އިހުސާންކަން

މީހަކު އޭނާގެ ކޮޓަރީގައި ނަމާދު ކުރަމުން ދެއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު ކުރާހެން، އޭނާ ނަމާދު ކުރަމުންދަނީ ވަރަށް އަވަހަށެވެ. ކުއްލިއަކަށް އޭނާއަށް އިޙްސާސް ކުރެވުނީ ފަހަތުގައި ހުރި ދޮރުގެ ދޮރުފަތް ހުޅުވި ހެންނެވެ. އޭނާ ރުކޫޢު ގަޔާއި ސަޖިދައިގައި ދެން ގިނައިރު ކުރަން ފެށިއެވެ. އަދި އިޢުތިދާލުގަ އާއި ޤިޔާމް ގައި ކިޔާ އެއްޗަކަށް ސަމާލުކަން ދިނެވެ. ނަމާދުކޮށް ނިމުމުން، ކާކުތޯ އައީ ބަލާލިއެވެ.

ކޮޓަރިއަށް ވަދެ އޮތީ އޮޅުކޮށްގެން ގެންގުޅޭ ބުޅަލެވެ.

މިއަދު، އަޅުގަނޑުމެން ބުޅަލަކަށްޓަކައި ނަމާދު ފުރިހަމަ ކުރެއެވެ. އެކަމަކު، ހެއްދެވި ކަލާނގެއަށް ޓަކައި ނަމާދު ލަސްކޮށްލެވެނީ ކިތައް ފަހަރުތޯ އެވެ؟ ފަހެ، އަޅުގަނޑުމެންނަށް އެކަލާނގެ ނުފެނުނަސް، އެކަލާނގެ އަޅުގަނޑުމެން ދެކެދެނެވޮޑިގެން ވެއެވެ.

ރާއްޖެތެރޭ ރަށެކެވެ. ޤަބުރުސްތާނުގައި ހުންނަ މިސްކިތަކީ ފަންސާސް ވަރަކަށް މީހުންނަށް އެރޭ ވަރުގެ ކުޑަ މިސްކިތެކެވެ. މިސްކިތުން މުޅިންހެން ފެންނަނީ މުސްކުޅިންނާއި ކުޑަކުދިންނެވެ. މި މިސްކިތަށް އަރާ މީހުންގެ ތެރޭގައި ރަށުގެ ވިޔަފާރި ވެރިއެއް ހިމެނެއެވެ.

އެއްރެއެއްގެ ޢިޝާ ނަމާދެވެ. މުދިމު ނަމާދުކޮށް ނިމިގެން ސަލާމް ދީފިއެވެ. މިސްކިތުގައި ނަމާދަށްތިބި އެންމެންނާ ދިމާއަށް އެނބުރި ބުންޏެވެ.

”އަހަރެންނަށް މިކުރެވުނީ ތިން ރަކްޢަތެވެ. ވީމާ، ވަކިން އެ ރަކްޢަތްކޮށް، ކުށު ސަޖިދަ ޖަހައި ސަލާމް ދެނިކޮށް ރަނގަޅުވާނެއެވެ.“

ނަމާދުކުރި މީހުންގެ ތެރެއިން، ވާހަކަ ދެއްކީ ވިޔަފާރިވެރިޔާއެވެ. ”ނޫނެކެވެ. މުދިމު ތިކުރީ ހަތަރު ރަކްޢަތެވެ.“

މުދިމު ޖަވާބުގައި ބުންޏެވެ: ”އަހަރެންނަށް ހީވަނީ އަހަރެންނަށް ކުރެވުނީ ތިން ރަކްޢަތް ހެންނެވެ.“

މިސްކިތުގައި ނަމާދުކުރި އެހެންމީހުން އެއްވެސް އެއްޗެއް ނުބުނެއެވެ. އެމީހުންނަށް ކުރެވުނު ރަކްޢަތުގެ ޢަދަދު ނޭނގެނީ ކަންނޭނގެއެވެ. ދެން ވާހަކަ ދެއްކީ އަނެއްކާ ވެސް ވިޔާފާރި ވެރިޔާ އެވެ.

”އަހަރެންނަށް ޔަޤީން އެވެ. މުދިމު ދެންމެ ކުރީ ޢިޝާ ނަމާދުގެ ހަތަރު ރަކްޢަތް ބަރާބަރަށެވެ.“

މުދިމު ސުވާލު ކުރިއެވެ: ”ކަލެއަށް ތިހާ ޔަޤީން ވަނީ ކީއްވެ ހެއްޔެވެ؟“

ވިޔަފާރި ވެރިޔާ ޖަވާބު ދިނެވެ.

”ކޮންމެ ރަކްޢަތެއްގައި، އަހަރެންގެ ހަތަރު ފިހާރައިން އެއް ފިހާރައެއްގެ ދުވަހު ހިސާބު، އަހަރެންގެ ހިތުގައި ހަދެމެވެ. މުދިމު ސަލާން ދިނީ ހަތަރު ފިހާރަ ހިސާބުކޮށް ނިމުނު ފަހުންނެވެ.“

الإِحْسَانُ أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ

އިޙްސާންކަމަކީ ނަމާދު ފަދަ އަޅުކަން ކުރާ މީހާ، އެކަލާނގެ ރަސްކަންފުޅު ދެކެދެކެ ހުރެ އަޅުކަން ކުރާފަދައިން، ދުނިޔޭގެ ސަކަރާތުން ހިތް ހުސްކޮށް، އެކަލާނގެ ރަސްކަންފުޅު ދެކެދެކެ ހުރެ އަޅުކަން ކުރާފަދައިން އަޅުކަން ކުރުމެވެ. މިހެނީ، ތިމާއަށް އެ ކަލާނގެ ރަސްކަންފުޅު  ފެންނަ ކަމުގައި ނުވިއަސް،  އެކަލާނގެ ތިމާ ދެކެވޮޑިގެންވާނެއެވެ. އިޙްސާންކަމުގެ ތެރޭގައި ކުރަމުންދާ ނަމާދަށާއި ކިޔާތަކެއްޗަށް ސަމާލުކަން ދިނުން ހިމެނެއެވެ.