންޓަރވިޔޫތައް ކޮށްފައިވަނީ އަމީން ދައުރު ދެކެފައިވާ ފަރާތްތަކާއެވެ. މި ފަރާތްތަކަކީ ކޮންމެވެސް މިންވަރަކަށް އެ ދުވަސްވަރުގެ އެކި ކަންކަމުގައި ބައިވެރިވެވަޑައިގެންފައިވާ ފަރާތްތަކެވެ. ތިރީގައި މިދަންނަވާލަނީ މިގޮތުން އިންޓަރވިޔޫ ކުރެވުނު 7 ފަރާތުގެ ބައެއް ސިފަތަކެވެ.

  1. އަމީން ދައުރުގައި ހައިދަރުއާބާދަށް ކިޔަވަން ދިޔަ އަންހެން ދަރިވަރެއް. މީނާއަކީ އެ ދުވަސްވަރުގެ ރަސްމަތިފުށު ބޭކަބަލަކެވެ.
  2. ;އިބްރާހީމް ނާޞިރު ދައުރުގެ ވަޒީރެއް. މީނާއަކީ އިންޤިލާބަށް ފަހު ބޭއްވުނު ފުރަތަމަ ޖަލްސާގައި ބައިވެރިވި ފަރާތެކެވެ.
  3. އަމީންއަށާއި ނާޞިރު އަށް ތަކެތި ލިޔުއްވައި ދެއްވި ކާތިބެއް. މީނާއަކީ އަމީން އެދި ލައްވައިގެން އެކި ތަކެތި ލިޔުއްވާ ދެއްވި ފަރާތެކެވެ.
  4. މަދްރަސަތުއް ސަނިއްޔާއަށް ރާއްޖެތެރެއިން އެންމެ ފުރަތަމަ ގެނައި ކުދިންގެ ތެރެއިން ކުއްޖެއް. މީނާއަކީ ސިލޯނުގައި ތިބި ކުދިންނަށް ދިވެހި ކިޔަވައިދެއްވަން ސަރުކާރުން ފޮނުވި ފަރާތެކެވެ.
  5. އަމީންގެ ދައުރުގައި، ސިލޯނަށް ކިޔަވަން ފޮނުއްވި އަންހެން ދަރިވަރެއް. މީނާއަކީ އިބްރާހީމް ނާޞިރު އާ ވަރަށް ގާތް ބޭކަބަލެކެވެ.
  6. އަމީންގެ އަންހެން ދަރިކަނބަލުން.
  7. އަމީން އަށް ތޫނު އެއްޗަކުން ޙަމަލާއެއް ދެއްވުމަށް ރޭވުމާ ގުޅިގެން އަރުވާލެވުނު، އިބްރާހީމް ނާޞިރުގެ ތިމާގެ ފަރާތެއް.

އިންޓަރވިޔޫ ސުވާލުތައް ކުރިއިރު، ސުވާލު ކުރެވޭ ކަމަކާ ގުޅިގެން އެމީހާގެ މަޞްލަޙަތެއް އޮންނަ ކަމަށް ލަފާ ކުރެވޭނަމަ، އެމީހަކާ ކޮށްފައިވާނީ އޭނާއަށް ވަކި ގޮތެއް ބުނުމަށް މަޞްލަޙަތެއް ނެތްކަމަށް ފެންނަ ސުވާލެވެ. ހުރިހާ އިންޓަރވިޔޫތަކެއް ވަނީ، އިންޓަރވިޔޫ ކުރުމުގެ ދިރާސީ ހަމަތަކާ އެއްގޮތަށް ކޮށް ރެކޯޑު ކުރެވިފައެވެ.

ހޯދުންތައް

  1. ޙަސަން ފަރީދު ގެ ވެރިކަމުގެ ދުވަސްވަރު، ބޭރުގެ ނޫސްތައް ގެނައުން މަނާ ކުރުމާއި ތަޢުލީމު ހަނިކޮށްލަން ޤާނޫނު ފާސްކުރީ ކީއްވެގެންތޯއެވެ؟

މި ސުވާލުގެ ޖަވާބުގައި އެކި ފަރާތްތަކުން ދިން ޖަވާބަށް ވިސްނާއިރު ފާހަގަ ކުރެވެނީ ދެ ތީމެކެވެ. އެއް ކަމަކީ ރައްޔިތުން ނޭނގުމުގެ ތެރޭގައި ބައިތިއްބައިގެން އެމީހުންގެ މައްޗަށް ވެރިކަން ހިންގުމެވެ. އަނެއް ކަމަކީ، ބޭރުގެ ނޭދެވޭ ނުފޫޒުތަކުން ރައްޔިތުން ރައްކާތެރި ކުރުމެވެ. މިގޮތުން ދެފަރާތަކުން އަންނަނިވި ކަންކަން ފާހަގަ ކުރިއެވެ:

މީހުން ހޭލުން ތެރި ވީމަ. އެމީހުންނަށް އެނގޭނެ  ނޫންތޯ؟ ފުރަތަމަ ތިމާގެ ނިސްބަތުން ބަލާއިރު، އަހަރެންމީ ކާކު؟ އަހަރެންގެ ހައްގަކީ ކޮބާ؟ އެ ހައްގު އޮޅުން ފިލީމާ އެހިސާބުން އޭނާ ކުރިއަށް ދާން ބޭނުންވާނެ. އެދާ ގޮތަށް ގޮސް އޭނަ ހިނގާދާނެ ވެރިކަމާ ހިސާބަށް ވެސް. އެދުވަސްވަރަކު އެއެއް ކަމަކު ނުދާނެ. އެއީ އެ ކަމަކީ (23)

ދަންނަވަންތޯ؟ މިރާއްޖޭގެ އެންމެ ފުރަތަމަ އެއަރޕޯރޓް ހުޅުވި ދުވަހު މިތަނަށް އައި ބަހާއީ ދީން ފަތުރަންއައި މީހެއް. އަޅުގަނޑަށް ޖެހުން އެމީހާގެ ކަންތަކާއުޅެން. އެކަހަލަ ކަމެއް އެއިރުވެސް ހިނގާފަ އޮވެދާނެ. ބޯރާ ވިޔަފާރިވެރިން އެއިރު އުޅޭނެ. އެހެންވީމާ އެކަހަލަ ކަމެއް ނުހިނގާ ކަމެއް އަޅުގަނޑުމެންނަކަށް އާއްމުނަކަށް ނޭނގޭނެ. އެގުނަސް އެނގޭނީ ވެރިއަކަށް. ކޮންމެވެސް ސަބަބެއް އޮވެގެންހެން ހީވަނި އެކަހަލަ ޤާނޫނެއް ހަދާނި.

އަޅުގަނޑަށް ޖެހުން މިދެންނެވި މީހާގެ ކަންތައްތަކާ އުޅެން. ބަންދުކޮށް ބަހައްޓާފަ ބޯޓަކަށްލާފަ ފުރުވާލީ. އޭނާ ސިލޯނަށްގޮސް އަޅުގަނޑަށް ސިޓީއެއް ލިޔުނީ ކަލޭ ސިލޯނަށް އައިސިއްޔާ މަރާނަމޭ ކިޔާފަ. އިސްލާމް ނަމެއް އޭނައަށް ކިޔަނީ. އެހެންވީމަ މާ ބޮޑަކަށް ނޭނގޭނެއްނޫންތޯ. ދެން މިހާރުވެސް ހަމަ ހުރިހާ ތަނަކުން އެޖެންޓުން ތިބޭނެ ފޮނުވާފަ. އެކަންތައްތައް އޮވެއެއް ނޫންތޯ އަބަދުވެސް. (42)

މި ދުވަސްވަރަކީ، ޔޫރަޕުގައި ކޮމިޔުނިޒަމްގެ އަސަރާއީ، ސިލޯނާއި އިންޑިޔާގައި މިނިވަންވުމުގެ ހަލަބޮލިކަން ވަރަށް ގަދަޔަށްފެތުރުނު ދުވަސްވަރެކެވެ. މަޒުހަބީ މައްސަލަތަކާއި ކޮމިޔުނިޒަމްގެ އަސަރުތައް މުޙައްމަދު އަމީންގެ ދައުރުގައި ޚުދު އަމީންވެސް ފާހަގަ ކުރައްވާފައި ކަން މި ބާބުގައި ކުރިން ބަޔާން ކުރެވިއްޖެއެވެ.

  1. ޙަސަން ފަރީދު ކުއްލި ގޮތަކަށް ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޗުއްޓީ ނެންގެވީ ކީއްވެގެންތޯއެވެ؟

މި ސުވާލުގެ ޖަވާބުގައި ވަކި ފަރާތަކަށް ބުރަވާ ޖަވާބެއް އިންޓަރވިޔޫ ކުރެވުނު ފަރާތްތަކުން ލިބިފައެއް ނުވެއެވެ. އެކަކު ބަޔާން ކުރީ ޗުއްޓީ ނެންގެވީ ބުރަކަމުން ކަމަށެވެ. އެހެން ބޭފުޅަކު ފާހަގަ ކުރީ ޙަސަން ފަރީދަށް ސަރުކާރު ނުހިންގެވިގެން މުޙައްމަދު އަމީން އާ ޙަވާލު ކުރުމަށް ”ޗުއްޓީ“ ނެންގެވީ ކަމަށެވެ.

 އޭނަ ޗުއްޓީ ނެންގެވީ ނަމެއްގައި.. ހުންނެވީ ސިލޯނުގެ ސަފީރު ކަމުގައި. އެއީ މުޙައްމަދު އަމީނާ ކަންތައްތައް ޙަވާލު ކުރައްވަންވެގެން ޙަސަން ފަރީދު ޗުއްޓީ ނެންގެވީ. މަޑުމަޑުން ޙަވާލު ކުރައްވަމުން ގެންދެވީ. ވަޑައިގެން ސިލޯނުގައި ހުންނެވި ދުވަސްވަރު ދަތުރެއްގައި މާލެވަޑައިގެން އައްޑޫގެ މައްސަލަ ހަމަޖައްސަވާފަ އެނބުރި ސިލޯނަށް ވަޑައިގަންނަނަވަނިކޮށް އޭނާ ދަތުރުކުރި ބޯޓު ފައްތާލީ. (42)

  1. ކުއްލި ގޮތަކަށް ޙަސަން ނޫރައްދީނު އިސްތިޢުފާ ދެއްވީ ކީއްވެގެންތޯއެވެ؟

މި ސުވާލަކީ ވެސް އޭގެ ޖަވާބު، ފޮތްތަކުން ލިބެން ނެތް ސުވާލެކެވެ. މި މައްސަލާގައި އިންޓަރވިޔޫ ކުރެވުނު އެއް ފަރާތުން ބަޔާން ކުރީ އެއީ ޢަބްދުލްމަޖީދަށް ރަސްކަން ދޭންވެގެން، މުޙައްމަދު އަމީން ގެ ރޭވުމަކުން ކަމަށެވެ. މިގޮތުން އޭނާ ބަޔާން ކުރިއެވެ:

ވަކިވެ ވަޑައިގަތީ އަބްދުލްމަޖީދަށް ރަސްކަން ދެއްވަންވެގެން މުޙައްމަދު އަމީންގެ ރޭވުމުއްގެ ތެރެއިން ޙަސަން ނޫރައްދީން އިސްތިއުފާދިނީ. ޙަސަން ފަރީދު އިނގޭތޯ ޖުމްހޫރިއްޔަތަށް މަގު ފަހި ކޮށްދެއްވީ. އޭނަ ހައްދަވާފައޮތް ޤާނޫނު އަސާސީގަ އޮތީ ރާއްޖޭގެ އެންމެ މަތީ ވަލީ އޮތީ ރަދުންނާއި މަޒީރުލްއައުޒަމް އަތުގައޭ. ކުރީ އެކަން އޮންނަނީ ރަދުންނަށް އެކަނި. ދެބޭފުޅުންވީނޫންތޯ އެ.

އެދެބޭފުޅުން އިސްތިއުފާދެއްވީމަ ދެން ވަލީ ކޮމިޓީއެއް އުފައްދަވާފަ ރަންނަ ބަނޑޭރިކިލެގެފާނު އިންތިހާބު ކުރީ އެކަމަކު އަޅުގަނޑުމެން 10 ވަރަކަށް އަހަރު ތިބިން އެބޭފުޅާގެ އިންތިޒާރުގައި. އެބޭފުޅާއަށް ކިޔާލަ ކިޔާލަ. އެއިރު ހުންނެވީ މިސުރުގައި. އެހެން ހުންނަވާ ވަރަށް ފަހުން މާލެ ވަޑައިގެން ޙަސަން ފަރީދުގެ އެއްޗެހިތައް ބައްސަވާފަ ދެން ވަޑައިގެންނެވި ގޮތަކަށް އެނބުރިއެއް ވަޑައެއް ނުގަންނަވަ. (42)

ޢަބްދުލްމަޖީދު ރަސްކަމަށް އިންތިޚާބު ކުރީ 12 އޭޕްރިލް 1943 ގައެވެ. އޭނާ އަވަހާރަވީ 21 ފެބްރުއަރީ 1952 ގައެވެ. އެހެންކަމުން އިންތިޚާބު ކުރުމަށްފަހު ވީ 8 އަހަރާއި 10 މަހެވެ. އިންޓަރވިޔޫގައި ބައިވެރިވި ފަރާތުން ބަޔާން ކުރި ފަދައިން 10 އަހަރެއް ނޫނެވެ.  ޢަބްދުލްމަޖީދު އަވަހާރަވި އިރުވެސް ރަސްކަމަށް އިސްވެވަޑައެއް ނުގަންނަވައެވެ. މިކަމުގެ އަޞްލު ސަބަބު ލިޔުންތަކުން އެނގޭކަން ނެތެވެ. ނަމަވެސް، ޢަބްދުލްމަޖީދު ރަސްކަމަށް ނުއެރުއްވީ އޭނާގެ އަޖަލު ހަމަވަނީކަން އޭނާއަށް ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާތީކަމަށް ލަފާ ކުރެވެއެވެ. އެހެނީ އޭނާ އެކަމަށް އިންތިޚާބު ކުރެއްވުމުން ވެސް ރަސްކަމާ ނުއުޅުއްވާ، އަދި އަހަރަކާއި ދިހަ މަސްވީ ފަހުން ރައްޔިތުންގެ މަޖިލިހުން ރަސްކަން ޤަބޫލުފުޅުކުރެއްވުމަށް ދެންނެވުމުން، އެއްބަސްވެވަޑައިގެން ސިޓީ ރައްޔިތުން މަޖިލިހަށް ފޮނުއްވިއިރު (4 މާރޗް 1945) ގައި، ޢުމުރުފުޅުން 71 އަހަރާއި 6 މަސް ވެއްޖެއެވެ. އެއްބަސްވެވަޑައިގަތުމަށް ފަހު ވެސް، ފުރުއްވީ ސިލޯނަށް ބޭސްކޮޅަށެވެ. ޢަބްދުލްމަޖީދާ ބެހޭގޮތުން އިތުރު މަޢުލޫމާތެއް އިންޓަރވިޔޫ ގައި ބައިވެރިވިފަރާތަކުން ދިނެވެ. އެއީ، އޭނާ ގިނަ ދުވަސްތަކެއް ވަންދެން ދުވަސް ދުވަސްކޮޅުން މިސުރަށް ވަޑައިގަންނަވާ ސަބަބު އޮޅުންފިލާ ޚަބަރެކެވެ.

އޭގެ ހެއްވާކަމަކީ އަޅުގަނޑު އުމްރާއަށް ދިޔަ ފަހަރެއްގައި އެތަނުން ދިމާވި ޖަމާލް އަމީން ދީދީ ކިޔާ މީހަކާ. އެއްސެވިން ކަންނޭނގެ ދޯ އެވާހަކަ. އޭނަ ގެ ނަމުގައި ދީދީ އޮތީ އަރަބި ބަހުން ލިޔެފަ. ދީދީ އޮތީ ކީއްވެތޯ އުސްމާނު އަބްދުﷲ ލައްވާ (އަޅުގަނޑަކަށް އަރަބިއެއް ނޭނގޭ ވިއްޔަ) ސުވާލުކުރުމުން ދެންނެވީ މިސުރުގަ ހުންނަވާ އަބްދުލް މަޖީދުގެ ކާފަ ދަރިއެކޭ މަށަކީ. މީ ދެން އާއްމުކޮށް ފެންނަ ކަންތައްތަކެއް ނޫން. އެކަމު ފެންނަންވީމަ ފެނުނީ. ދެއްތޯ! (42)

މިކަމަށްއިތުރު އަލިކަމެއް އެހެން ފަރާތަކުން ވެސް ލިބެއެވެ.

  1. މުޙައްމަދު އަމީން އާއި އޭނާގެ ޚާންދާން އާ ބެހޭގޮތުން ޢަބްދުލްޙަކީމް ޙުސައިން މަނިކު ލިޔުއްވުން ޢާއްމުކޮށް ހުންނަނީ ވަރަށް ގޯސް ކޮންނެވެ. މިކަމުގެ ސަބަބަކީ ކޮބައިތޯއެވެ؟

ޢަބްދުލްޙަކީމް ޙުސައިން މަނިކަކީ ތާރީޚާ ބެހޭ ގޮތުން ގިނަ ލިޔުއްވުންތަކެއް ލިޔުއްވާފައިވާ ފަރާތެކެވެ. އަމީން އާއި އަމީންގެ އާއިލާ ބެހޭ ގޮތުން ލޔުއްވާފައ ހުންނަ ވާހަކަތައް ހުންނަނީ ޤަބޫލުކުރެވޭ ފަދަ ގޮތަކަށް ނޫނެވެ. މިގޮތުން، އަމީންގެ ލިޔުއްވުންތަކުގެ އަދަބީ ފެންވަރު ދަށްކަމަށާއި އެގޮތަށް އެހެން ބޭފުޅުން ނުލިޔުއްވާ ކަމަށް އިޝާރާތް ކުރައްވާފައި ވެއެވެ. މިފަދަ ކަންކަމުން ދޭހަވަނީ ދިގުދެމިގެންދާ ފިތުނަވެރިކަމެއް މި ދެމެދުގައި ހިނގާފައިވާކަމެވެ. މި މައްސަލައާ ބެހޭގޮތުން، އިންޓަރވިޔޫ ކުރި ފަރާތްތަކުން މުހިއްމު ކަންކަންއޮޅުން ފިލިއެވެ. ޞަލާޙުއްދީނުގެ ދަރިކަބަލުން ފާޠިމަތު ސަޢީދާ އާ އަމީން ކާވަނިފުޅު ބައްލަވައިގެން އިރު، ޢަބްދުލްޙަކީމް އުޅުއްވަނީ އަމިއްލަފުޅަށް އެކަމަނާ އާ ހިތާވެގެންކަމަށް އިންޓަރވިޔޫ ބައިވެރިން އިޝާރާތްކުރިއެވެ.

އެނާ އުޅުނީ ފާޠިމަތު ސައީދާ ހެދިއޭ ކިޔާ އަޑު އަހަންތަ؟ އުޅެގެންވީ ގޮތަކީ އެކަން ނާކާމިޔާބު ކޮށްލީ އޭނަ (މުޙައްމަދު އަމީން). ދެން ކިހާ ރުޅިއެއް އަންނާނެ. އޭނަ މަސައްކަތް ކޮށްގެން އުޅެ އެކަންނުވި. ދެން އޭނަ ރުޅިއައިސްގެން އެއްޗެހި ގޮވަނީ. އެއީ ދެން ގޮތެއް ނޫނެއްނު. (53)

އަދި އިންޓަރވިޔޫ ގައި ބައިވެރިވި އެއްބޭފުޅަކު، އޭނާ މަސްކުޑިތަކެއް ބޮޑު އިސްޓޯރަށް ކިރިއިރު، އެއަށްވެލި/ސިމެންތި އަޅާފައި ހުރެގެން އަދަބު ލިބުނުކަމަށް ބަޔާންކޮށްފައި ވެއެވެ. މިކަމާ ބެހޭ ގޮތުން ޢަބްދުލްޙަކީމަށް ހަދާފައިވާ މަލާމާތުގެ ޅެމެއް އޭނާ އަޑުއެހިކަމަށް ބުންޏެވެ. ނަމަވެސް، މިކަން ހިނގީ ނާޞިރުގެ ދައުރުގައިކަމަށް އެހެން ބޭފުޅަކު ވިދާޅުވިއެވެ.

ޢަބްދުލްޙަކީމް ގެ ބައެއް ލިޔުއްވުންތަކުގައި، އަމީން އަކީ ވުމަނައިޒަރެއް ކަމަށް ތުހުމަތު ކޮށްފައި ވެއެވެ. ވުމަނައިޒަރަކީ، އެން އަންހެނާ ރައްޓެހިވެ، ގުޅުންތަކެއް ހިންގުމަށްފަހު، ގިނަ ދުވަސްތަކެއް ނުވެ އެހެން އަންހެނަކާ އަވަހަށް ގުޅޭ މީހާއެވެ. މި މައްސަލަ އާ ބެހޭގޮތުން، އިންޓަރވިޔޫ ކުރި ހުރިހާ ފަރާތުން ބުނަނީ އެއީ ތެދެއް ނޫންކަމަށެވެ. އަދި، ޖިސްމާނީގޮތުން އެއީ އޭނާއަށް އުޅެވޭނޭ ގޮތެއް ވެސް ނޫނެވެ. އެހެނީ އޭނާއަކީ، ނުހަނު ބޮޑަށް ހަކުރުބަލި ޖެހިފައިވާ މީހެކެވެ. މިކަމުގެ އެއް ނަތީޖާއަކީ ފުރަހަ ނެތުމެވެ. ބައެއް ދުވަސް ދުވަހު، އަމީން އަށް ކޮށްޅަށް ތެދުވެ ވަޑައިނުގެންނެވޭ ވަރު ވާކަމަށް ވެސް ވެއެވެ. އަދި ހަކުރު މައްޗަށް ގޮސްގެން ނުވަތަ ދަށްވެގެން ވެއްޓިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަމީންގެ ވެރިކަމުގެ ފަހުކޮޅުގައި، އޭނާ އުޅުއްވި އަތިރީގޭގެ ބޭރުގައި ނޯޓިސް ބޯޑެއް ހުންނަ ކަމަށް ވެއެވެ. އަދި އެބޯޑުގެ އެ ދުވަހެއްގެ އަމީންގެ ޙާލުކޮޅުގެ ވާހަކަ ލިޔުއްވާފައި ހުރެއެވެ. މިކަމާ ބެހޭ ގޮތުން، އިންޓަރވިޔޫގެ އެއް ބައިވެރިޔަކު ފާހަގަ ކުރެއްވިއެވެ:

ކުރިން އަންހެން ކުދިން ގެންނަން ފެށީމަ ވަރަށް ރުޅިއައި އެންމެންވެސް. ވަރަށް ރުޅިއައި. އޭނަ ގަޔަށް އަރަންށޭ އެއުޅެނީ ކިޔާފަ. އެކަމު އޭނަ އާއި އެކީގައި، އެންމެ އެކީގައި އުޅުނު ކުދިންނަށް ސިއްރުންނާއި އަނެއްގޮތަށް ބެލީމަވެސް ވާހަކަ ދެއްކީމާވެސް އެކުދިން ބުނީ ދުވަހަކުވެސް އެކަހަލަ ކަމެއް ކުރި ވާހަކައެއް ނެތް. ދުވަހަކުވެސް. ނުވެސް ކުރައްވައޭ. ތިމަންނާ މެންނާ ދައްކާނީ ހަމަ ތަޢުލީމުގެ ވާހަކައާއި ބައިތު ބާޒީ ކުރުމުގެ ވާހަކައާއި ޅެން ބައިތާއެކު ހަވީރު ކުރުމުގެ ވާހަކައާއި މިކަހަލަ ވާހަކަ ތަކެކޭ ދައްކަނި. ދެން ކިޔާނެ އެއްޗެއް ކިޔާށޭ. ކޮންމެ އެއްޗެއް ކިޔަސް އެންމެ ރަނގަޅޭ. އޭނަ ނުކުރެޔޭ އެކަހަލަކަމެއް. ދެން އަހަރުން ކީކޭ ބުނާނީ.

ދެން ފާރަލައިގެން އަހަރުމެން ބެލީމޭ. ބެލި އިރު މިހެން ހަދަޔޭ ކިޔަކިޔައިގެން ވެސް މީހުން ރޯ ދޮގު ހަދައިގެން ވާހަކަ ދައްކަނީ.(55)

މަތީގައި ބަޔާން ކުރެވުނީ، ލިޔުންތަކުން ޔަޤީންކުރެވެން ނެތް ބައެއް ކަންތައްތަކާ ބެހޭގޮތުން، އަމީންގެ ދައުރު ތަޖުރިބާ ކުރެއްވި ބައެއްފަރާތްތަކުން ވިދާޅުވެފައިވާ ވާހަކަތަކެވެ.   ދިރާސާކުރުމުގައި، ތާރީޚީ ލިޔުންތަކާ އަޅާބަލާއިރު، އިންޓަރވިޔޫއިން ލިބޭ މަޢުލޫމާތަށް ކުރެވޭ އިތުބާރު ކުޑަކަމަށް ބަލައެވެ. މިހެން ވަނީ، ތަޢައްޞުބުން މުޅިން ވަކިނުވެވޭތީއެވެ. މިކަން، ބައެއް ލިޔުންތަކުގައިވެސް ހިމެނެއެވެ. އެކި ކަންތައްތަކާ ދޭތެރޭ މީހުން ދެކޭގޮތް ބިނާވަނީ އެކަން ތަޖުރިބާ ކުރެވުނު ފަރާތުގެ ނަޒަރުގެ މައްޗަށެވެ. މި ދުށުން އެ ފަރާތެއްގެ ތަޢުލީމާއި ތަޖުރިބާއާއި އިޙްސާސްތަކުން ތަފާތުވެދެއެވެ. ހަމަ  އެއް ކަމެއް ދުށް އެތައް ބައެއްގެ މެދުގައި، މި ނަޒަރު ތަފާތުވެދެއެވެ.

އެހެން ބައިތައް ކިޔުއްވުމަށް ފިއްތަވާލައްވާ!

ޙަވާލާދެވުނު ލިޔުންތައް

Dias, E. (1949). The Maldives and Education.  p. 46. In Amin, M. Editor, Ladies and Gentlemen…… The Maldive Islands (41–49). Male: Government of the Maldives.

Hockly, T.W. (1949). The Maldive Islands: Progress in trade, Industry and education. In Amin, M. Editor, Ladies and Gentlemen…… The Maldive Islands (53–56). Male: Government of the Maldives.

ޙުސައިން ޞަލާޙުއްދީނު. (2003). ދިވެހީންގެ ވާހަކަ. މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރޒް.

ޙުސައިން ޞަލާޙުއްދީނު. (2008). ދިވެހި އަދީބުންގެ ދުވަސްވީ ލިޔުންތައް. މާލެ. ނޮވެލްޓީ ޕްރިންޓަރޒް އެންޑް ޕަބްލިޝާރޒް.

ޙުސައިން ޞަލާޙުއްދީނު. (2013). ހާޖީ ޢިމާދުއްދީނުގެ ސުވޭހު ކައިވެނިފުޅު. މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރޒް.

ބެލް.އެޗް.ސީ.ޕީ. (1940). ދަ މޯލްޑިވް އައިލެންޑްސް. ކޮލޮމްބޯ: ސިލޯން ގަވަރންމަންޓް ޕްރިންޓަރޒް.

އިބްރާހީމް ޝިހާބު (1953) “ދިވެހިރާއްޖެ، ޖުމްހޫރިއްޔާއަކަށް ވީ ކިއެއްވެގެންތަ؟” (65–71). ދިވެހި ޖުމްހޫރިއްޔާ… މަރްޙަބާ! މާލެ: ދިވެހި ސަރުކާރު.

އާމިނަތު ފާއިޒާ. (1997). އަމީނުގެ ހަނދާން-1. މާލެ: އާމިނަތު ފާއިޒާ

އާމިނަތު ފާއިޒާ. (1997). އަމީނުގެ ހަނދާން-2. މާލެ: އާމިނަތު ފާއިޒާ

ޢަބްދުﷲ މުފީދު. (2004). ކުރީގެ ވިޔަފާރި އާއި ބާޒާރުމަތި. މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރޒް

ޢަބްދުލް ޙަކީމް ޙުސައިން މަނިކު (1997). އިއްޔެ، 1 (1 އޯގަސްޓް).

ވަޒީރުލްއަޢުޡަމުގެ އޮފީސް (1960). ދިވެހިރާއްޖެ ހަނގުރާމައަށް ފަހު… (2). ދިވެހި ސަރުކާރު (ދެވަނަ ޗާޕު 2005) ނޮވެލްޓީ ޕްރިންޓަރޒް އެންޑް ޕަބްލިޝާރޒް.

މުޙައްމަދު އަމީން (1953). ޖުމްހޫރީ ދަރުބާރުގެ މައްޗަށް އަވަސް ކަޅިއެއް. މާލެ: ދިވެހި ސަރުކާރު.

މުޙައްމަދު އަމީން (1953ހ) ރަސްކަމަކުން ޖުމްހޫރިއްޔާއަކަށް…… މުޙައްމަދު އަމީން (65 – 71). ދިވެހި ޖުމްހޫރިއްޔާ… މަރްޙަބާ! މާލެ: ދިވެހި ސަރުކާރު.

މުޙައްމަދު އަމީން (2001) ހަނގުރާމައަށް ފަހު… 1. ނޮވެލްޓީ ޕްރިންޓަރޒް އެންޑް ޕަބްލިޝާރޒް.

މުޙައްމަދު އަމީން. (1949). ދިވެހިރާއްޖެ. ހަގުރާމައެއްގެ ވިލާގަޑެއްގެ ދަށުގައި…… މާލެ: ދިވެހި ސަރުކާރު.

މުޙައްމަދު އަމީން. (1949). ދިވެހިރާއްޖެ. ތިން އަހަރު ދުވަހުގެ މަޝްރޫޢު އެއް 1950  — 1951. މާލެ: ދިވެހި ސަރުކާރު.

މުޙައްމަދު އަމީން. (1951). ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ޙަޔާތް  (ދެވަނަ ޗާޕު). މާލެ: ނޮވެލްޓީ ޕްރިންޓަރޒް އެންޑް ޕަބްލިޝާރޒް.

މުޙައްމަދު އަމީން. (1952). އަޅުގަނޑުގެ ހަނދާންތައް (ފުރަތަމަ ޗާޕު، 1952 ސިތާރާ ހިންދު ޕްރެސް) ދެވަނަ ޗާޕު. 2003 ގައި މާލެ: ނޮވެލްޓީ ޕްރިންޓަރޒް އެންޑް ޕަބްލިޝާރޒް

މުޙައްމަދު އަމީން. (2001). ދިވެހިރާއްޖެ ހަނގުރާމައަށް ފަހު…. މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރޒް.

މުޙައްމަދު އިސްމާޢީލް ދީދީ. (1966) މޮޓަރުބޯޓުގެ ގަޑުބަޑު. ނޮވެލްޓީ ޕްރިންޓަރޒް އެންޑް ޕަބްލިޝާރސް.

މުޙައްމަދު ޖަމީލް. (2011) އޯކިޑް. މާލެ: މުޙައްމަދު ޖަމީލު.

ފާޠިމަތު ޢަބްދުލްވައްހާބު. (1953). ދިވެހިރާއްޖޭގެ މުސްތަޤްބަލް. މުޙައްމަދު އަމީނު (އެޑިޓަރު) ޖުމްހޫރީ ދަރުބާރުގެ މައްޗަށް، އަވަސް ކަޅިއެއް. މާލެ: ދިވެހި ސަރުކާރު.

ދިވެހި ސަރުކާރު. (ތ.ނ). ދިވެހިރާއްޖެގެ އެކިކަންކަން ހިނގިގޮތް. ޗާޕުކޮށްފައިވަނީ މާލެ: ނޮވެލްޓީ ޕްރިންޓަރޒް އެންޑް ޕަބްލިޝާރޒް.