ދަރުވޭސީންގެ އަޚްލާޤު 4

36

ވަޤުފު ރޮއްޓާއި ބެހޭ ގޮތުން، ޢާލިމުންތެރެއިން ޢިލްމުވެރިކަން ހަރޮށި މީހަކާ ސުވާލުކުރުމުން ޖަވާބުގައި ބުންޏެވެ:

އެ ކެއުމަކީ ހާންތިވުމުގެ ހާސްކަމުން ސިކުނޑިއަށް ހަމަހިމޭންކަން ގެންނަން ނަމަ އާއި އަޅުކަންތައްތައް ކުރުމުން ހުސްވަގުތު ކޮޅެއް ހޯދަންކަމަށް ވާ ނަމަ، ޙަލާލެވެ. އެއީ ދިރި ހުރުމަށް ނަމަ، ޙަރާމެވެ.

އަޅުވެރިން ރޮށި ކައިއުޅެންވީ އަޅުވެރިކަމުގެ ކަނުގައި ވުމަށެވެ.
ރޮށިކާން އަޅުވެރިކަމުގެ ކަނުގައިވުމަކަށް ނޫނެވެ.“

37

މަތިވެރި ޚުލްޤެއް ހުރި މީހެއްގެ ޖަމާޢަތަކަށް ދަރުވޭސީއަކަށް އާދެވިއްޖެ އެވެ. އެ މާތް މީހާ ވަށައިގެން ބަސް މޮށުންތެރިންނާއި މާތް މީހުން ވިއެވެ. ކޮންމެ މީހަކު، މޮޅު ނުވަތަ ސަމާސާ އެއްޗެއް، އެމީހެއްގެ ލިޔާޤަތްތެރިކަމެއް ހުރި މަގަކުން ބުނަމުން ދިޔައެވެ. ސަހަރާގައި ދަތުރުކޮށްފައި އައި ދަރުވޭސީ ވަނީ ވަރުބަލިވެ ބަނޑުފައި ގެންފައެވެ. ޖަމާޢަތުގެ ތެރެއިން މީހަކު، ހިތްވަރު ދިނުމުގެ ގޮތުން، އޭނާގެ ކައިރީގައި ކޮންމެވެސް ބަހެއް ބުނެލުމަށް އެދުނެވެ. ދަރުވޭސީ ޖަވާބު ދިނެވެ: ”އަހުރެންގެ ކިބައިގައި ތިބާއިންގެ ބަސްމޮށުންތެރިކަމާއި މާތްކަމެއް ނުވެއެވެ. އަދި އެއްވެސް ގޮތަކަށް ފޮތް ކިޔާފައި ނުވާތީ އަހުރެންގެ އެންމެ ބައިތަކުން އިބަމެން ހިތްހަމަ ޖައްސާލަންޖެހޭނެއެވެ.“ ޖަމާޢަތުގެ މީހުން މިކަމާ އުފަލުން އެއްބަސްވުމުން އަންނަނިވި ބައިތު ކިޔައިފިއެވެ.

همچـون عزبـم بـر در حمام زنان
من گرسنه در برابرم سفره نان
އަހުރެންވަނީ ބަނޑުފައި ވެގެންނެވެ.
ކުރިމަތީގައި ވަނީ މޭޒެއްގެ ކާނާއެވެ.
އަންހެންވެރިންތަކެއް ފެންވަރަމުން ދާ
ޙައްމާމެއްގެ ކުރިމަތީގައިވާ

ފުރާވަރުގެ ޒުވާނެއް ފަދައިންނެވެ.

ޖަމާއަތުގެ މީހުންނަށް، އޭނާގެ ބަނޑުފައިގަނެފައިވާ ޙާލަތު މިގޮތަށް އެނގުމުން، ރޮށި ހުރި މޭޒެއް ގެނެސް ކުރިމަތީގައި ބަހައްޓައިފި އެވެ. ދަހިކޮށް ކާން ފެށުމުން، ވެރިފަރާތުން ބުންޏެވެ: ރަޙްމަތްތެރިޔާ އެވެ. ކޮންމެހެން ވެސް އަހުރެންގެ ޚާދިމުން ކަވާބުކުރި މަސް ގެންނަންދެން މަޑުކޮށްލާށެވެ.“ ދަރުވޭސީ، ބޯ ހިއްލައިލައިފައި ބުންޏެވެ:

 ”ކަވާބު ކުރި މަސް އަހުރެންގެ މޭޒަށް ނުގެންނާށެވެ.

ކަވާބު ވެފައިވާ މީހަކަށް، ދޭސީ ރޮށިވާނީ ކަވާބު ކުރި މަހަށެވެ.“

38

މުރީދެއް އޭނާގެ ޕީރަށް ޝަކުވާ ކުރިއެވެ: ”އަހުރެން ދެން ހަދަންވީ ކިހިނެއް ހެއްޔެވެ؟ އަހުރެންނަށް މީހުން ޒިޔާރަތް ކުރާ ވަރުން އުނދަގޫ ވެއްޖެއެވެ. އެމީހުންގެ އައުމާއި ދިއުމުން އަހުރެންގެ އަގުހުރި ވަގުތަށް އެމީހުން އަރައިގަނެއެވެ.“ އޭނާ ޖަވާބުގައި ބުންޏެވެ: ”އެމީހުންގެ ތެރެއިން ފަޤީރުންނަށް އެއްޗެއް އަނބުރާ ގެންނަށް ދޭށެވެ. އަދި މުއްސަދި ކޮންމެ މީހެއްގެ ކިބައިން އެއްޗަކަށް އެދޭށެވެ. އެމީހުން އެއަށްފަހު ތިބާއަށް އުނދަގުލެއް ނުކުރާނެއެވެ.“

މުސްލިމުންގެ ފައުޖުގެ ވެރިއަކަށް ފަޤީރަކު ވީ ނަމަ،
ކާފަރުން، އޭނާ ތަކުރާރުކޮށް އެދޭ ކަންތައްތަކުން ފިލަން

ސީނުކަރައާ ހަމައަށް ދުވާނެއެވެ.

39

ފިޤުހު ޢިލްމުވެރިއެއްގެ ދަރިފުޅަކު އޭނާގެ ބައްޕައަށް ބުންޏެވެ: ”އަޚްލާޤު ރަނގަޅުކުރުމަށް ބުނާ މި ދީންވެރިންގެ ހިތާމަވެރި ވާހަކަތަކުން އަހުރެންނަކަށް އަސަރެއް ނުކުރެއެވެ. އެއީ އެމީހުންގެ ވާހަކަ ތަކާ އެމީހުންގެ ޢަމަލުތައް އެއްގޮތް ނުވާތީ އެވެ.“

ދުނިޔެއާއިގެން މާބޮޑަށް ނޫޅެން އެމީހުން ވައުޒު ބުނެއެވެ.

އެކަމަކު، ރިއްސާއި ގޮވާން ޖަމާކުރުމުގައި އެމީހުން އަވަދިނެތި އުޅެއެވެ.

ހަމައެކަނި ވައުޒު ބުނެފައި އެހެން ކަމެއް ނުކުރާ ޢާލިމަކު
ވާހަކަ ދެއްކުމަކުން މީހުންނަކަށް އަސަރެއް ނުކުރާނެއެވެ.
ނުބައިކަންތައްތައް ކުރުމުން އެއްކިބާވެ އުޅޭ މީހާއީ ޢާލިމެކެވެ.

ދައްކާ ވާހަކައާ އެއްގޮތަށް ނޫޅޭ މީހާއެއް ނޫނެވެ.

އަމިއްލަ ނަފުސުގެ މަތިން ހަނދާން ނައްތާލައި

މީސްތަކުންނަށް ހެޔޮ ކަންތައްތަކަށް އަމުރުކުރަނީ ހެއްޔެވެ؟

ހަވާ ނަފުސުގެ އެދުންތަކުގެ ފަހަތުން ދުވެ،
ހަށިގަނޑުގެ އެދުންތަކަށް ޖާގަދޭ ޢާލިމަކީ،

މީހުންނަށް މަގު ދެއްކިއަސް މަގުފުރެދިފައިވާ މީހެކެވެ.

ބައްޕަ ޖަވާބު ދިނެވެ: ”ދަރިފުޅާއެވެ. ތި ބާޠިލް ޚިޔާލުގެ ސަބަބުން އިރުޝާދުދޭ މީހުންގެ ނަސޭހަތުން ތިބާގެ މޫނު އަނެއް ފަރާތަށް އަނބުރާލާކަށް ނުވާނެއެވެ. އަދި ޢާލިމުން ކުށްވެރިވާކަމުގެ އިލްޒާމް އަޅުވާކަށް ނުވާނެއެވެ. އަދި ކުށެއް ނުކުރާ ޢާލިމަކު ހޯދުމުގެ ތެރެއިން، ޢިލްމުގެ މަންފާއިން އެކަހެރިވެގެން ނުވާނެއެވެ. ކިސަޑު ގަނޑަކަށް ވެއްޓުނު ކަނު މީހާ ހަޅޭއްލެވި ފަދައިންނެވެ: ”މުސްލިމަކު ވަނީ ވިއްޔާ އަހުރެންގެ މަގަށް ބައްތިއަކުން އަލިކޮށްދޭށެވެ.“ މިއަޑު އެހީ ނާސިއަކު ބުންޏެވެ: ”ތިބާއަށް ބައްތި ނުފެންނަ އިރު، ބައްތި އަލިން ފެންނާނީ ކޮން އެއްޗެއް ހެއްޔެވެ؟“ މިގޮތުގެ މަތިން ވައުޒުބުނާ ޖަމާޢަތުގެ މީހުންނީ ކީއްތާނި ވިއްކާ މީހެއްގެ ފިހާރަ ފަދަ ބައެކެވެ. ލާރި ނުގެންނަ ނަމަ، އެއްވެސް މުދަލެއް ނުލިބޭނެއެވެ. އަދި ޖަމާޢަތަށް އެއްވެސް ރުހުމެއް ނުވާނަމަ، އެއްވެސް ހިތްހަމަ ޖެހުމެއް ނުލިބޭނެއެވެ.“

އޭނާ ބުންޏެވެ: ނަފުސުގެ ކަންފަތުން ޢާލިމުގެ އަޑު އަހާށެވެ.

އޭނާގެ ބުނުންތަކާ ޢަމަލުތައް ދިމާނުވިއަސް

އިންކާރު ކުރާ މީހާ ސުވާލު ކުރަނީ ބޭކާރު ގޮތެއްގައެވެ"

”ނިދާފައިވާ މީހަކު އެހެން މީހަކު ނިދިން ހޭލައްވާލާނީ ކިހިނަކުން ހެއްޔެވެ؟

ހާމަކޮށް އެ ވާހަކަތައް ފާރުގައި ލިޔެފައި ވިއަސް

މީހާގެ ކަންފަތަށް ނަސޭހަތުގެ އަޑު އިވެން ވާނެއެވެ.“

މަދަރުސާއެއްގެ ދޮރޯށި ދޮށަށް ދައިރަކުން އަޅުވެރިއަކު އަތުވެއްޖެއެވެ.
ޠަރީޤާގެ މީހުން އުޅޭ އުޅުމުން އޭނާ އެއްކިބާ ވެއްޖެއެވެ.
އަހުރެން އޭނާއާ ސުވާލު ކުރީމެވެ. ޢާލިމަކާއި އާބިދަކާ ދެމެދު ހުރި ފަރަޤަކީ ކޮބައި ހެއްޔެވެ؟
އޭނާ ޖަވާބުގައި ބުންޏެވެ: ”ކުރިން ތިބުނި މީހާ ސަލާމަތް ކުރަނީ ރާޅުން ރަޖާގަނޑެވެ.

ފަހުން ނަންގަނެވުނު މީހާ ސަލާމަތް ކުރަނީ ގެނބެމުންދާ މީހާއެވެ.“

40

މައި މަގުގެ އެއް ފަރާތުގައި ރަލުން ޢަމަލުވެ، ފިކުރުގެ ލަގަން އަތުން ދޫވެ، ބިތަށް ޖެހި މީހެއް ނިދާފައި ވިއެވެ. މަގުން ދިޔަ ޢާބިދަކު އޭނާވާ ނިކަމެތި ޙާލަތާ މެދު ފިކުރު ކޮށްލާފައި ކިޔާލިއެވެ:  وَإِذَا مَرُّوا بِاللَّغْوِ مَرُّوا كِرَامًا  (އަދި ބޭކާރު ބަސްތަކާއި ކަންތައް ދިމާވާ ހިނދު، މާތް މީހުންގެ ގޮތުގައި (އެކަމުގައި ބައިވެރިނުވެ) ފަހަނަޅައިދާ މީހުންނެވެ.) {މިއީ އަލްފުރުޤާން ސޫރަތުގެ 72 ވަނަ އާޔަތުގެ ބައެއް}

އޭ އަޅުވެރިޔާ އެވެ.
ތިބާގެ މޫނު ފާފަވެރިންގެ ފަރާތުން އަނެއް ފަރާތަށް ނުއަނބުރާށެވެ.
އަޅާލުންތެރިކަމާ އެކު އޭނާއަށް ބަލާށެވެ.
އަހުރެންގެ ޢަމަލުތައް މާތްވެގެން ނުވާ ނަމަ،

މާތް މީހެއްގެ ގޮތުގައި އަހުރެން ފަހަނަޅައިދާށެވެ.

41

މަގުމަތީގައި އުޅޭ ވަކަރުގޭ ކުދިންތަކެއް ދަރުވޭސީއަކާ ބައްދަލުވުމުން، އޭނާއަށް އެއްޗެތި ގޮވާ ނުވީތާކުން، ގޯނާކޮށްފިއެވެ. މި ވާހަކަ އޭނާގެ ވެރި ފަރާތުގައި ބުނެ ކިޔައިދީފި އެވެ. ޖަމާޢަތުގެ މުސްކުޅި ވެރިމީހާ ޖަވާބުގައި ބުންޏެވެ: ”އަހުރެންގެ ދަރިފުޅާއެވެ. ތިބާ ލައިގެން ތިޔަ ހުރި ޖުއްބާއަކީ، ތިފަދަ ކަންކަމާ އަޅާނުލުމުގެ ލިބާހެކެވެ. ތި ލިބާސް ލައިގެން އެވެރިންގެ ކަންތައްތައް ތަޙައްމަލް ނުކުރެވޭ މީހާއީ ތި ލިބާސް ޙައްޤުވެގެން ނުވާ ހެދިގެން އުޅޭ މީހެކެވެ.“

ބަޔަކު ގައު އުކުމުން ބޮޑު ކޯރެއް ކިލަނބެއް ނުވާނެއެވެ.

ގައުއުކުމުން ހިތުގައިޖެހޭ މީހާއީ އަދި ތިލަ ކޯރެކެވެ.

އޭނާ ތިބާއަށް ގޯނާކޮށްފި ނަމަ، ތަޙައްމަލު ކުރާށެވެ.

އެއީ މާފުދިނުމަކީ، ފާފައިން ތިބާ ޠާހިރުކުރާ ކަމެކެވެ.

ކޮއްކޯ އެވެ. އެންމެ ފަހުން ތިބާ ވާނީ ވެއްޔަށެވެ.

އެހެންވީމާ، ވެއްޔަށް ވުމުގެ ކުރިން ތިބާ ވެއްޔަށް ވާށެވެ.

42

ބަޣްދާދުގައި ހިނގާދިޔަ މިވާހަކަ އަޑުއަހާށެވެ.
ދިދައަކާއި ދޮރުފޮތިގަނޑެއް ދެބަސް ވެއްޖެއެވެ.
ދަތުރުބަލި ޖެހި، ހިރަފުސްވެ، ވަރުބަލިވެފައިވާ ދިދަ
އެއްޗެތި ކިޔުމުގެ ގޮތުން ދޮރުފޮތިގަނޑަށް ބުންޏެވެ.
”ތިބާއާ އަހުރެންނީ އެކުގައި އުޅޭ ދެ ޚާދިމުންނެވެ.
ރަދުން ގަނޑުވަރުގެ ދެ އަޅުންނެވެ.
ޚިދުމަތް ދިނުމުގައި އަހުރެންނަށް އެއްވެސް ލުޔެއް ނެތެވެ.
މޫސުމާއި ނުމޫސުމުގައި އަހުރެންނަށް ޖެހެނީ ދަތުރުކުރާށެވެ.
ސަހަރާއާއި ވަޔާއި ހިރަފުހާއި ކިލައިން
ތިބާ ހަޑިއެއް ނުވެއެވެ. އަދި ބައެއްގެ ޙިޞާރުގައި ނުޖެހެއެވެ.
ހަނގުރާމައިގައި އަހުރެން ހުންނަންޖެހެނީ އެންމެ ކުރީގައެވެ.
އެހެންވެއްޖިއްޔާ ތިބާގެ ޤަދަރު، އަހުރެންނަށް ވުރެ މަތީ ކީއްވެ ހެއްޔެވެ؟
ކަލޭ ކައިރީގައި އުޅެނީ ހަނދުހާ ރިވެތި މޫނުލީ ޚާދިމުންނެވެ.
ނޫނީ ހުވަދުމަލުގެ ވަސްދުވާ ރީތި ގަހުރަމާނުންނެވެ.
އަހުރެންގެ ގައިގައި ހިފަނީ ދަސްކުރާ އަސްކަރީންނެވެ.
އަހުރެން ދަތުރުކުރަނީ ފައިމަގުގައި މަގޭ ބޯ ވަޔާ ވިހުރުވަމުންނެވެ.“
ދޮރުފޮތި ޖަވާބު ދިނެވެ: ”އަހުރެންގެ ބޯ ވަނީ އޮޅިމަތީގައެވެ.
ކަލޭ ފަދައިން، ހަވާގައެއް ނޫނެވެ.
ބެލުމެއް ނެތި ބޯ މައްޗަށް ނަގާ މީހާ،

ކަނދުރާ ވިދޭގޮތަށް ބިންމައްޗަށް ވެއްޓޭނެއެވެ.“

43

ޗަރުކޭހުގައި ބަރުއުފުލާ ބިހިލުވާނެއް ވަޅެއްގައި ވަނިކޮށް، އަޅުވެރި މީހަކަށް ފެނިއްޖެ އެވެ. އޭނާ ރުޅިން ފުފި، އަނގައިން ފޮނުއަރުވަމުން ދެއެވެ. މި މީހާ ސުވާލުކުރިއެވެ: ”އޭނާ ވަނީ ކޮން ޙާލަތެއްގައި ހެއްޔެވެ؟“ ގާތުގައި ހުރި މީހަކު ޖަވާބު ދިނެވެ: ”މިހެން ދިޔަ މީހަކު އިހާނަތުގެ ބަހެއް އޭނާއަށް ބުނީއެވެ.“ އަޅުވެރިޔާ ބުނެލިއެވެ: ”އެއް ހާސް މަނުގެ ހިލަ އުފުލާލާ މި ބިހިލުވާނަށް، އެއް ލަފުޒުގެ އިހާނަތުގެ ބަހަކަށް ކެތް ނުކުރެވެނީ ހެއްޔެވެ؟“

ފިރިހެން ކަމާއި ބާރަށް ތިކުރާ ދަޢުވާ ދޫކޮށްލާށެވެ.
ތިއީ ފިރިހެނެއް ނުވަތަ އަންހެނެއް ކަމުގައި ވިއަސް،
ތިބާއީ ބަލި ފިކުރެއްގެ ދެރަ މީހެކެވެ.
ކެރޭ ކަމުގައި ވަނީ ނަމަ، ހެޔޮ ވާހަކަ ދައްކާށެވެ.
އަނގަމަތީގައި ގޮށްމުށުންޖެހުމަކީ ފިރިހެންވަންތަ ކަމެއް ނޫނެވެ.
އެތެއްގެ މޫނު ފަޅާލެވޭހާ ބާރު ހުއްޓަސް
އެއީ އިންސާނިއްޔަތުކަން ނެތް މީހެކެވެ.
އިންސާނާގެ ޠަބީޢަތަކީ މައްޓެވެ.
ތަވާޟުޢުވެރިކަން ނެތް ނަމަ، އެއީ ފިރިހެނެއް ނޫނެވެ.

44

ސޫފީ އަޚުންގެ ސިފަތަކާ ބެހޭ ގޮތުން، އަހުރެން ރަނގަޅު މީހެއްގެ ކައިރީގައި ސުވާލުކުރީމެވެ. އޭނާ ޖަވާބުގައި ބުންޏެވެ: ”އެމީހުންގެ އެންމެ ދަށް މިންވަރަކީ، އެމީހުންގެ އަމިއްލަ ނަފުސު ހިތްހަމަ ޖައްސައި ދިނުމަށް ވުރެ، އަޚާގެ ހިތްހަމަ ޖައްސައިދޭން ބޮޑަށް އެދުންވެރިވާ ކަމެވެ. ފަލްސަފާވެރިން ބުނެފައި ވެއެވެ. ”މީހެއްގެ އަމިއްލަ އެދުންތަކުން ބެދެވިފައިވާ މީހަކީ އަޚެއް އަދި ތިމާގެ މީހެއްވެސް ނޫނެވެ.“

އެކުގައިދާ މުސާފިރަކު އަވަސް އަރުވާލައިގެން އުޅޭނަމަ، އެއީ އެކުގައިދާ މީހެއް ނޫނެވެ.
އޭނާގެ ހިތް ތިބާގެ ހިތާ ގުޅިފައިނުވާ މީހެއްގެ ހިތާ ތިބާގެ ހިތް ނުގުޅުވާށެވެ.
ތިމާގެ މީހެއް ކަމުގައި ވިއަސް، ދިޔާނަތެއް ތަޤްވާއެއް ނެތް ނަމަ،

ތިމާގެ ކަމުގެ ލޯތްބަށް ވުރެ ގުޅުން ކަނޑައިލުން މާ ހެޔޮވެގެން ވެއެވެ.

މަތީގައިވަ ފަހު ދެބައިތަށް މިހެން ބުނަމުން އިންކާރު ކުރި މީހެއް އަހަރެންނަށް ހަނދާން ވެއެވެ: ”މަތިވެރި މާތް ﷲ އެކަލާނގެ ކީރިތި ފޮތުގައި ތިމާގެ ކަމުގެ ގުޅުން ކަނޑައިނުލުމަށާއި ތިމާގެ މީހުން ދެކެ ލޯބިވުމަށް އަންގަވާފައި ވެއެވެ. ތިބާގެ ބަހުން ތި އިޝާރާތް ކުރަނީ އެކަމުގެ އިދިކޮޅަށެވެ.“ އަހަރުން ޖަވާބުގައި ބުނީމެވެ: ”ތިބާއަށް ތިވަނީ އޮޅިފައެވެ. އެއީ ޤުރްއާންގައިވާ ގޮތުން، މަތިވެރި ކަލާނގެ އަންގަވައިފައިވަނީ މައިން ބަފައިން ކަމުގައި ވިއަސް މާތް ﷲ އާ އެހެން އެއްޗެއް އެއްފަދަކުރުމަށް އެމީހުން ވިއަސް ވެސް ބަސް ނޭހުމަށެވެ.“

ކަލާނގެ ދެތުމެއް ނުވާ އެއްހާސް ތިމާގެ މީހުންނަކީ

ކަލާނގެ ދަންނަ އެކަކަށް ފިދާ އެކެވެ.

 45

ބަޣްދާދުގައި އުޅުނު ހެޔޮލަފާ މުސްކުޅިއެއް
އޭނާގެ އަންހެން ދަރިފުޅު، ގެރިހަމުން ފައިވާން ހަދާ މީހަކާ ކައިވެނިކުރުވައިފިއެވެ.
މި ނުލަފާ ކުރު މީހާ އެކަނބުލޭގެ
ތުންފަތުގައި ދަތްއެޅިއެޅީނުން ލޭ ނެރެލައިފިއެވެ.
މި ޙާލަތުގައި ވަނިކޮށް ބައްޕައަށް ދަރިފުޅު ހެނދުނު ފެނުމުން
ދަބިދަރިފުޅު ހޯދާ ސުވާލުކޮށްފިއެވެ.
”އޭ މޮޔައާ އެވެ. މިއީ ކޮން ދަތްތަކެއް ހެއްޔެވެ؟
އެކަނބުލޭގެ ތުންފަތް ހަފާލައިފިއެވެ. އެއީ ގެރިހަމެއް ނޫނެވެ.
މިވާހަކަތައް އަހުރެން މި ބުނަނީ ސަމާސާ އަކަށް ނޫނެވެ.
ޖެއްސުންނުކޮށް އެކަނބުލޭގެއާ ޞުލްޙަކޮށް އުޅޭށެވެ.
ޖެއްސުންކުރުމުގެ އާދަ މިޒާޖުގައި އަށަގަނެފި ނަމަ،
މަރުވަންދެން އެކަމަކާ ވަތްކެއް ނުވާނެއެވެ.“

46

ފިޤުހު ޢިލްމުވެރިއެއްގެ ހުތުރު އަންހެން ދަރިފުޅަކު ފިރިފުރާވަރު ވުމުން، މުދާވެރިކަމާއި ރަން ގިނަޔަސް، އިންނާނޭ މީހަކު ހޯދަން އުޅެއުޅެ، ނުލިބުނެވެ.

ރީތި ޖަރީ އާއި ދިމިޝްޤު ފޮތި ވިއަސް،

ހުތުރު ޢަރޫޝެއްގެ ގައިމަތީގައި އޮތުމުން ހުތުރެވެ.

އެނމެ ފަހުން މި ކުއްޖާ ކައިވެނި ކުރަން ޖެހުނީ ދެލޯ ފަން މީހަކާ އެވެ. މިހެން ކަންވެފައި ވަނިކޮށް، ކަނުލޮލަށް ބޭސްކުރާ ސަރަންދީބުގެ ޙަކީމަކު ސަހަރަށް އައުމުން، އޭނާގެ ދަނބިދަރިފުޅަށް ބޭސް ނުކުރީ ކީއްވެގެންތޯ ފާޤިހު ކައިރީގައި ސުވާލުކުރުމުން ޖަވާބުގައި ބުންޏެވެ: ”އޭނާގެ ލޮލަށް ފެންނަ ނަމަ، އަހުރެންގެ ދަރިފުޅު ވަރިކުރާނޭ ކަމަށް އަހުރެން ބިރުވެތި ވަމެވެ.“

ހުތުރު އަންހެނެއްގެ ފިރިމީހާ ކަނު ނަމަ މާ ރަނގަޅެވެ.

 

47

ދަރުވޭސީންގެ ޖަމާޢަތަކަށް ރަސްކަލަކު ނުރުހުމުގެ ނަޒަރުފުޅަކުން ބައްލަވާ ލެއްވުމުން، އެތަނުން އެކަކު އޭނާގެ ޙިކްމަތްތެރިކަމުން އެ ނަޒަރުފުޅުގެ މާނަ އެނގިވަޑައިގެން ދެންނެވިއެވެ: ”އޭ ރަސްގެފާނެވެ. ޤަދަރުގެ ގޮތުން، މި ދުނިޔޭގައި ތިބާއަށް ވުރެ އަހުރެމެން ދެރައެވެ. އެކަމަކު ދިރިއުޅުން މާ އުފާވެރިއެވެ. މަރުވުމުން، އަހުރެމެން ދެ ފަރާތް ހަމަހަމަ ވެގެން ވެއެވެ. އަދި އާޚިރަތް ދުވަހުން ތިބާއަށް ވުރެ އަހުރެމެންގެ ޤަދަރުވެރިކަން މަތިވެރިވެގެން ވެއެވެ.“

ޤައުމެއްގެ ވެރިއަކަށް މުނިފޫހިފިލުވުން ލިބިވަޑައިގަތަސް
ދަރުވޭސީންނަށް ރޮށި ބޭނުން ވެގެން ވިއަސް
ދެ ފަރާތުގެ ދިރިއުޅުން ނިވި ނިޔާވުމުގެ ގަޑި ޖެހުމުން
މި ދުނިޔެއިން ގެންދެވޭނީ ދެފަރާތުންމެ ހަމައެކަނި ކަފުނެވެ.
ތިބާގެ ޤައުމު ދޫކޮށް ދާން ޖެހޭ ވަގުތު އައުމުން،

ރަސްކަލަކަށް ވުރެ އާބިދަކަށް ވުން ހެޔޮ ވެގެން ވެއެވެ.

ބޭރުފުށުން ފެންނައިރު، ދަރުވޭސީއެއްގެ ލިބާސް ފޮތިމަތީ ފޮތި އަޅައިފައި އަދި ބޯ ބާލާފައި ވިއަސް،

ޙަޤީޤަތުގައި އޭނާގެ ހިތް ވަނީ ދިރިގެންނެވެ. އަދި އޭނާގެ އެދުންވެރިކަން ވަނީ މަރުވެގެންނެވެ.

ދެއްކުންތެރިކަމުގެ ދޮރުބުޑުގައި، މީހުންނާ ދުރުގައި އިށީދެ ނުއިދެއެވެ.
ދެކޮޅުވެރިވާ މީހުންނާ ހަނގުރާމަކުރާކަށް ނުއިދެއެވެ.
ފަރުބަދަ މަތިން އުޑީގެ ހިލަ އެނބުރެމުން އަންނައިރު،

އެއިން އެއްކާރިއަށް އަރާ މީހަކީ ޢާރިފެއް ނޫނެވެ.

ދަރުވޭސީންގެ އާދައަކީ، ޒިކުރުކުރުމާއި ޝުކުރުވެރިވުމާއި، އެހެން މީހުންނަށް ޚިދުމަތް ކުރުމާއި، އަޅުވެރިކަމާއި ޞަދަޤާތް ކުރުމާއި ޤަޟާޤަދަރަށް އީމާން ވުމާއި، އެއްކައުވަންތަކަމަށް ހެކިވުމާއި، ވަކީލް ކުރުމާއި ތަސްލީމް ކުރުމާއި ކެތްތެރިކަމެވެ. މި ސިފަތައް ހުރި މީހަކީ، އޭނާ ކޮންމެ ފަދަ ހެދުމެއް އެޅިއަސް ޙަޤީޤީ ދަރުވޭސީ އެކެވެ. އެކަމަކު އަނގަ ގަދަކަމާއި އެކު ނަމާދަށް ފަރުވާ ކުޑަކޮށް، އަރާމާއި މަޖަލުގައި އުޅެ، އެދުންވެރިކަމުގެ މަޅީގައި ދުވާލު ރޭގަނޑަށް ހަދައި، ފަރުވާލެއް ނުބެހެއްޓުމުގެ ނިދީގައި ރޭގަނޑު ދުވާލަށް ބަދަލުކޮށް، ލިބޭ ކޮންމެ އެއްޗެއް ކައި، ދުލަށް އަންނަ ކޮންމެ އެއްޗެއް ބުނާ މީހަކީ، ދަރުވޭސީންގެ ލިބާސް ލިޔަސް، ފާސިޤެކެވެ.  

އެތެރެހަށި ތަޤުވާވެރިކަމުން ބަރަހަނާ ވެގެންވާ މީހާ އެވެ.
ބޭރުފުށުން މުނާފިޤުކަމުގެ ހެދުން ލާ މީހާއެވެ.
ހަތް ކުލައިގެ ދޮރުފޮތި ބޭރަށް ނުދައްކާށެވެ.

ތިބާގެ ގޭގައިވަނީ ހައިން ހަދައިފައި ހުރި ކުނަލެވެ.

 

48

އަހަރެން ދުށީ ތާޒާ ފިނިފެންމަލުން ހަދައިފައިވާ ގުލްދަސްތާއެއް
ވިނައިން ހަދައިފައިވާ ޤުއްބެއްގައި އައްސާފައިވަނިކޮންނެވެ.
އަހުރެން ސުވާލުކުރީމެވެ: ”މި ހުތުރު ވިނަތައް،
ފިނިފެންމަލުގެ ސަފުގައި އެވަނީ ކީއްވެ ހެއްޔެވެ؟“
ރޮއެފައި ވިނަތައް ޖަވާބު ދިނެވެ: ”ވާހަކަ ނުދައްކާށެވެ.
އެކުވެރިކަމަކުން ޤަދަރެއް އުންޏެއް ނުވެއެވެ.
އަހުރެންގެ ކިބައިގައި ރީތިކަމާއި ކުލައާއި ވަސް ނެތަސް
އަހުރެންނީ އޭނާގެ ބަގީޗާގެ ވިނައަށް ނުވޭ ހެއްޔެވެ؟
އަހުރެންނީ ދީލަތި ކަލާނގެ އަޅަކީމެވެ.
އެކަލާނގެ ދީލަތިކަމުން ފެށުނީއްސުރެ ތާޒާކަން ލިބެމުން ދެއެވެ.
އަހުރެންގެ ކިބައިގައި ފުރިހަމަ ކަމެއް ނެތަސް
އެކަލާނގެ ރަޙްމަތަށް އަހުރެން އުއްމީދު ކުރަމެވެ.
އަހުރެންނަށް މުދައު ލިބިފައި ނުވިއަސް
އަދި އަޅުވެތިކަމުން ހުށަހަޅާނޭ ރައުސްމާލެއް ނެތަސް
މި ކަމުގެ ހައްލު އެކަލާނގެ ދެނެވޮޑިގެން ވެއެވެ.
އެކަލާނގެ ފިޔަވައި އެހެން މަދަދުވެރިޔަކު ނުވެއެވެ.
ވެރި ފަރާތުން މުސްކުޅި އަޅެއް ދޫކޮށްލާއިރު
މިނިވަންކުރި ކަމުގެ ލިޔުމެއް ދިނުމަކީ އާދައެކެވެ.
މި ކާއިނާތު ޒީނަތްތެރި ކުރެއްވި ކަލާނގެ އެވެ.

އިބަގެ މުސްކުޅި އަޅަށް އޯގާތެރިވެވަޑައިގަންނަވާދޭވެ!“

ސަޢުދީ އެވެ. ކައުބާގެ އަޅުވެތިކަމުގެ މަގު ޚިޔާރު ކުރާށެވެ.
ކަލާނގެ މީހާއެވެ. ﷲ ގެ މަގުން ދާށެވެ.
މި ދޮރަށް ފުރަގަސްދޭ މީހާ ގެ ބަދުނަޞީބުކަމެވެ.
އެނާއަށް އެ ނޫން އެހެން ދޮރެއް ނުފެންނާނެ އެވެ.

49

ޙިކްމަތްތެރިއެއްގެ ކައިރީގައި ސުވާލުކުރެވުނެވެ: ”މޮޅީ އޯގާތެރިކަން ހެއްޔެވެ؟ ނުވަތަ ޖެހިލުންކުޑަކަން ހެއްޔެވެ؟“

ޖަވާބުގައި ބުނެވުނެވެ: ”އޯގާތެރިމީހާއަށް ޖެހިލުންކުޑަކަން ބޭނުމެއް ނުވާނެއެވެ.“

މަޝްހޫރު ޝަހެންޝާހް ބަހްރާމް ގޫރު ގެ މަޤްބަރާގައި ލިޔެވިފައި ވެއެވެ.

”ބާރުގަދަ މުލައްދަނޑިއަކަށް ވުރެ އެހީތެރި އަތެއް މާރަނގަޅެވެ.“

ޙާޠިމް ޠާޢީ ނިޔާވިތާ އެތައް ޒަމާނެއް ވެއްޖެއެވެ.

އޭނާގެ ނަން އަދިވެސް އިޙްތިފާލު ކުރެވެނީ އޯގާތެރިކަމުންނެވެ.

މުދަލުން ޒަކާތް ނެރޭށެވެ. އެއީ ގިނައިން މޭބިސްކަދުރު އަޅާ ވެޔޮތައް
ފިނި މޫސުމުގައި ކުރި ކެނޑުމުން ދެން އަޅާ މިންވަރު ސަފުން ގިނަވެއެވެ.
މިހާ ހިސާބުން، «ފިނިފެންމަލުގެ ބަގީޗާ» މިފޮތުގެ ދެވަނަ ބާބު ނިމުނީ އެވެ. ދެން އޮތީ ތިންވަނަ ބާބެވެ. އެއީ ”ފުދިގެން އުޅުމުގެ މަތިވެރިކަން“ މި ސުރުޚީގެ މައްޗަށް ލިޔެފައިވާ ޢިބްރަތްތެރި ކުދި 29 ވާހަކައެވެ.