ބާބު 3

ޙައްޤު ހޯދަން މަސައްކަތް ކުރާ ޖަމާޢަތްތައް: ސޫފީންގެ ގޮތްތައް

އަޅުގަނޑު ތަރުޖަމާ ކުރަމުން އަންނަ ޣަޒާލީ އިމާމުގެ ”ކުށުން ރައްކާތެރިވުން“ މިފޮތުގެ ތިންވަނަ ބާބުގެ ތިންވަނަ ބައި މި ޕޯސްޓްގައި ހިމެނެއެވެ. މިފޮތުގެ ސުރުޚީއިން މާނަކުރަނީ ކުށް ވިސްނުމުންނާއި ނިންމުންތަކުން އިންސާނާ ރައްކައުތެރިވާނޭ ގޮތެވެ. ޣަޒާލީ އިމާމަކީ އިސްލާމްދީނުގެ އެންމެ މަޝްހޫރު އެއް ފަލްސަފާވެރިޔާއެވެ. ދިވެހީން ކުރިން ވަރަށް މާތްކޮށް ހިތައި އޭނާގެ މައްޗަށް ހެޔޮދުޢާކޮށް އުޅުނު ފަރާތެކެވެ.

އޭނާގެ މިފޮތަކީ، ދީން ޤަބޫލު ނުކުރާ މީހުންނަށާއި، އެކިއެކި ޝޭޚުންނާއި ތަފާތު ބާވަތްތަކުގެ ”ޢިލްމުވެރިންނަށް“ ހެސްގަނެގެން އުޅޭ ފަރާތްތަކަށް ދީފައިވާ ވަރުގަދަ ޖަދަލެކެވެ. މިއީ ފަލްސަފާ ފޮތެއްކަމުން، މި ޕޯސްޓް އޮޅުންފިލާނީ މަދު ބަޔަކަށެވެ. ޢުމުރުން 40 ވަރަކަށް އަހަރު ވެފައިވާ މީހުންގެ ތެރެއިން ފުންކޮށް ވިސްނަން އެނގޭ މީހުންނަށެވެ. އެހެން މީހުންނަށް ހީވާނީ ފޮތުގައި ޣަޒާލީ ”ހާސަރު“ ތަކެއް ވިދާޅުވެފައިވާ ހެންނެވެ. ނޫނީ ތަރުޖަމާ ކުރި އަޅުގަނޑަށް އިނގިރޭސި ބަހުން އޮތް ފޮތް، ސާފު ދިވެހިބަހުން ތަރުޖަމާ ކުރަން ނޭނގެނީ ކަމަށެވެ. ފަހު ގޮތް ތެދަކަށް ވެސް ވެދާނެއެވެ.

ފޮތުގެ ކުރީގެ ބައިތަކަށް މި ލިންކުން ދެވޭނެއެވެ. މި ތިންވަނަ ބާބުގައި ވާހަކަ ދެކެވެނީ ޙައްޤު ނުވަތަ ސީދާ ތެދު ހޯދަން މަސައްކަތް ކުރާ ފަރާތްތަކުގެ ވާހަކައެވެ.

ޙައްޤު ތެދު ހޯދާ މީހުން، ޣަޒާލީ ބައިކުރަނީ ހަތަރު ބަޔަކަށެވެ. އެއީ:

  1. ދީނީ ޢިލްމުވެރިން (މުތަކައްލިމޫން): މިބައިމީހުންނަކީ ކަލާނގެ އާއި ދީނީ ކަންކަމުގެ ތެދުކަމުގެ ޢިލްމު އެބައިމީހުންނަށް ލިބިފައިވާކަމަށް ދަޢުވާކޮށް، ވިސްނުމާއި ފިކުރުން ކަންކަން އެނގޭނޭކަމަށް ބުނާ މީހުންނެވެ.
  2. ބާޠިނިިއްޔާ: މި ބައިމީހުންނަކީ ކިޔަވައިދިނުމުގެ (ތަޢުލީމުގެ) ހުނަރުވެރިންނެވެ. އެބައިމީހުން ދެކޭގޮތުގައި، ތެދު ނުވަތަ ޙައްޤު ދެނެގަތުމަށްޓަކައި، އެއްވެސް ގޮތަކަށް ގޯހެއް ނުހަދާނެ/ކުށެއް ނުބުނާނެ އިމާމަކަށް އިންސާނާ ބޭނުން ވެއެވެ.
  3. ފަލްސަފާވެރިން: މިބައިމީހުންނަކީ ލޮޖިކް (ނުވަތަ މަންޠިޤް) އާއި ވަރުގަދަ ދަލީލާއި ސަބަބު ތަކުގެ އަހުލުވެރިންކަމަށް ބުނެތެވެ.
  4. ސޫފީން. މިބައިމީހުންނަކީ މާތް ﷲ ގެ ހަޒުރަތަށް ކުއްތަންވުމަށް މަސައްކަތް ކުރާ، އިލްހާމާއި ތަޞައްވުރު ލިބިގެންވާ ބައެއް ކަމަށް ބުނެތެވެ.

{މަތީގައިވާ ތަރުތީބުން ޣަޒާލީ ޙައްޤު ހޯދާ ފަރާތްތައް ލިސްޓުކޮށްފައި ވިއަސް، އޭނާ އެ ގުރޫޕްތައް ބަހުސްކޮށްފައިވާ ވަނީ 1، 3، 2، 4 މި ތަރުތީބުންނެވެ. ކުރީ ބައިގައި ގެނެސްދެވިފައިވަނީ 1 އާއި 3 ގައިވާ ދީނީ ޢިލްމުވެރިންނާއި ފަލްސަފާވެރިންގެ ވާހަކައެވެ. ދެން އޭނާ ލިޔުއްވާފައިވަނީ ބާޠިނިއްޔާއިންގެ ވާހަކައެވެ.  މި ފިކުރަށް ”ތަޢުލީމިއްޔާ“ މި ނަން ޣަޒާލީ ބޭނުންކުރައްވާފައި ވެއެވެ. ޣަޒާލީ ގެ ފޮތުގައި ބާޠިނިއްޔާ އިންގެ ވާހަކަ ޝަރަޙަ ކުރި ބައިގެ ނަމަކަށް ދީފައިވަނީ القَولُ ِفي مَذْهَبِ التَّعلِيم وغَائِلَته އެވެ. މި ޢިބާރާތުން އިޝާރާތް ކުރަނީ ތަޢުލީމުގެ މަޒުހަބާއި ތަޢުލީމުގެ ބޭނުންތެރިކަމަށެވެ.} ތިންވަނަ ބާބުގެ އެންމެ ފަހު ބައިގައި ހިމެނެނީ ސޫފީންގެ ވާހަކައެވެ. މިއީ އެ ބައިގެ ތަރުޖަމާ އެވެ.

طُرُق الصُّوفِيَّة

ސޫފީންގެ ގޮތްތައް

ކުރިން ބަޔާން ކުރެވުނު ޢިލްމުތައް ދެނެގަތުމަށް ފަހު، އަހުރެން ދެން ފިކުރު ހިންގަން ފެށީ، ސޫފީންގެ ގޮތްތަކާ މެދު އެވެ. އަހުރެންނަށް އެނގިފައިވަނީ އެމީހުންގެ މަގު ފުރިހަމަވެގެން ވަނީ ފިކުރުން ކުރާ ކަންތައްތަކަކާއި ޢަމަލުން ކުރާ ކަންތައްތަކަކުން ކަމެވެ. ފަހުން ބުނެވުނު ކަންތައްތަކުގައި ހިމެނެނީ ﷲ ހަނދުމަކުރުމުންނާއި، އެކަލާނގެ ފިޔަވައި އެހެން ކަންތައްތަކުން އިންސާނާގެ ހިތް ހުސްކުރުމަށް ހުރަހަކަށްވާ ނަފުސުގެ ކަންތައްތައް ދޫކޮށްލުމާއި، ނަފުސުގެ ނުބައި ސިފަތަކާއި ނޭދެވޭ އަޚުލާޤުން ވަކިވެގަތުމެވެ.

ފިކުރުން ކުރަންޖެހޭ ކަންތައްތައް، ޢަމަލުން ކުރަންޖެހޭ ކަންތައްތަކަށް ވުރެ އަހުރެންނަށް ފަސޭހަ ވިއެވެ. އެމީހުންގެ ގޮތްތައް ދެނެގަތުމަށް އަހުރެން އެމީހުންގެ ފޮތް، أبي طالب المكي (رحمه الله) ލިޔުއްވި ”ހިތުގެ ކާނާ“(قوت القلوب) އާއި އަދި الحارث المحاسبي ގެ ފޮތްތަކާއި الجنيد އާއި الشبلي އާއި  أبي يزيد البسطامي ގެ އެކި އެކި ވާހަކަތައް ކިޔާ ހެދީމެވެ. މާތް ﷲ މި ބޭބޭކަލުންނަށް ރަޙްމަތް ލައްވާށިއެވެ. މީގެ އިތުރަށް އެމީހުންގެ ބޮޑެތި އެދުރުންގެ  ވައުޒުތަކާއި ވާހަކަތައް އަޑުއެހީމެވެ. މިގޮތުގެ މަތީން އަހުރެންނަށް އެމީހުން ޤަބޫލުކުރާ މައިގަނޑު  ކަންތައްތައް، ކިޔައިގެންނާއި އަޑު އަހައިގެން ދަސްވާނޭ ވަރަށް ދަސްވެއްޖެއެވެ. ދެން އަހުރެންނަށް އެނގި އޮޅުންފިލީ، މި ޢިލްމުގެ އެންމެ މުހިއްމު ކަންތައްތައް ކިޔަވައިގެން ދަސްނުވާނޭ ކަމާއި އެކަންކަން ދަސްވާނީ ތަޖުރިބާކޮށްގެން ޛައުޤުން ކަމެވެ. ”ރަހަބަލައިގެން“ ކަމެވެ. އަދި މިއާ އެކު، އުޅުމަށް ބަދަލު ގެނެސްގެން ކަމެވެ. ދުޅަހެޔޮކަމާއި ފުދިގެން ހިތްހަމަޖެހިގެން ވުމުގެ މާނަ  އާއި އެކަން މެދުވެރިވާ ސަބަބުތަކާއި ހާލަތުގެ މަޢުލޫމާތު އެނގުމާ އަޅާބަލާއިރު، ދުޅަހެޔޮވެގެން ވުމާއި އަދި ފުދިގެން ވުން ތަޖުރިބާ ކުރުމާ ދެމެދު ވަނީ ހާދަހާ ބޮޑު ތަފާތެކެވެ. ރާބުޔުމުގެ ސަބަބުން ޢަމަލުވުމުގެ މާނަ (އެކަން ވަނީ ބަނޑުން އަރާ އާތްވަކުން ބުއްދީގެ ޖަގަހަ ބަލިވުންކަން) އެނގުމާއި ޢަމަލުވެގެން ވުމާ ހާދަ ތަފާތެވެ. ފަހެ، ޢަމަލުވެފައިވާ މީހާއަށް، އެ ޙާލަތުގައި އޭނާ ވާއިރު، ޢަމަލުވެގެން ވުމުގެ މާނަ އެއް ނޭނގެއެވެ. އަދި އޭނާއަށް އެކަން މެދުވެރިވީ ޢިލްމީ ގޮތުން ކިހިނެއްކަމެއް ނޭނގެއެވެ. އޭނާއަށް އެކަމުގެ އިލްމީ މަޢުލޫމާތު ކުޑަކޮށްވެސް ލިބިގެން ނުވެއެވެ. ރާބުޔުމުގެ ސަބަބުން މަސްތު ނުވަތަ އަމަލުވެފައި ނުވާ މީހާއަށް، ޢަމަލުވަނީ ކިހިނެއްކަމާއި ޢަމަލުވުމުން ވާގޮތް އެނގެއެވެ. ނަަމަވެސް އޭނާވަނީ އަމަލުވެގެންނެއް ނޫނެވެ. ހަމަ މިފަދައިން ބޭސްކުރާ ހަކީމަކު ބަލިވުމުން، ދުޅަހެޔޮކަމުގެ މާނައާއި އެޙާލަތު ގެނުވާ ސަބަބާއި ޞިއްޙަތު ލިބިގަތުމަށް ކުރަންޖެހޭ ފަރުވާ އެނގެއެވެ. އެކަމަކު އޭނާއަށް ޞިއްޙަތު ލިބިގެންނެއް އެ ވަގުތަކު ނުވެއެވެ. ހަމަ މިފަދައިން، ދުނިޔޭގެ އެދުންތަކުން އެއްކިބާވެ ޒާހިދުވެގެން އުޅުމުގެ ޝަރުޠުތަކާއި ސަބަބުތައް އެނގުމާއި ދުނިޔޭގެ އެދުންތަކުން ވަކިވެގެން އެފަދަ ދިރިއުޅުމެއް އުޅުން ހާދަ ތަފާތު ބޮޑެވެ.

އަހުރެންނަށް ވަރަށް ސާފުކޮށް އެނގުނީ ޒާހިދުވެގެން އުޅޭ މީހުންނަކީ ޙަޤީޤީ ތަޖުރިބާތަކެއް ކުރާ ބައެއް ކަމާއި، އެއީ ހަމައެކަނި ވާހަކަތަކެއް ކިޔާ ބައެއް ނޫންކަމެވެ. އަދި ފިކުރީ ގޮތުން، ތަކެތި އަޑުއަހައި ކިޔައިގެން އަހުރެންނަށް އެ މީހުންގެ މަގުން ދަތުރު ކުރެވޭނޭ އެންމެ ދުރަށް ދަތުރު ކުރެވިއްޖެ ކަމެވެ. ދެން އަހުރެންނަށް އިތުރަށް ކަންކަން ޙާޞިލްވާނީ ފޮތް ބަލައިގެން ނުވަތަ އިރުޝާދު އަޑުއަހައިގެން ނޫންކަމާއި އެމީހުންގެ މަގުން ހިނގައި، އެމީހުން ކުރަމުންދާ ތަޖުރިބާތައް ޙަޤީޤަތުގައި ވެސް ޙާޞިލުކޮށްގެން ކަމެވެ.

އަހުރެން ޙާޞިލް ކުރަން ހިއްމަތް ކުރި ޢިލްމުންނާއި، އަދި ފިކުރީ ޢިލްމާއި  ބާވާލެއްވި ޢިލްމުން (ފަލްސަފާ އާއި ފިޤުހުއިން) ﷲ ތަޢާލާ އަށާއި ނަބީބޭކަލުންނާއި އާޚިރަތް ދުވަހަށް އަހުރެންގެ އީމާން ގަދަވެގެން ވެއެވެ. މި އަސާސީ ތިންކަމަށް އަހުރެންގެ ނަފުސުގައި ގަދަ އީމާންކަމެއް ހަރުލީ ޖަދަލުކޮށްގެން ނެރުނު ސަބަބުތަކަކުން ނޫނެވެ. އެ އީމާންކަން ހަރުލީ ތަފްޞީލުކުރަން ދަތި ސަބަބުތަކާއި ދިމާވި ކަންތައްތަކަކާއި ތަޖުރިބާއިންނެވެ.

މިހާ ހިސާބަށް އާދެވުނު އިރު، އަހުރެންނަށް ސާފުކޮށް އެނގުނީ، އަންނަން އޮތް ދުނިޔޭގެ އުފައުވެރިކަމަށް އަހުރެންނަށް ދެވުމުގެ އުއްމީދު އޮތީ ހަމައެކަނި ﷲ އަށް ބިރުވެތިވުމުގެ ޙަޔާތެއް އުޅުމާއި ދެއްކުންތެރިކަމާއި ބޮޑާކަމުގެ އެދުންވެރިކަމުން ދުރުވެގެން ކަމެވެ. އަހުރެންނަށް އޮޅުމެއް ނެތި ފޙުމްވީ މި ޙާލަތަށް އައުމުގެ ތަޅުދަނޑިއަކީ ދުނިޔޭގެ އެދުންތަކާއި ހިތާ ގުޅިފައިވާ ވައު ކަނޑައިލުމަށް ފަހު، ބޮޑާކަމާއި ފަޚުރުވެރިކަމުގެ ކިއްލާއިން ނުކުމެ ދާއިމީ ދުނިޔެއަށް، މަތިވެރި ﷲ ޙަޟްރަތަށް ރުޖޫޢަވުމަށް ހިތްވަރާ އެކު މަސައްކަތްކޮށްގެން ކަމެވެ. އަހުރެންނަށް ސާފުކޮށް އޮޅުން ފިލީ މިކަން ކުރެވޭނީ މަޤާމާއި މުދައުވެރިކަމަށް ފުރަގަސްދީ، ވަގުތު ބޭކާރުކުރާ ދުނިޔެވީ ކަންތައްތަކުން ފޭވެގެންކަމެވެ.

ދެން އަހުރެންގެ ޙާލަތާ މެދު ނަޒަރު ހިންގައިލިއިރު ފާހަގަ ކުރެވުނީ އަހުރެން ވަނީ ދުނިޔޭގެ އެދުންތަކުގެ ވަލެއްގެ ހައްޔަރުވެގެން ކަމެވެ. ދެން އަހުރެންގެ މަސައްކަތަށް ބަލައިލިއިރު އެންމެ ރަނގަޅު ކަމެއްގެ ގޮތުގައި ފާހަގަ ކުރެވުނު ކަމަކީ ކިޔަވައިދިނުމާއި ތަޤްރީރުކުރުމެވެ. އެކަމަކު މިކަންކަމަށް ފުންކޮށް ވިސްނުމުން ދޭހަވީ، އަހުރެން މި ކިޔަވައިދޭ ޢިލްމަކީ މުހިއްމު އެއްޗެއް ނޫން ކަމާއި އާޚިރަތުގެ ޙަޔާތަށް އެއިން އެއްވެސް މަންފާއެއް ނުކުރާނޭ ކަމެވެ.

ދެން އަހުރެން ކިޔަވައިދިނުމުގެ ނިޔަތާ މެދު ފިކުރު ހިންގައިލުމުން ފާހަގަ ކުރެވުނީ އެކަން އަހުރެން ކުރަނީ ﷲ ގެ ރަޙްމަތަށް އެދިގެން ނޫންކަމާއި އެކަން ކުރަން އަހުރެން ޙަރަކާތް ކުރުވާ ކަމަކީ ނުފޫޒު ގަދަ މަޤާމެއްގެ އެދުވެރިކަމާއި ޢާއްމުންގެ މެދުގައި އަހުރެން މަޝްހޫރުވެގެންވުން ކަމެވެ. އަހުރެންނަށް ފެނުނީ އަހުރެންވަނީ ވެއްޓެންދާ ގުންޑޮޅިއެއްގެ މަތީގައި ކަމެވެ. އަހުރެންގެ އުޅުން ރަނގަޅު ނުކޮށްފިނަމަ، ނަރަކައިގެ އަލިފާނަށް ވެއްޓުން ގާތްވެފައިވާ ތަނެވެ.

ހަދާނެ ގޮތެއްގެ ފުރުޞަތު ލިބިއޮތް އިރު، ކަންކުރާނޭ ގޮތަކާ މެދު ދެން އަހުރެން އެތައް ދުވަހެއް ވަންދެން ފިކުރު ހިންގީމެވެ. އެއް ދުވަހަކު، މި ނިކަމެތި ޙާލަތުން ސަލާމަތްވުމަށް، ބަޣްދާދުން ނުކުތުމަށް ޢަޒުމް ކަނޑައަޅާނެއެވެ. ޖެހިގެން އަންނަ ދުވަހު އެ ޢަޒުމް ދޫކޮށްލާނެއެވެ. އެއް ފިޔަވަޅު ކުރިއަށް އެޅުމަށް ފަހު، އަނެއް ފިޔަވަޅު ފަހަތަށް އަޅާނެއެވެ. ހެނދުނުގައި ދާއިމީ ޙަޔާތުގެ ފަހަތުން ދަތުރުކުރުމަށް އެދޭ އެދުން، ދުނިޔެވީ އެތައް ކަންތައްތަކެއްގެ ޙަމަލާތަކުން އެ އެދުންވެރިކަމުގެ ބާރު މެންދުރު ފަސްވާއިރަށް ކަނޑުވާލާނެއެވެ.   ދުނިޔޭގެ ޝަހުވަތްތަކާއި ހިތްއެދޭ އެދުންތައް އަހުރެން ހިލިހިލާ ޖަހާ ހުރި ތަނުގައި ބެހެއްޓުމަށް ބާރު އަޅަމުން ދިޔައެވެ. މިހެން ކަމަކު، އީމާން ކަމުގެ އަޑު ގޮވަނީ މިހެންނެވެ: ”ތިޔަ ތަނުން ދާށެވެ. ދާށެވެ. ކަލޭގެ ޢުމުރުގެ ބާކީ އޮތީ މަދު ދުވަސްކޮޅެކެވެ. ކަލޭގެ ކުރިމަތީގައި އޮތް ދަތުރު ދިގެވެ. އަވަދިނެތިކަމުގައި ކަލޭ ތި ހިފަހައްޓާ (ފިކުރީ އަދި ޢަމަލީ) ކަންތައްތަކަކީ، ހެއްލުންތެރިކަމާއި ބިލާހެކެވެ. އެކަންކަމުގެ ޙަޤީޤީ ވަޒަނަށް ވުރެ ބޮޑުކަމެއްގެ ގޮތުގައި ދައްކާ ކަންކަމެވެ. ދާއިމީ ދިރިއުޅުމަށް މިހާރު ތައްޔާރު ނުވާނަމަ، ދެން ތައްޔާރުވާނީ ކޮން އިރަކުން ހެއްޔެވެ؟ ދުނިޔަވީ ތި ކަންތައްތަކާ ކަލޭ ބަދެވިފައިވާ ބަދެވުން ކަނޑާނުލާ ނަމަ، އެ ވައުތައް ކަނޑާލާނީ ކޮން އިރަކުން ހެއްޔެވެ؟“ ހިތުގެ މިއަޑު އަހާފައި، ދަތުރު ފެށުމުގެ އެދުންވެރިކަން އިތުރުވެ، ފުރަން ޢަޒުމް ކަނޑައަޅަމެވެ.

އެކަމަކު، ލަހެއް ނުވެ އަނެއްކާ އިބިލީސް އަވަލައެވެ: ”މިއީ ވަގުތީ ފިކުރެކެވެ.“ އެކަލޭގެ ކިޔައިދެއެވެ: ”އެފިކުރުތަކަކަށް ދީލާނުލާށެވެ. އެއީ އެކަންކަން ދާދި އަވަހަށް ނެތިދާނެއެވެ. އެ ޚިޔާލުތަކަށް ތަބަޢަވެ، މި ނުފޫޒު ގަދަ މަޤާމާއި، ދަތިތަކާއި ދުއްތުރާތަކުން ރައްކާތެރިވެގެންވާ، ކަލެއާ  ދެކޮޅު މީހުންގެ އަރައިރުންތަކުން އަތްނުލެވޭ ސަލާމަތް ހިސާބުގައިވާ،  މި އަރާމު އަދި ޤަދަރުވެރި ހާލަތް ދޫކޮށްލައިފި ނަމަ، ޙިއްސުތައް މަސައްކަތް ކުރަން ފެށުމުން މި ޙާލަތު އަށް ރުޖޫޢަ ވުމަށް ފަސޭހައެއް ނުވާނެއެވެ. “

ހިޖްރީ ސަނަތުން 488 ވަނަ އަހަރުގެ ރަޖަބު މަހުން (1095 ޖުލައި އިން) ފެށިގެން ގާތްގަޑަކަށް ހަ މަސް ދުވަސް ވަންދެން އަހުރެންވީ ދުނިޔޭގެ އެދުންތަކުގެ ދެމުމާއި ދާއިމީ ދިރިއުޅުމުގެ ދަޢުވަތާ މިދެކަމުގެ ދެމެދުގައި އުރުއްޓުމެއްގައެވެ. (އުރުއްޓުމަކީ އޮޑިދޯނިފަހަރުގެ ފުލުބާރު ކުޑަކަމުން ދެފަރާތަށް ހެލޭހެލުމެވެ.) ދެން އެ މުއްދަތް ނިމުނު އިރު، މިކަން އިޙްތިޔާރީ ކަމަކަށް ވުރެ ބޮޑަށް މަޖުބޫރު ކަމަކަށް ވެއްޖެއެވެ. މާތް ﷲ އަހުރެންގެ ދޫ ހިއްކުވައި، ތަޤްރީރުކުރުމަށް ނުކުޅެދުންތެރި ކުރައްވައިފިއެވެ. އަހުރެންގެ ދަރިވަރުންގެ ހިތަށް އުފައުވެރިކަން ގެނެސްދިނުމަށް އެދި ތަޤްރީރު ކުރަން ހިތްމަތް ވަކި ދުވަހަކު ކުރިއަސް، ދުލުން އެންމެ ބަހެއް ވެސް ނުބުނެވެއެވެ. އަދި އެއް ކަމެއްވެސް ނުކުރެވެއެވެ.

ވާހަކަ ދެއްކުމަށް މިއައި ހުރަހުގެ ސަބަބުން އަހުރެންގެ ހިތަށް މޮޅިވެރިކަން ވެރިވިއެވެ.  އަދި ހަމަ މިއާ އެކު، އަހުރެންގެ ހަށިގަނޑުން ކާތަކެއްޗާއި ބޯތަކެތި ޙަޖަމުކުރުމަށް އުނދަގޫ ވެއްޖެއެވެ. އަހުރެންނަށް ކާނާގެ އެންމެ ސުވަލެއް ދިރުވާލުމަށް ނުވަތަ ހަޖަމު ކުރުމަށް ދަތިވިއެވެ. އަހަރެންގެ ބާރުތައް ބަލިކަށިވެ، ޙަކީމުން، ކާމިޔާބު އާ އެކު ބޭސްކޮށް ރަނގަޅުކުރުމުގެ އުއްމީދު ކަނޑާލައިފިއެވެ. ”މި ބަލި އުފެދެނީ ހިތުންނެވެ.“ އެމީހުން ބނެތެވެ. ”އަދި ހިތުން ހަށިގަނޑުގެ ހުރިހާ ބަޔަކަށް އެ ފެތުރިއްޖެއެވެ. މި ބައްޔަށް އޮތް ހަމައެކަނި ޝިފާއަކީ، ހިތަށް ވެރިވި ނުތަނަވަސްކަން ލުއިކުރުމެވެ.“

ވަރު ނެތްކަން އިޙްސާސް ކުރެވި، ކަންކަން ވަކިގޮތަކަށް ކުރުމުގެ އިޚްތިޔާރު ގެއްލުމުން، ގޮތް ހުސްވެފައިވާ މީހެއްގެ ގޮތުގައި ސަލާމަތްކަން ހޯދަން އަހުރެން އެނބުރުނީ މާތް ﷲ ގެ ކިބަފުޅަށެވެ. އެކަލާންގެ އަހުރެންނަށް ޖަވާބު ދެއްވިއެވެ. އެކަލާނގެއީ ”ދަތި އުނދަގޫ ހާލު ޖެހިފައިވާ މީހާ، އެކަލާނގެ އަށް ދުޢާ ކުރާ ހިނދު އެމީހާގެ ދުޢާ އިޖާބަ ކުރައްވާ“ ކަލާނގެ އެވެ. (ކީރިތި ޤުރްއާންގެ 27 ވަނަ ސޫރަތުގެ 62 ވަނަ އާޔަތުން ބައެއް). އެކަލާނގެ އަހުރެންގެ ހިތް، މަޤާމާއި މުދައުވެރިކަމުންނާއި ދަރިންނާއި ރައްޓެހީންގެ ފަރާތުން އެނބުރޭން ފަސޭހަ ކުރެއްވިއެވެ. ދެން އަހުރެން މައްކާއަށް ދިއުމަށް ކަނޑައެޅި ވާހަކަ ހާމަކޮށް، ސިއްރިޔާތުގައި، ޝާމްއަށް (ސީރިޔާއަށް) ދިއުމަށް ތައްޔާރީތައް ވާން ފަށައިފީމެވެ. އަހުރެން މިގޮތަށް ނިންމީ ޚަލީފާ އާއި އަހުރެންގެ ރައްޓެހީން، އަހުރެން ވަޒަންވެރިވާ ތަނެއްގެ ގޮތުގައި ޝާމް ހެދުމަށް އިންކާރުކޮށްފާނެތީ އެވެ. ދެން އަހުރެން ބަޣްދާދުން ދިއުމަށް މި ރޭވި ރޭވުން ތަންފީޒުކުރީމެވެ. އަހުރެންގެ ހިތުގައި ބަޣްދާދަށް އެނބުރި އައުމެއް ނެތެވެ. ޢިރާޤުގެ ދީނީ ޢިލްމުވެރިން އަހުރެންގެ ވާހަކަތައް ދައްކައި ހެދިއެވެ. އެމީހުންނަށް ޤަބޫލު ކުރެވުނު ގޮތުގައި، އަހުރެން ހުރި ފަދަ މަޤާމެއްގައި ހުރި މީހަކު އަދި އެއިން އެއްވެސް ޢިލްމުވެރިއަކު ދީނީ ސަބަބަކާ ހެދި މަޤާމުން ވަކި ނުވާނެ އެވެ. އެމީހުން ދެކޭ ގޮތުގައި އަހުރެން ހުރި މަޤާމަކީ، ދީނީ ވަޒީފާތަކުގެ އެންމެ އުސް ކުންނެވެ. މިއީ އެމީހުންނަށް ޢިލްމް ލިބިފައިވާ މިންވަރެވެ.

އަހުރެން ކަންތައް ކުރިގޮތް ދެނެގަންނަށް އުޅުނު ފަރާތްތަކަށް ވަރަށް ބޮޑު އޮޅުމެއް އެރިއެވެ. ޢިރާޤާއި ދުރުގައިވާ ހިސާބުތަކުގެ މީހުން ހީކުރީ އަހުރެން ކަންތައް ކުރީ ސަރުކާރުން ކޮންފާނެ ކަމަކަށް ބިރުން ކަމަށެވެ. އަނެއް ކޮޅުން ސަރުކާރުގެ ދާއިރާ އާ ގާތް މީހުންނަށް އެކި ކަންތަކުގައި އަހުރެން އެމީހުން ހޯދާ މިންވަރު އެނގި އަހުރެން އެމީހުންނާ ދުރަށް ދިޔަ ގޮތް ފާހަގަ ކުރެވި އެމީހުން ދެއްކި ވާހަކައަށް އަޅާލުން ހުރި މިންވަރު އެނގި ބުނެއެވެ: ”މިއީ އުޑުން އައި ކަމެކެވެ. މިއީ އިސްލާމްދީނަށް، ޚާއްޞަކޮށް ޢިލްމު ލިބިގެން ތިބި މީހުންގެ ޖަމާޢަތަށް އައި އެސްފީނާއެކެވެ. “

ދަރިންނަށް އުޅެވޭނޭ މިންވަރަށާއި އަހުރެންނަށް ކައިބޮއެ އުޅެވޭނޭ މިންވަރު ނެގުމަށް ފަހު، އަހުރެންގެ ހުރި ހުރިހާ މުދަލެއް ބަހާލައި ބަޣްދާދުން ފުރައިފީމެވެ. ދަރިންގެ ޚަރަދުތަކަށް ފައިސާ ފޯރުކޮށްދިނުމަކީ ފަސޭހަ ކަމެކެވެ. ޢިރާޤްގެ މުއްސަނދިކަން، ފައިދާ ހުރި މަސައްކަތްތަކަށް ލިބިގެން ވެއެވެ. އެއީ މުސްލިމުންގެ މަންފާއަށް އޮންނަ ފަންޑަކުންނެވެ. އިސްލާމް ދީނުގެ ޢިލްމުހޯދާ މީހަކަށް އޭނާގެ ދަރިންނަށް ޚަރަދު ކުރެވޭނޭ ޢިރާޤުގައި އޮންނަ ނިޒާމަށް ވުރެ ފުރިހަމަ ނިޒާމެއް އަހުރެންނަށް ދުނިޔޭގެ އެއްވެސްތަނަކުން ފެނިފައެއް ނުވެއެވެ.

ދެން ދުވަސްތަކެއްގެ ފަހުން އަހުރެންނަށް ދިމިޝްޤަށް ދެވިއްޖެއެވެ. އެރަށުގައި އަހުރެން ދެ އަހަރު ވަންދެން، ﷲ ހަދުމަކުރުމާއި ޚަލްވަތުގައި އުޅުނީމެވެ. އަހުރެންނަށް ސޫފީންގެ ގޮތްތަކުން އެނގިފައިވާ ފަދައިން، އެހެން ކަންތައްތަކުން ވަކިވެ، އަހުރެންގެ ނަފުސު ޠާހިރުކުރުމުގައި އާއި، އަޙްލާޤު ތަހުޒީބުކޮށް ރީތިކުރުމުގ އާއި ﷲ އަބަދު ހަދުމަކޮށްގެން ހިތް ސާފުކުރުމުގައި ވީމެވެ. ދިމިޝްޤުގެ ބޮޑު މިސްކިތަށް ބައެއް ފަހަރު ގޮސް އުޅުނީމެވެ. އަދި އެ މިސްކިތުގެ މުންނާރަށް އަރައި، އެކަނިވާންވެގެން، މުޅި ދުވަހު އެހެން ކަންތައްތަކުން ވަކިވެގެން އިންނަމެވެ.

ދެން ދެ އަހަރަށް ފަހު، ދިމިޝްޤުން ފުރައި بيت المقدس އަށް ދިޔައީމެވެ. މިތަނުގައި ކޮންމެ ދުވަހަކު ގޮސް އެކަނި އިންނަމެވެ.

މިއަށް ފަހު، އަހުރެންގެ ހިތަށް ޙައްޖަށާއި މައްކާ އާއި މަދީނާް އަށް ޒިޔާރަތްކޮށް އެތަނުގެ ބަރަކާތް ލިބިގަތުމަށާއި رسول الله صلى الله عليه وسلم ގެ ޒިޔާރަތްފުޅަށް ދިއުމަށާއި މާތް ﷲ ޞަލާވާތާއި ސަލާމް ލެއްވި އިބްރާހީމްގެފާނުގެ ޤަބުރުފުޅަށް ޒިޔާރަތް ކުރުމުގެ އެދުންވެރިކަން އުފެދިއްޖެއެވެ. ދެން އެހެންވެ، އަހުރެން ޙިޖާޒަށް ދަތުރު ފެށީއެވެ. ނަމަވެސް، މާ ގިނަ ދުވަސްތަކެއް ނުވެ، އަހުރެންގެ ދަރީންގެ އެދުންތަކާއި  އެހެން ޟަރޫރަތްތައް އެނބުރި ބަޣްދާދަށް އަހުރެން ގެންގޮސް ފިއެވެ. އެއް އިރަކު، ބަޣްދާދަށް އެނބުރި އަންނާނެ ކަމަށް އެންމެ ބޮޑަށް ޤަބޫލު ނުކުރާނެ މީހަކީ އަހުރެންނެވެ. މި ރަށުގައި ވެސް، އަހުރެން ޚިޔާރުކުރީ ޚަލްވަތެވެ. އެކަނިވެރިކަމެވެ. އަދި ހިތް ސާފުކުރުމަށް ޒިކުރުކުރުމުގައި ހޭދަކުރީމެވެ. އެކަމަކު ޒަމާން ގެނުވާ ހާދިސާތަކާއި، އާއިލާއާ ބެހޭ އެކި ކަންކަމާއި ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމުގެ ސަކަރާތްގަނޑުން ޚަލްވަތުގެ ހަމަހިމޭންކަން ހޯދުމުގެ މަޤްޞަދަށް އަސަރުކުރުވިއެވެ. އަހުރެންނަށް ޒިކުރުކުރުމުގެ ހިތްހަމަ ޖެހުން ލިބެނީ ބައެއް ފަހަރުއެވެ. އެކަމަކު އެ މަޤްޞަދު ޙާޞިލްކުރުމުގައި އަހުރެން ފިލާ ނުދަމެވެ. އެކި ހުރަސްތައް އެކަމާ އަހުރެން ދުރުކުރިއަސް އަނބުރާ އެކަމަށް އިޢާދަވަމެވެ.

މި ފިޔަވަހީގައި އަހުރެން ދިހަ އަހަރުގެ މުއްދަތަށް އުޅުނީމެވެ. މި ޚަލްވަތުގެ ދުވަސްވަރު، އަހުރެންނަށް ހާމަވެ ކަޝްފުވެގެން ދިޔައީ ޢަދަދު ނުކުރެވޭ، އޭގެ ފުންކަން ބަޔާން ނުކުރެވޭނޭ ކަންތައްތަކެކެވެ. އެކަންތައްތަކާ ބެހޭ ގޮތުން، އެހެން މީހުންނަށް އެހީއަކަށް ވެދާނެތީ މި މިންވަރަށް އަހުރެން އެ ވާހަކަތައް ބަޔާން ކުރަމެވެ. އަހުރެންނަށް ޔަޤީން ކަމާ އެކު ދަސްވީ، ސޫފީންނަކީ އެހެންކަންކަމަށް ވުރެ ބޮޑަށް، މާތް ﷲ ގެ މަގުގައި ހިނގާ މީހުންކަމެވެ. އެމީހުންގެ ދިރިއުޅުމުގެ ގޮތްތަކަކީ އެންމެ ރަނގަޅު ގޮތްތަކެވެ. އެމީހުންގެ އަޚްލާޤަކީ އެންމެ ރަނގަޅު އަޚްލާޤެވެ. ކަށަވަރުން، މުފައްކިރުންގެ ފިކުރާއި ޙިކްމަތްތެރިންގެ ޙިކްމަތާއި ބާވާލެއްވި ޢިލްމުތަކުގެ ސިއްރުތައް މަޢުރިފާކޮށްފައިވާ ޢިލްވެރިންގެ ވާހަކަތައް އެއްކޮށްގެން، ސޫފީންގެ އަޚްލާޤުން ކަމެއް ބަދަލުކޮށް އިތުރަށް ފުރިހަމަ ކުރަން އުޅެފިނަމަ، އެމީހުންނަށް އެކަމެއް ނުވާނެތެވެ. އެމީހުންނަށް، ހުރިހާ ޢަމަލުތަކާއި ހުރިހާ އަރާމެއް، އެއީ ނަފުސުގެ އެތެރޭގެ ނުވަތަ ބޭރުފުށުގެ ކަމެއް ކަމުގައި ވިއަސް، އެމީހުން އެކަންކަން ދެނެގަންނަނީ، ނުބުއްވަތުގެ ނޫރުގެ އަލީންނެވެ. ބިމު ގައި އެނޫނީ އަލިކަން ލިބޭނޭ އެހެން ނޫރެއް ނުވެއެވެ.

ޖުމުލަގޮތެއްގައި، މި ޠަރީޤާ (މަގު، ކަމެއްކުރާ ގޮތް، އެއްޗެއް ހަދާގޮތް، ސިސްޓަމެއް ޕްރޮސިސް އެއް ނުވަތ ޕްރޮސީޖަރ އެއް) މީހުން ސިފަކުރަނީ ކިހިނަކުން ހެއްޔެވެ؟ ޠާހިރުކަން (ނުވަތަ ސާފުކަން، މައް ކަން) އެއީ އެކަމުގެ ފުރަތަމަ ޝަރުޠެވެ. އެއީ ﷲ ފިޔަވައި އެހެން ހުރިހާ އެއްޗަކުން ހިތް ޠާހިރުވެގެން ވުމެވެ. އެކަމުގެ ތަޅުދަނޑި އަކީ، ނަމާދުކުރަން ފަށަން ކިޔާ ތަކްބީރު އާ އެއްފަދަ ގޮތެއްގައި، އިންސާނާގެ ހިތް ﷲ ހަދުމަކުރުމުގައި މުޅިން ޤަރާރުވެގެން ވުމެވެ. {އިނގިރޭސި ތަރުޖަމާގައި މިކަމުގެ ތަފްޞީލު އިތުރަށް ހިމަނާފައި ވެއެވެ. ޣަޒާލީ ބޭނުންކޮށްފައިވާ ލަފުޒަކީ ތަޙްރީމެވެ. އެއީ މަނާވެގަތުމެވެ. ނަމާދު ފެށުމަށް ކިޔާ ”الله އަކްބަރު (މާތް ﷲ ހުރިހާ ކަމަކާ އެއްޗަކަށް ވުރެ ކުޅަދުންވަންތަ ވެގެން ވެއެވެ)“ އަށް ކިޔަނީ ތަކްބީރުއްތަޙްރީމެވެ. ސަބަބަކީ، މި ތަކްބީރު ކިޔުމަށް ފަހު، އެހެންޏާ ހުއްދަ ކަންތައްތަކެއް ނަމާދުކުރާ މީހާއަށް މަނާވެގެންދާ ކަމަށްޓަކައެވެ. މި ވާހަކަ އިތުރަށް Calvereley ގެ Worship in Islam މިފޮތުގެ 8 ވަނަ ޞަފުޙާގައި ވެއެވެ.} އެކަމުގެ ނިމުމަކީ ﷲ ހަދުމަކުރުމުގައި މުޅީން ގެއްލިފައި (ފަނާ ވެފައި) ވުމެވެ. އެކަމަކު ފަހުން މިބުނި ނިމުން ނިސްބަތް ކުރެވެނީ އެކަމުގެ ފުރަތަމަ ފިޔަވަހި ތަކަށެވެ. މިކަންކަން މީހާގެ އަމިއްލަ ބާރާއި އިޚްތިޔާރުގައިވަނީ ކިރިޔަ ކިރިޔާ އެވެ. އެކަމަކު މިއީ، ޠަރީޤާ ގެ މަގުގައި ފިޔަވަޅު އަޅަން ފެށުމެވެ. އަދި އޭގެ ކުރިން އައި ހުރިހާ ފިޔަވައްސަކީ، ދަތުރުކުރާ މީހަކު، މަންޒިލަށް އާދެވުމުގެ ކުރިން ވަދެވޭ ޖަގަހައެއް ފަދަ ފިޔަވައްސެކެވެ.

މި ޠަރީޤާގެ ފުރަތަމަ ފިޔަވަހީގައި މީހުންނަށް ފަރުދާތަކެއް އުފުލި އެހެނޏާާ ނުފެންނަ ތަންތަން ކަޝްފުވެއެވެ. މި މީހުންނަށް، ހަމަ ހޭގައި، މަލާއިކަތުންނާއި ރަސޫލުންގެ ރޫޙް ފެނެއެވެ. އެފަރާތްތަކުން އެމީހުންނާ މުޚާޠަބު ކުރާ އަޑު އެމީހުންނަށް އިވި، އިރުޝާދު ލިބެމުން ދެއެވެ. މިއަށް ފަހު، މިއަށް ވުރެ މަތިވެރި ދަރަޖައަކަށް އެމީހުންގެ ޙާލަތު ދެއެވެ. މި ޙާލަތުގައި، ސޫރަތަކާ ވައްތަރު ސިފަތައް ފެނުމުގެ ދަރަޖައަށް ވުރެ، ލަފުޒުން ބަޔާން ނުކުރެވޭނޭ ޙާލަތަކަށް ބަދަލުވެއެވެ. މި ޙާލަތު ސިފަ ކުރަން އުޅެފިނަމަ، އޭނާގެ ލަފުޒުތަކުގައި ޔަޤީނުންވެސް ކުށް ހުންނާނެއެވެ.

ޖުމުލަގޮތެއްގައި ބުނާނަމަ، އެމީހުންނަށް ޙާޞިލް ކުރެވޭ ކަމަކީ، ކަލާނގެއާ ގާތްކަމެކެވެ. މި ގާތްކަން އެއް ބަޔަކު، ޙުލޫލް (އެކުގައިވުން) ގެ ގޮތުގައި، އަދި އަނެއް ބަޔަކު އިއްތިހާދު (ގުޅިގެންވުން) ގެ ގޮތުގައި އަދި އެހެން ބަޔަކު ވުޞޫލް (ފޯރުން) މި ފަދަ ލަފުޒު ތަކުން ސިފަ ކުރެއެވެ. އެކަމަކު މި ހުރިހާ ސިފަކުރުމެއް ގޯހެވެ. އަހުރެންގެ ފޮތް، ”މަތިވެރި މަޤްޞަދު“ (المقصد الأسنى) މި ކުށް ޚިޔާލާތު އޮޅުންފިލުވާ ދީފައި ވާނެއެވެ. އެކަމަކު ެ އެ ޙާލަތަށް ދެވިއްޖެ މީހާ، މިއަށް ވުރެ އިތުރަށް އެއްޗެއް ބުނުން ބޭނުމެއް ނޫނެވެ:

އެ ތާނގައި ވި، އަހުރެން ހަނދާން ނެތް އެއްޗެތި، ވީ އެއްޗެތި ވިއެވެ.

އެކަމާމެދު ރަނގަޅަށް ހީކުރާށެވެ. އަދި ތަފްޞީލަށް ނާހާށެވެ!

(އިބްނު  އަލްމުޢުތާޒު)

ޖުމުލަގޮތެއްގައި، މާތް ރަސްކަލާނގެ އެމީހަކަށް ގާތް ތަޖުރިބާއެއް ދެއްވައިފައި އެއްވެސް ގޮތަކަށް ނުވާ ނަމަ، އޭނާއަށް ނަބަވީ ޙަޤީޤަތުން ނަން ނޫން އިތުރު އެއްޗެއް ފަހުމެއް ނުވެއެވެ. އަދި ވަލީ ވެރިންނަށް ދެއްވާފައިވާ ކަރާމާތްތަކަކީ، ނަބިއްޔުންގެ ފެށުމެވެ. މިއީ رسول الله صلى الله عليه وسلم، ހިރާ ފަރުބަދައަށް އަރުއްވައި، މާތް ﷲ އަށް އަޅުކަން ކުރެއްވުމުގައި މުޅީން ހުސްވެވަޑައިގެން އިންނެވި އިރުގެ ޙާލުކޮޅެވެ. ބަދަވީ އަކު މިހެން ބުނީ އެހެން ވެގެންނެވެ: ”ހަމަ ކަށަވަރުން މުޙައްމަދު (ޞ.ޢ.ޥ) އެކަލޭގެފާނުންގެ ކަލާނގެ ދެކެ ލޯބިފުޅު ވެއެވެ.“

 މި ޙާލަތަކީ އާދަޔާ ޚިލާފު  ރޫޙާނީ ޙާލަތެކެވެ. އެ ޙާލަތް ޙިއްސުތަކުން ސީދާ ތަޖުރިބާ ކުރެވެނީ އެ މަގުން ކުރިއަށް ހިނގާ މީހުންނަށެވެ.  މި ތަޖުރިބާ މިގޮތަށް ލިބި ނުގަނެވޭ މީހުންނަށް އޮތީ ދެގޮތެކެވެ. އެއްގޮތަކީ، އެފަދަ މީހުންނާ ގުޅި ނުވަތަ އެމީހުންގެ އުޅުން ބެލުމެވެ. ދެން އޮތް ގޮތަކީ، އެމީހުންގެ ވާހަކަތައް އަޑުއެހުމެވެ. އެމީހުންނާ ގިނައިން ބައްދަލުވެވޭ ފުރުޞަތްތައް ލިބޭނަމަ، ޔަޤީން ކަމާ އެކު އެމީހުން އެ ތަޖުރިބާ ކުރާ އާދަޔާ ޚިލާފު ޙާލަތްތަކުގެ ރަހަ އެނގޭނެއެވެ. އެމީހުންގެ ޖަމާޢަތުގައި ބައިވެރިވާ ކޮންމެ މީހަކަށް އެމީހުންގެ ފަރާތުން މި ޤަބޫލުކުރުން ލިބިގަނެވޭނެއެވެ. އެ ޖަމާޢަތްތަކުގައި ބައިވެރިވާ ބަޔަކަށް ދެރަގޮތެއް މެދުވެރިއެއް ނުވާނެއެވެ.

އެމީހުން ފަދަ ބަޔަކާ ގުޅޭނޭ ފުރުޞަތު ނެތް ބަޔަކަށް ޔަޤީން ކަމާ އެކު މި އާދަޔާ ޚިލާފު ހިތްހަމަޖެހުން ލިބިގަނެވޭނީ އެމީހުން ދައްކާ ޙަޤީޤަތްތަކުގެ ދަލީލުންނެވެ. މިވާހަކަ އަހުރެންގެ ފޮތް ”ދީނުގެ ޢިލްމު އަލުން ދިރުވުން“ (إحياء علوم الدين)  ގެ ”ހިތުގެ ޢަޖާއިބުތައް“ މި ބާބުގައި ހިމަނާފައި ވާނެއެވެ.

ޔަޤީނުންވެސް، މީހުންނަށް ކުރިމަތިން ދައްކައިގެން (apodeictic proof) ޙާޞިލް ވަނީ ޢިލްމެވެ. އަދި ރޫޙާނީ ޙާލަތް ދަސްވަނީ ޛައުޤު ނުވަތަ ޙިއްސުތަކުގެ ތަޖުރިބާއިންނެވެ. ކަންކަން އެއީ ހަމަ ދައްކާ ވާހަކައެއް ނޫންކަމާއި އެއީ ޙަޤީޤަތްކަން ހާމަކޮށްދޭނީ އީމާނުންނެވެ. މިއީ ތިން ދަރަޖައެވެ. ”ތިޔަބައި މީހުންގެ ތެރެއިން އީމާންވީ މީހުންނާއި ޢިލްމު ލިބިގެންވާ މީހުން ﷲ ދަރަޖަތަކަކަށް އުފުއްލަވާނެތެވެ.“ {އަލްމުޖާދިލާ ސޫރަތުގެ 11 ވަނަ އާޔަތުން ބައެއްގެ މާނަ}.

މަތިވެރި ޢިލްމު ލިބިގެންވާ މީހުންގެ ފަހަތުގައި، ތަންދޮރު ނުދަންނަ މީހުންތަކެއް ވެއެވެ. މި މީހުންތައް މިވާހަކަތައް މުޅީން (އަސާސީގޮތުން) ދޮގު ކުރެއެވެ. އަދި މި ރޮނގުން ދައްކާ ވާހަކަ އާ މެދު އާސޯޚު ވެއެވެ. އެމީހުން އެ ވާހަކަތައް އަޑުއަހާ މަލާމާތުގެ ގޮތުން ބުނެއެވެ: ”ޢަޖާއިބެކެވެ. އެމީހުން އެ ދައްކަނީ ތާކުންތާކުޖެހޭ ވާހަކައެއް ނޫނެވެ.“ މިފަދަ މީހުންނާއި މެދު الله تعالى ވަޙީ ކުރައްވާފައި ވެއެވެ: ”އެއުރެންގެ ތެރެއިން (އެބަހީ ކާފިރުންގެ ތެރެއިން) ބަޔަކު، ކަލޭގެފާނު ވިދާޅުވާ  ވިދާޅުވުމަށް އަހައި އުޅެތެވެ. ކަލޭގެފާނުގެ އަރިހުން އެމީހުން ނުކުންނަ ހިނދު، ޢިލްމު ލިބިގެންވާ މީހުންނަށް އެއުރެން ބުނެތެވެ. އެކަލޭގެފާނު ދެންމެއަކު ވިދާޅުވީ ކީކޭ ހެއްޔެވެ؟ އެ އުރެންނީ، ﷲ އެއުރެންގެ ހިތްތަކުގައި ސިއްކަ ގައްސަވައި، ބަންދުކުރައްވާފައިވާ މީހުންނެވެ. އަދި އެއުރެންނީ އެ އުރެންގެ ހަވާ ނަފުސު ގެ އެދުންތަކަށް ތަބަޢަވެގެންވާ މީހުންނެވެ.“ {މުޙައްމަދު ސޫރަތުގެ 16 ވަނަ ޢާޔަތް}. ކަލާނންގެ އެމީހުންގެ ކަންފަތް ބީރު ކުރައްވައި، ލޯ ކަނު ކުރައްވާފައި ވެއެވެ.

ސޫފީން އުޅޭގޮތް ތަޖުރިބާ ކުރުމުގެ ސަބަބުން އަހުރެންނަށް އެނގެންޖެހިގެން ސާފުވީ ނަބީ ކަމުގެ ތެދުކަމާއި އެކަމުގެ ޚާއްސަ ސިފަތަކެވެ. ވީމާ، ބޭނުން ބޮޑުވެފައިވާތީ، ނަބީކަމުގެ ތަރަހަ (ބިންގަލަށް) ސަމާލުކަން ދޭން ޖެހެއެވެ.